އެމެރިކާގެ މަޝްހޫރު މިއުޒިކް ގްރޫޕް ޖޯނަސް ބްރަދާސްގެ ރޮބްސް ބެކް ސްޓޭޖް ޕޮޕްކޯން ކުންފުންޏާއި ގުޅިގެން ބަތަލާ ޕްރިޔަންކާ އަމިއްލަ ޤައުމަށް ޚާއްޞަ ޕޮޕްކޯންއެއް ތަޢާރަފްކޮށްފިއެވެ.

ރޮބްސް ބެކް ސްޓޭޖް ކުންފުންޏަކީ، ޕްރިޔަންކާގެ ފިރިމީހާ، ލަވަކިޔުންތެރިޔާ ނިކް ޖޯނަސްގެ ޢާއިލީ މިއުޒިކް ގްރޫޕްގެ ޓީމް މެމްބަރު ގްރެގްގެ ބައްޕަ ރޮބްއާއެކު އުފަންވި ކުންފުންޏެކެވެ. މިކުންފުނިން އުފައްދާ ޕޮޕްކޯންއަކީ ޖޯނަސް ބްރަދާސްގެ ކޮންސަޓްގެ ސްޓޭޖް ބެކްގްރައުންޑުގައި ޢާއްމުކޮށް އެންމެ ގިނަ ބަޔަކު ކެއުމަށް ބޭނުންކުރާ ޕޮޕްކޯންއެވެ.

ބަތަލާ ޕްރިޔަންކާވަނީ މިއަށް ރަހައެއް އިތުރުކޮށްފައެވެ. ޕްރިޔަންކާސް މުމްބާއި ނައިޓްސްގެ ނަމުން ތަޢާރަފްކުރި މި ވައްތަރަކީ، އިންޑިއާގެ ރަހަތަކާއި ގުޅޭގޮތަށް އިތުރުކުރެވުނު އާ ރަހައެކެވެ. މިއާއެކު ކޮންސެޓް ބަލަން ދާ މީހުންގެތެރެއިން އިންޑިއާގެ ރަހަތަކަށް ލޯބިކުރާ ފަރާތްތަކަށް މިއީ ވަރަށް އުފާވެރި ޚަބަރަކަށް ވެގެންދާނެއެވެ.

ޕްރިޔަންކާ ބުނިގޮތުގައި ކެއުމުގައި ބޭނުންކުރާ އިންޑިއާގެ ރަހަތަކާއި އިންޑިއަން ސްޕައިސެސްއަކީ، ވަރަށް މުއްސަނދި ރަހަތަކެއްކަމުގައެވެ. އިންޑިއާވަންތަކަން އިޙުސާސްވުމަށް ފަހުން ތަޢާރަފްކުރި ޕޮޕްކޯން ކެއުމުން ފުދޭނެކަމަށް ބަތަލާވަނީ ބުނެފައެވެ. ބަތަލާ ބުނިގޮތުގައި އިންޑިއަން ސްޕައިސެސް ޕޮޕްކޯން ބަންދުކުރެވިފައިވަނީވެސް އަމިއްލަ ޚިޔާލާއެއްގޮތަށް ފަރުމާކުރި ޕެކެޓްތަކުގައިކަމުގައެވެ.

އޭގެ ޑިޒައިންއާއި ކުރެހުމާއި ލިޔުންތައް ހުންނާނެ ކުލަވެސް ނިންމާފައިވަނީ ބަތަލާ ޚުދު އަމިއްލައަށްކަމަށް ޕްރިޔަންކާވަނީ ބުނެފައެވެ. އަދި މިކަމުގައި ފިރިމީހާ ނިކް ޖޯނަސްގެ އެއްބާރުލުން ވަރަށްބޮޑަށް ލިބުނުކަމަށް ބަތަލާވަނީ ބުނެފައެވެ. ކައިވެންޏަށްފަހު އެމެރިކާއަށް ދިރިއުޅުން ބަދަލުކޮށްފައިވީނަމަވެސް ޕްރިޔަންކާ އެންމެބޮޑު އިސްކަމެއްދޭ އެއްކަމަކީ އަމިއްލަ ޤައުމުގައި އުޅެވޭކަމުގެ އިޙުސާސް ލިބިގަތުމަށެވެ. އެގޮތުން ބަތަލާވަނީ އިންޑިއާގެ ކެއުންތަކަށް ޚާއްޞަ ރެސްޓޯރެންޓެއްވެސް ހުޅުވާފައެވެ. ސޯނާގެ ނަމުން ނަންދީފައިވާ މި ރެސްޓޯރެންޓަކީ އެމެރިކާގެ ރައްޔިތުންގެ އިތުރުން އެމެރިކާގައި ދިރިއުޅޭ އިންޑިއާ ރައްޔިތުންގެ މެދުގައި ވަރަށް މަޤުބޫލު ރެސްޓޯރެންޓެކެވެ.

ބަތަލާގެ ފިލްމީ މަސައްކަތްތަކަށް ބަލާއިރު ކުރިޔަށްއޮތް އޭޕްރިލް މަހުގެ 28ގައި ރިލީޒްވުމަށް ތައްޔާރުވަމުން އަންނަ "ސިޓަޑެލް" ވެބް ސީރީސް އާއި މިއަހަރުގެ މެއި 12ވަނަ ދުވަހު ރިލީޒްކުރުމަށް ތާވަލްކުރެވިފައިވާ ފިލްމު "ލަވް އަގެއިން" ހިމެނެއެވެ.