03 Mar 2023, 23:14
ވަޒީފާ ގެއްލޭ މީހުންނަށް އިޖުތިމާއީ ރައްކާތެރިކަން ހޯދައިދިނުމަށްޓަކައި، އަންއެމްޕްލޯއިމަންޓް އިންޝުއަރަންސް ބެނިފިޓް ތައާރަފްކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސްގެ މަސައްކަތްތެރިންގެ ކޮންގްރެސް ހުޅުވުމަށް މިރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ، މަސައްކަތްތެރިންގެ އިޖުތިމާއީ ރައްކާތެރިކަން ކަށަވަރު ކުރުމަކީ ސަރުކާރުގެ ވަރަށް މުހިންމު ވައުދެއް ކަމަށާއި، އެކަން ކުރުމަށްޓަކައި ބޭރުގެ ފަންނީ ބޭފުޅުންގެ އެހީއާއެކު މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
އެގޮތުން، ގާނޫނީ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތަކާ ބެހޭ ގޮތުން މަޝްވަރާކޮށް ގާނޫނެއްގެ ދެލިކޮޕީ އެކުލަވައިލުމުގެ މަސައްކަތް މިހާރު ކުރައްވަމުން ގެންދަވާ ކަމަށާއި، މާލަސްތަކެއް ނުވެ އެ ބިލް ރައްޔިތުންގެ މަޖިލީހަށް ފޮނުވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ރާއްޖޭގެ މަސައްކަތްތެރިންނާއި މަސައްކަތްތެރިންގެ އާއިލާތަކުގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކޮށް އާމްދަނީ އިތުރުކޮށްދިނުމަށް ސަރުކާރުން ކޮށްފައިވާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން މިނިމަމްވޭޖް ތައާރަފު ކުރުމާއި، ސާވިސް ޗާޖުގެ ފައިދާ މުވައްޒަފުންނަށް ހަމަހަމައަށް ލިބިދިނުމަށް ގާނޫނަށް ގެނައި ބަދަލުތައް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދެމުން އަންނައިރު، ވަޒީފާ ހޯދައިދިނުމަށް ސަރުކާރުން މުހިންމު މަސައްކަތްތަކެއް މިހާރު އެބަ ކުރޭ. މިދިޔަ އާދިއްތަ ދުވަހު އުފެއްދި ނެޝެނަލް ޖޮބް ސެންޓަރަކީ މިކަމުގައި އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް. އެމަރުކަޒުގެ ބޭނުމަކީ ވަޒީފާ ހޯދާ މީހުންނާ ވަޒީފާ ދޭން ބޭނުންވާ މީހުން ގުޅުވައިދިނުން. އޭގެއިތުރުން ހުޅުމާލެ އާއި ރ. ދުވާފަރުގައި ހުރި ޖޮބް ސެންޓަރުން މިހާރު އެޚިދުމަތް ލިބެމުންދާނެ. އަދި 13 ރަށެއްގެ ކައުންސިލްގައި ހުރި ޖޮބް ސެންޓަރުތަކުންވެސް މިހާރު އެޚިދުމަތް ލިބޭނެ.ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް
މީގެއިތުރުން ރައީސް ޞާލިޙް ވިދާޅުވީ، ރާއްޖޭގައި ޔޫނިއަންތައް ރަޖިސްޓްރީކޮށް ހިންގޭނެ މަގުފަހިކޮށްދެއްވުމަށް، އިންޑަސްޓްރިއަލް ރިލޭޝަންސް ބިލް އެކުލަވާލައި ނިމިފައިވާ ކަމަށާއި އެބިލް މިފެށޭ ހަފުތާގައި މަޖިލީހަށް ފޮނުއްވާނެ ކަމަށެވެ. އެބިލަކީ ޓްރޭޑް ޔޫނިއަނުން ފާހަގަކުރި ކަންތައްތަކަށް ރިޢާޔަތްކޮށް މުރާޖައާ ކޮށްފައިވާ ބިލެކެވެ.
ރައީސް ވަނީ ޓްރޭޑް ޔޫނިއަން ކޮންގްރެސްގެ އަހަރީ ދުވަހުގެ މުނާސަބަތުގައި، އެ ޔޫނިއަންގެ އެންމެހައި މެމްބަރުންނަށް ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވާފައެވެ.