03 Mar 2023, 23:03
ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙަށް ދެވަނަ ދައުރެއް ލިބިވަޑައިގަންނަވާނެ ކަމާމެދު އެއްވެސް ޝައްކެއް ނެތް ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ރަސްމީ ދަތުރުފުޅެއްގައި އިންޑިއާގައި ހުންނެވި ޝާހިދު، އެގައުމުގެ "ސްޓްރެޓީޖިކް ނިއުސް ގްލޯބަލް"އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ވިދާޅުވީ، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރާއި، ދިމާވެފައިވާ އެތައް ދަތިތަކެއް ވޭތުވެ ދިޔަ ފަސް އަހަރުގެ ތެރޭގައި ރައީސް ހައްލުކޮށްދެއްވާފައިވާ ކަމަށެވެ.
އެމްޑީޕީގެ ޕްރައިމަރީއަށް ފަހު އެ ޕާޓީ ދެބައިވެފައިވާއިރު، އެކަމުގެ ސަބަބުން އިންތިޚާބު ކާމިޔާބު ކުރެއްވުމަށް އެއްވެސް ހުރަހެއް އޮތް ކަމަށް ދެކެވަޑައިގަންނަވަންތޯ އެހުމުން މިނިސްޓަރު ވިދާޅުވީ، މިއީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ މަރުހަލާ ކަމަށާއި، ނަމަވެސް މިހާރުވެސް މަންޒަރު ވަރަށް ސާފު ކަމަށެވެ.
"ވާދަވެރި ޕްރައިމަރީއެއް ފެނުމުން އުފާވި، ނަމަވެސް އެކަން މިހާރު ވަނީ އަޅުގަނޑުމެންގެ ފަހަތުގައި. މިހާތަނަށް އައި އިރު ދެ ޕާޓީއިން ޝައުގުވެރިކަން ފާޅުކޮށްފި ރައީސާއެކު ކޯލިޝަން ހަދަން. ކުރިއަށް އޮތް ތަނުގައި ކަންތައްތައް ވާނެ ގޮތް ބަލަން މިތިބީ. އަދި ވަރަށް ރަނގަޅަށް ކަންކަން ކުރިއަށް ދަނީ،" ޝާހިދު ވިދާޅުވިއެވެ.
އެމްޑީޕީއަކީ ޑިމޮކްރަސީގެ ހަމަތައް އަބަދުވެސް ހިފަހައްޓަމުން އައިސްފައިވާ ޕާޓީއެއްކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، އަބަދުވެސް ކުރިއަށް ދާނީ އެގޮތުގެ މަތީން ކަމަށެވެ. އެގޮތުން ފާއިތުވި ހަތަރު އަހަރު ޑިމޮކްރެސީގެ "ސީދާ" ބިންގަލެއް އެޅިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަދި މީގެކުރީގެ ވެރިކަންތަކުގައި ޝަރުއީ ނިޒާމް ވަރަށް ބޮޑަށް ގަޑުބަޑު ކޮށްފައިވީ ނަމަވެސް، ރައީސް ޞާލިޙްގެ ވެރިކަމުގެ އަހަރުތައް ފާއިތުވެފައި ވަނީ ތިން ބާރު ވަކިކުރެވި، ދެފުށް ފެންނަ ގޮތެއްގައި ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މީގެއިތުރުން، އިންޑިއާ ސިފައިން ރާއްޖޭން ފޭބުމަށް ގޮވާލާ އިދިކޮޅުން ހިންގާ އިންޑިއާ އައުޓް ކެމްޕެއިނަށް އިޝާރާތް ކުރައްވައި ޝާހިދު ވިދާޅުވީ، ރައްޔިތުންނަށް ވިއްކާނެ އިތުރު ވިސްނުމެއް ފިކުރެއް އެމީހުންގެ އަތުގައި ނެތް ކަމަށެވެ. އަދި އެއީ އެއްވެސް އޮއްޓަރެއް ނެތް ބަލިކަށި ވިސްނުމެއް ކަމަށާއި، މަދު ރައްޔިތުން ނޫން އެހެން ބައެއް އެއަށް ނުވިކޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ރަސްމީ ދަތުރުފުޅެއްގައި މިނިސްޓަރު ޝާހިދު އިންޑިއާއަށް ވަޑައިގަތީ މިދިޔަ ބުދަ ދުވަހުއެވެ. އެއީ އިއްޔެ ނިއު ދިއްލީގައި ފެށި، އަށް ވަނަ ރައިސީނާ ޑައިލޮގް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށެވެ. އެ ކޮންފަރެންސް ނިމޭނީ މާދަމާއެވެ.
މި ދަތުރުފުޅުގެ ތެރެއިން ޝާހިދު އެކި ގައުމުތަކުގެ ފޮރިން މިނިސްޓަރުންނާއި އިންޑިއާ ސަރުކާރުގެ އިސްވެރިންނާ ވެސް ބައްދަލު ކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.