06 Mar 2023, 17:04
މަޝްހޫރު އިންސްޓަންޓް މެސެޖިން އެޕްލިކޭޝަން، ވަޓްސްއެޕްއިން އެޕްލެޓްފޯމްގެ އެންޑްރޮއިޑް ޓެބްލެޓް އެޕްލިކޭޝަންގައި އެއް ފަހަރާ ދެ ކަމެއް ކުރެވޭ ގޮތަށް 'ސްޕްލިޓް ސްކްރީން' ފީޗާ ޓެސްޓު ކުރަމުންދާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
އާ އިންޓަފޭސްގެ ސަބަބުން ޗެޓާއި އެހެނިހެން ކޮންޓެންޓްތައް ވަކިކޮށް ބަލައިލުމުގެ ފުރުސަތު ފަހިވެ، އެއްފަހަރާ ބޭނުންކުރަން ފަސޭހަވާނެއެވެ.
މި ޚަބަރު އެންމެ ފުރަތަމަ ރިޕޯޓްކޮށްފައިވަނީ ވަޓްސްއެޕްގެ އެންމެ ފަހުގެ މައުލޫމާތު ގެނެސްދޭ ވެބްސައިޓެއް ކަމަށްވާ ޑަބްލިއުއޭބީޓާއިންފޯއިންނެވެ. އެ ސައިޓުން ބުނީ އާ ސްޕްލިޓް ވިއު އިންޓަފޭސް މިހާރު ތަރައްގީ ކުރަމުން އަންނަ ކަމަށާއި މިއީ ބޮޑެތި ސްކްރީން ޑިވައިސްތަކަށް ޚާއްޞަ ފީޗާއަކަށް ވާއިރު، މިފީޗާ ފުރަތަމަ ލިބޭނީ އެންޑްރޮއިޑް ޓެބްލެޓްތަކަށް ޚާއްސަ އެޕްގެ ބީޓާ ވާޝަންއަށް އެކަނި ކަމަށެވެ.
ސްޕްލިޓް ވިއު އިންޓަފޭސް މެދުވެރިކޮށް ސްކްރީންގެ އެއްފަރާތުގައި ޗެޓް ލިސްޓާއި ވަކިވަކި ޗެޓްތައް ބަލައިލެވޭއިރު އަނެއް ފަރާތުގައި ފޮޓޯ ނުވަތަ ވީޑިއޯ ފަދަ އެހެން ކޮންޓެންޓްތައް ބަލައިލެވޭނެއެވެ. މިކަމުގެ ސަބަބުން މީހުންނާ ޗެޓް ކުރާއިރު ކޮންޓެންޓް ބްރައުޒްކޮށް ޝެއާ ކުރުމަށް ފަސޭހަވެގެންދާނެއެވެ.
ސްޕްލިޓް ވިއު އިންޓަފޭސްއަކީ ވަޓްސްއެޕް ބޭނުންކުރާ މީހުން، ހާއްސަކޮށް ޓެބްލެޓް ފަދަ ބޮޑެތި ސްކްރީންތަކުގައި މި އެޕް ބޭނުންކުރާ މީހުން ވަރަށް ބޭނުންވާ ފީޗާއެކެވެ. މިހާރު ޓެސްޓުކުރާ އިންޓަފޭސް މެދުވެރިކޮށް އެއްފަހަރާ އެއް ޗެޓަށްވުރެ ގިނަ ޗެޓްތައް ބެލޭނެ ކަމަށާއި މިއީ އެއްފަހަރާ މަލްޓިޓާސްކް ކުރަން ނުވަތަ ގިނަ ޗެޓްތައް ބަލަން ބޭނުންވާ މީހުންނަށް ވަރަށް މުހިންމުވާނެ ފީޗާއެއްކަމަށް އެ ރިޕޯޓްގައި ބުނެފައިވެއެވެ.
އާ ސްޕްލިޓް ވިއު އިންޓަފޭސް އަދި އޮތީ ޓެސްޓު ކުރުމުގެ މަރުހަލާގައި ކަމަށްވާތީ އާންމުންނަށް ދޫކޮށްލާނެ ދުވަހެއް އަދި ނޭނގެއެވެ.
ވަޓްސްއެޕްއިން އަންނަނީ އެއެޕް ރަނގަޅުކޮށް އާ ފީޗާތައް އިތުރުކުރުމުގެ މަސައްކަތް އަބަދުވެސް ކުރަމުންނެވެ. މި އަހަރުގެ ކުރީކޮޅު އެ ކުންފުނިން ވަނީ އާ ގިނަ ފީޗާތަކެއް ތައާރަފުކޮށްފައެވެ. އެގޮތުން ވަކި މުއްދަތަކަށް ފަހު ފޮނުވޭނެ މެސެޖުތައް އޮޓޮމެޓިކުން ގެއްލޭ ގޮތަށް ފަރުމާކޮށްފައިވާ "މެސެޖް ޑިސްއެޕެއަރިން" ފީޗާ ފާހަގަކޮށްލެވެއެވެ.