"ޕަތާން"ގައި ފެނިގެންދިޔަ ރުބައި، އާއި "އޭކްތާ ޓައިގާ"ގެ ޒޯޔާ އެއް ފިލްމަކުން ފެނުމުގެ ފުރުޞަތު ބޮޑުކަމަށް "ޕަތާން"ގެ ލިޔުންތެރިޔާ ބުނެފިއެވެ.

މިފިލްމުގެ ޚިޔާލު ޙަޤީޤަތަކަށް ވެއްޖެނަމަ ފިލްމު ގެނެސްދޭނީ ވައި.އާރް.އެފްގެ ސްޕައި ޔުނިވާސް ކުންފުނިންކަމަށްވެސް މިފަރާތުންވަނީ ބުނެފައެވެ. އަދި މިފިލްމު ވެގެންދާނީ ދެ އަންހެނުން ލީޑް ރޯލްއިން ފެންނަ ސްޕައި ފިލްމަކަށްކަމަށް "ޕަތާން"ގެ ލިޔުންތެރިޔާވަނީ ބުނެފައެވެ.

ޔަޝް ރާޖް ކުންފުނީގެ ވެރިޔާ ޑައިރެކްޓާރު އަދިތްޔާ ޗޯޕްރާގެ ޚާއްޞަ ބެލުމުގެ ދަށުން ހިންގާ ވައި.އާރް.އެފްގެ ސްޕައި ޔުނިވާސް ޚާއްޞަކޮށްފައިވަނީ ސްޕައި އެކްޝަން ތްރިލާސް އުފެއްދުމަށެވެ. އެގޮތުން ބަތަލާ ދިޕިކާ ޕަދުކޯން އެންމެ ފަހުން ފެނިގެންދިޔަ ކާމިޔާބު ފިލްމު "ޕަތާން"އަކީ މިކުންފުނީގެ ދަށުން އުފެއްދި ފިލްމެކެވެ. ހަމައެއާއެކު ބަތަލާ ކެޓްރިނާ ކައިފް ލީޑް ރޯލްއިން ފެނިގެންދާ "ޓައިގާ" ފްރެންޗައިޒްއަކީވެސް މިކުންފުނިން އުފައްދަމުން އަންނަ ފްރެންޗައިޒްއެކެވެ. ފިލްމު "ޕަތާން" ބޮކްސް އޮފީސް ފަތަޙަކުރުމުގައި ކުރި ހޯދާފައިވާއިރު ކެޓްރީނާގެ ފިލްމު "ޓައިގާ3" މިއަހަރުގެ ނޮވްމެބަރު 10ގައި ރިލީޒްކުރުމަށްވަނީ ތާވަލުކޮށްފައެވެ.

"ޕަތާން"ގެ ލިޔުންތެރިޔާ ސްރީދާރް ރާގްވަން ބުނެފައިވަނީ ދެ އަންހެން ތަރިން އެކީގައި ލީޑްއިން ފެންނަ ސްޕައި ފިލްމުގެ ޚިޔާލު ވަރަށް ޝައުޤުވެރިކަމުގައެވެ. އަދި މިފަދަ އަންހެން ރޯ އެޖެންޓުން ފެންނަ ފިލްމުތައް ސިނަމާއިން ފެންނަލެ މަދުކަންވެސް އޭނާވަނީ ފާހަގަކޮށްފައެވެ. މިފަދަ ފިލްމުތަކަށް ފުރުޞަތު ދިނުމަކީ، ސިނަމާވެސް ފަޅުފިލުވައިދޭނެކަމެއްކަމަށް ސްރީދާރްވަނީ ބުނެފައެވެ.

ސްޕައި ޔުނިވާސްގެ ކުރިމަގު ބިނާކޮށްފައިވަނީ ހަމައެކަނި ރިތިކް ރޯޝަންއާއި، ޓައިގާ ޝްރޮފްއާއި، ޝާހްރުކް ޚާން އަދި ސަލްމާން ޚާންއަށް ނޫންކަމަށާއި، ރުބާއި އާއި ޒޯޔާގެ ނަމަކީ ސްޕައި ޔުނިވާސް ކުންފުންޏަށް އިތުރުވި އާ ދެ ނަން ކަމަށް ލިޔުންތެރިޔާވަނީ ބުނެފައެވެ. ކެޓްރީނާއާއި ސަލްމާން ޚާންގެ ފިލްމު "ޓައިގާ3"އިން ޕަތާން (ޝާހްރުކް ޚާން)ގެ ވަރަށް ޚާއްޞަ ފެނިލުމެއް ބެލުންތެރިންނާ ބައްދަލުކުރާނެކަން މިހާރުވަނީ ކަށަވަރުވެފައެވެ.