03 Mar 2023, 23:03
ދިވެހި ސިފައިންނާއި، އިންޑިއާ އަސްކަރިއްޔާ ގުޅިގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ކުރި ތިން ވަނަ ހައިޑްރޮގްރެފިކް ސާވޭގެ ސަބަބުން ކުރިއަށް އޮތްތަނުގައި ރާއްޖޭގެ ބައެެއް ސަރަހައްދުތަކުގެ އުދައިގެ ސައްހަ އަންދާޒާތައް ކުރެވޭނެ ކަމަށް އިންޑިއަން ހައިކޮމިޝަނުން މިއަދު ބުނެފިއެވެ.
އެ ސާވޭއަކީ ހއ. އާއި ހދ. އާއި ގައްލަންދޫ ކަނޑު ހިމެނޭ ގޮތަށް އުތުރުގެ ސަރަހައްދުގައި ކޮށްފައިވާ ސާވޭއެކެވެ. އެކަމާ ގުޅިގެން އިންޑިއަން ހައި ކޮމިޝަނުން ބުނީ އެގައުމުގެ ނޭވީގެ މަނަވަރު "އިންވެސްޓިގޭޓާ"އިން މިއަހަރުގެ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހުން މިދިޔަ މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް، އުތުރުގެ ރަށްތަކުގައި ކުރިޔަށް ގެންދިޔަ ހައިޑްރޯގްރެފިކް ސާވޭގެ ތިން ވަނަ ބުރުގައި ކުޅުދުއްފުއްޓާއި މާރަންދޫ އާއި ހޯރަފުށީގެ އުދައިގެ އޮބްޒަވޭޝަންތައް ކޮށްފައިވާ ކަމަށެވެ.
އޭގެ ސަބަބުން، ކުރިއަށް އޮތް ތަނުގައި، އެ ސަރަހައްދުތަކުގެ އުދައިގެ ސައްހަ އަންދާޒާތައް ކުރެވޭނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ. އޭގެ އިތުރުން، އެ ސާވޭގެ ސަބަބުން މުސްތަގުބަލުގައި އިހަވަންދިއްޕޮޅާއި ތިލަދުންމަތި ހިމެނޭގޮތަށް، ބޮޑު ދެ ޗާޓާއި މީޑިއަމް ސްކޭލް ޗާޓް ޗާޕުކުރުމަށް މަގުފަހިވާނެ ކަމަށް ވެސް އެ ކޮމިޝަނުން ފާހަގަކުރެއެވެ.
އިންޑިއަން ހައި ކޮމިޝަނުން ބުނީ އެ ސާވޭތަކުގެ ސަބަބުން، އެ ސަރަހައްދުތަކުގައި އުޅަނދުފަހަރުގެ ނެވިގޭޝަނަލް ސޭފްޓީ އިތުރުވެ، ރާއްޖޭގެ ނޫ އިގްތިސާދު ކުރިއެރުވުމަށް މަގުފަހިވެގެން ދާނެ ކަމަށެވެ.
"އޭގެ އިތުރުން، އެ ސަރަހައްދުގެ އަޕްޑޭޓެޑް ނެވިގޭޝަނަލް ޗާޓާއި އިލެކްޓްރޯނިކް ނެވިގޭޝަނަލް ޗާޓްތައް ހެދޭނެ،" އިންޑިއަން ހައިކޮމިޝަނުން ބުންޏެެވެ.
އިހަވަންދިއްޕޮޅުގެ ކުރީގެ ޗާޓަކީ 1934 ވަނަ އަހަރު ކުރި ސާވޭތަކުގެ މައްޗަށް ބިނާކޮށް ހަދާފައިވާ ޗާޓަކަށް ވުމާއެކު އެ ސަރަހައްދުގެ ސާވޭ ކޮށްފައިވަނީ އިންޑިއާ ސިފައިންނާއި ދިވެހި ސިފައިން ގުޅިގެން އެއްގަމާއި ބޯޓާއި ހެލިކޮޕްޓަރާއި އެކި އުޅަނދުފަހަރު ބޭނުންކޮށްގެން ކަމަށް ވެސް ހައި ކޮމިޝަނުން ބުންޏެވެ.
އެ ސާވޭ ނިންމާލާފައިވާއިރު، އިންޑިއާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ސާވޭ ކުރި ސަރަހައްދުތަކުގެ ހަތަރު ފެއާ ޝީޓް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާ ވަނީ ހަވާލުކޮށްފައެވެ.
އެ ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލާއި މޯލްޑިވްސް ހައިޑްރޯގްރަފިކް ސަވިސްގެ ހެޑް، ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް މަންސޫރާއި އެމްއެންޑީއެފްގެ އިސް އޮފިސަރުންނާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑާއި ޓްރާންސްޕޯޓް މިނިސްޓްރީގެ މަންދޫބުން ބައިވެރިވެވަޑައިގެންނެވިއެވެ.