އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިރޭ ކުރި މުޒާހަރާގައި މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝްއާއެކު ނުވަ މީހަކު ހައްޔަރުކޮށްފިއެވެ.

ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު "ސަން"އަށް ވިދާޅުވީ މިރޭގެ މުޒާހަރާގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ދާންދޫ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު އައްސަދު ވެސް ހިމެނޭ ކަމަށެވެ.

އިންޑިއާގެ ސިފައިން ރާއްޖޭގައި ގާއިމްވެ ތިބުމާ ދެކޮޅަށާއި އިދިކޮޅު ލީޑަރު، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިނިވަން ކުރުމަށް ގޮވާލައި ކުރިއަށްގެންދާ މި މުޒާހަރާތަކުގައި މީގެ ކުރިން ވެސް ނަރީޝް ހައްޔަރުކޮށްފައިވެއެވެ. އެގޮތުން މިދިޔަ އަހަރުގެ މާޗު މަހު ބޭއްވި މުޒާހަރާއެއްގެ ތެރެއިން ވެސް އޭނާ ހައްޔަރުކުރިއެވެ.

ޕީޕީއެމްއިން ބުނި ގޮތުގައި، ނަރީޝްގެ އިތުރުން މިރޭ ހައްޔަރުކުރި މީހުންގެ ތެރޭގައި އެ ޕާޓީގެ ދެ ސެނެޓަރަކާއި އަންހެނުންގެ ގޮފީގެ ދެ މެމްބަރަކު ހިމެނެއެވެ. އަދި ހުޅުމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އެ ޕާޓީގެ މެމްބަރު ސަމިއްޔާ އަބްދުالله ވެސް މުޒާހަރާ ތެރެއިން ހައްޔަރުކޮށްފައިވާ ކަމަށް އެ ޕާޓީން ބުންޏެވެ.

އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީއިން ދަނީ މާލެއާއި އަތޮޅުތެރޭގައި ސިލްސިލާ މުޒާހަރާތައް ބާއްވަމުންނެވެ.