އަވަސް އިންތިޚާބެއް އަންނަ އަހަރުގެ ޖުލައި މަހުގައި ރާއްޖޭގައި ބޭއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ، މުޙަންމަދު ވަހީދު ހަސަން މަނިކު ގޮވާލައްވައިފި އެވެ.

ރައީސް އޮފީހުން ބުނެފައި ވަނީ އެ ތާރީހަކީ ގާނޫނު އަސާސީގައިވާ ގޮތުން ރާއްޖޭގައި އިންތިޚާބެއް ބޭއްވޭނެ އެންމެ އަވަސް ތާރީހު ކަމަށެވެ.

އަވަސް އިންތިހާބާ ގުޅިގެން ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާކުރަން ކުރާ މަސައްކަތައިގެން ކުރިއަށް ވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ހުންނެވީ ވަރުގަދަ ޢަޒުމްފުޅެއްގައި ކަމަށާއި މި މަހުގެ 14 ވަނަ ދުވަހު ކާމިޔާބު ކަމާއެކު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ބައި އިލެކްޝަނުން، ރާއްޖޭގެ އިލެކްޝަންސް ކޮމިޝަންގެ މިނިވަންކަމާއި ޑިމޮކްރެޓިކް އުސޫލުތައް ހާމަވާ ކަމަށެވެ. އެހެންކަމުން، ޤާނޫނު އަސާސީގެ ހަމަތަކުގެ މަތިން، ބޭއްވެން އޮތް އެންމެ އަވަސް ތާރީޚެއްގައި ރާއްޖޭގައި އިންތިޚާބެއް ބާއްވަން ރައީސް ގޮވާލައްވާ ކަމަށެވެ.

ކޮމަންވެލްތް މިނިސްޓީރިއަލް އެކްޝަން ގްރޫޕްގެ ހޯދުންތަކާ ގުޅިގެން، ޚާއްސަކޮށް ފާއިތުވި ދުވަސްތަކުގައި ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާ ކުރުމަށާއި ޤާނޫނުގެ ވެރިކަން ދެމެހެއްޓުމަށް، ކޮމަންވެލްތުގެ ފަރާތުން ކުރަމުންދާ މަސައްކަތް ދިވެހި ސަރުކާރުން ފާހަގަކުރާ ކަމަށާއި 14 ޖެނުއަރީން 8 ފެބްރުއަރީއާ ހަމައަށް ރާއްޖޭގައި ހިނގައިދިޔަ ކަންތައްތައް މިނިވަންކަމާއެކު ތަހުޤީގުކުރުމަށް ދިވެހި ސަރުކާރުން ފުރިހަމައަށް ބޭނުންވާ ކަމަށާއި އެ މިތަޙުޤީގު މިނިވަންކަމާއެކު ހިންގުމަށް އެކުލަވާލާފައިވާ، ވަކި ފަރާތަކަށް ނުޖެހޭ ނޭޝަނަލް އިންކުއަރީ ކޮމިޝަނަށް ދިވެހި ސަރުކާރުން ފުރިހަމައަށް ތާއީދު ކުރާ ކަމަށެވެ.

އދ. އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް ފޯ ޕޮލިޓިކަލް އެފެއާޒް ފާހަގަކުރައްވާފައިވާ ފަދައިން މި ކޮމިޝަންގެ ކަންތައްތައް ކުރިއަށް ގެންދަންޖެހޭނީ ޤައުމީ ނިޒާމެއްގެ ތެރެއިން ކަމަށް ދިވެހި ސަރުކާރުން ވެސް ޤަބޫލުކުރާ ހިނދު، ނޭޝަނަލް އިންކުއަރީ ކޮމިޝަންގެ މަސައްކަތްތަކަށް އެހީތެރިވެ ލަފާއެރުއްވުމަށް، ޖަޖެއް ހަމަޖެއްސެވުމަށް ކޮމަންވެލްތްގެ ޚާއްޞަ މަންދޫބު ސާ ޑޮނަލްޑް މެކިނަންގެ ހުށަހެޅުއްވުމަށް ސަރުކާރުން މަރުޙަބާ ވިދާޅުވާ ކަމަށް ވެސް ބުނެފައި ވެއެވެ.

ކޮމަންވެލްތުން ކުރިއަށް ނެރޭ ޑިމޮކްރެޓިކް އުސޫލުތަކާއި ޤާނޫނު އަސާސީ ހިމާޔަތްކޮށް ޤާނޫނީ ވެރިކަން ރާއްޖޭގައި ދެމެހެއްޓުމަށްޓަކައި ދިވެހި ސަރުކާރުން ފުރިހަމައަށް މަސައްކަތްކުރައްވާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބަޔާނުގައި ވެއެވެ.