ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު، ޑރ. ސުބްރަމާނިޔަމް ޖައިޝަންކަރާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ އިންޑިއާގެ ނިއު ދިއްލީގައި މިހާރު ކުރިއަށްދާ ރައީސީނާ ޑައިލޮގް ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވުމަށް މިނިސްޓަރު ޝާހިދު އެގައުމަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

މިބައްދަލުވުމުގައި ދެ މިނިސްޓަރުން ވަނީ ދެގައުމުގެ މެދުގައި އޮތް ގާތް އެކުވެރި ގުޅުންތަކާއި، ދެމުންގެންދާ އެއްބާރުލުން އިތުރަށް ހަރުދަނާ ކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. ފޮރިން މިނިސްޓްރީން ބުނީ މިބައްދަލުވުމުގައި އިންޑިއާއިން ރާއްޖެއަށް އަބަދުވެސް ދެމުންގެންދާ އެހީއަށް ޝުކުރުއަދާކުރައްވައި ދެގައުމުގެ މެދުގައި ގަވާއިދުން މަޝްވަރާތައް ބޭއްވުމުގެ މުހިންމުކަން މިނިސްޓަރު ފާހަގަކުރެއްވި ކަމަށެވެ.

މިނިސްޓަރު ޖައިޝަންކަރުގެ ވާހަކައިގައި އޭނާ ވަނީ ދިވެހި ސަރުކާރަށް ޝުކުރު އަދާކުރައްވައި ދެގައުމުގެ އިގްތިސާދީ ގުޅުމުގެ ކާމިޔާބީ ފާހަގަކުރައްވައި، އިންޑިއާގެ ހިލޭ އެހީއާއި ލައިން އޮފް ކްރެޑިޓްގެ ދަށުން ރާއްޖޭގައި ކުރިއަށްގެންދާ މަޝްރޫއުތައް ކުރިއަށްދާ ގޮތާ ގުޅޭގޮތުން ވާހަކަދައްކާފައެވެ.

މިބައްދަލުވުމުގައި މިނިސްޓަރު ޝާހިދާއި މިނިސްޓަރު ޖައިޝަންކަރު ވަނީ ދެގައުމުންވެސް ދެގައުމުގެ ފެންވަރުގައްޔާއި ބައިނަލްއަގުވާމީ ފެންވަރުގައި ދެގައުމަށް މުހިންމު ކަންކަމުގައި ދެމުންގެންދާ އެއްބާރުލުން ދަމަހައްޓާނެކަމުގެ ޔަގީންކަން އަރުވާފައެވެ.

ރަސްމީ ދަތުރުފުޅެއްގައި މިނިސްޓަރު ޝާހިދު އިންޑިއާއަށް ވަޑައިގެންނެވީ މިދިޔަ ބުދަ ދުވަހުއެވެ. މިދަތުރުފުޅުގެ ތެރެއިން މިނިސްޓަރު ޝާހިދު އެކި ގައުމުތަކުގެ ފޮރިން މިނިސްޓަރުންނާއި އިންޑިއާ ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.