19:00


މާރާމާރީ ހިންގާ މީސްމީހުން ބަންދުކޮށްފައި ބޭތިއްބުމަކީ، ވަރަށް މުހިންމު ކަމެއް ކަމަށާއި، އެކަން އެގޮތަށް ކުރުމަށް ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުން ބޭނުންފުޅުވާ ކަމަށް ނައިބު ރައީސް ޑރ. މުޙަންމަދު ވަޙީދު  ވިދާޅުވެއްޖެ އެވެ.


ނައިބް ރައީސް މިހެން ވިދާޅުވީ ހުޅުމާލޭ ހޮސްޕިޓަލުގެ އައިސީޔޫ އިފްތިތާޙްކޮށްދެއްވުމަށް މިއަދު މެންދުރުފަހު ހުޅުމާލޭ ހޮސްޕިޓަލުގައި ބޭއްވެވި ޖަލްސާގަ އެވެ. ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ހުޅުމާލޭ ހޮސްޕިޓަލުގައި އައިސީޔޫގެ ޚިދްމަތް ފެށުނުކަން އެއީ، ހާލުބޮޑު ބަލިމީހުންނަށް އަވަސް ފަރުވާ ދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށާއި، ހުޅުމާލެއިން ހާލުބޮޑުވާ ބަލި މީހުން މާލެ ނުގެންގޮސް، ހުޅުމާލޭ ހޮސްޕިޓަލުން ފަރުވާ ލިބޭނެ އިންތިޒާމް ހަމަޖެހިފައިވުމަކީ، ލިބުނު ވަރަށް ބޮޑު ފަސޭހައެއް ކަމަށް ވިދާޅުވި އެވެ.


ނައިބު ރައީސްގެ ވާހަކަފުޅުގައި، އެކިއެކި މާރާމާރީގެ ހާދިސާތަކުގައި ޒަޚަމްވެގެން ގެންނަ ގިނަ އަދަދެއްގެ ކުދިން އައި.ސީ.ޔޫ.އަށް ލާން އެބަޖެހޭކަން ވެސް ފާހަގަކުރެއްވި އެވެ. މި ރޮނގުން ނައިބު ރައީސް ވާހަކަފުޅު ދައްކަވަމުން، މާލެތެރޭގައި މިހާރު ހިނގަމުންދާ އެކިއެކި ހަމަނުޖެހުންތަކަށް އިޝާރާތް ކުރައްވަމުން، އަޅުގަނޑުމެންގެ ރަށްތަކަކީ، އަދި އަވަށްތަކަކީ، ރައްކާތެރި އަމާން ތަންތަންކަމުގައި ހެދުމަށް އެންމެ ގުޅިގެން މަސައްކަތްނުކޮށް ވާކަށް ނެތް ކަމުގައި ވިދާޅުވި އެވެ. އަދި އެއްބަޔަކު އަނެއްބަޔަކަށް އިނގިލި ދިއްކޮށް އެއްބަޔަކު އަނެއް ބައެއްގެ ބޮލުގައި އިލްޒާމް އެޅުވުމުގެ ބަދަލުގައި އެކީގައި މަސައްކަތްކުރަން ހިތްވަރު ކުރަންވެއްޖެ ކަމަށް ވިދާޅުވި އެވެ. އަދި ނައިބު ރައީސްގެ ޙައިޘިއްޔަތުން ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް މިކަމުގައި ކުރައްވަމުން ގެންދަވާނެ ކަމުގައި ވިދާޅުވި އެވެ. އަދި ވާހަކަ ދައްކައި ގުޅުން ބަދަހިކޮށް، މިހާރަށްވުރެ ބޮޑަށް އެއްބަޔަކު އަނެއް ބަޔަކާ ގުޅިގެން މަސައްކަތް ކުރުމަށް ނައިބު ރައީސް ގޮވާލެއްވި އެވެ.


ނައިބް ރައީސްގެ ވާހަކަފުޅުގައި ހުޅުމާލޭގެ އައިސީޔޫއަށް ވެދެއްވި އެހީއަށްޓަކައި ޕާކިސްތާނު ސަރުކާރަށް ޝުކުރު އަދާކުރެއްވި އެވެ.