03 Mar 2023, 23:20
ގޯލްޑެން ފުޓްސަލް ޗެލެންޖު 2023ގެ ޒޯނު ހަތެއްގެ ޗެމްޕިއަންކަން ފުވައްމުލަކުގެ ދަނޑިމަގުން ހޯދައިފިއެވެ.
މިރޭ ހުޅުމާލެ ރެހެނދި ފުޓްސަލް ދަނޑުގައި ކުޅުނު އެ ޒޯނުގެ ފައިނަލް މެޗުގައި ބައްދަލުކުރީ ސ. ފޭދޫއާއި ދަނޑިމަގެވެ.
ދަނޑިމަގުން އެ މެޗު ކާމިޔާބުކުރީ 4-3ގެ ނަތީޖާއަކުންނެވެ. އެމެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި ޒޯން ބުރުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އާއި ޒޯން ހަތެއްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ދަނޑިމަގުގެ މުހައްމަދު ސާދު ނިޒާރު އެވެ.
ފައިނަލުން ފޭދޫ ބަލިވި ނަމަވެސް ގޯލްޑެން ފުޓްސަލް ޗެލެންޖުގެ ގަދަ 16ގައި ކުޅުމުގެ ފުރުސަތު އެ ޓީމަށް ލިބޭނެއެވެ. އަށް ޒޯނަކަށް ބަހާލައިގެން ކުރިއަށް ގެންދާ އެ މުބާރާތުގެ ޒޯނު ފައިނަލްގައި ކުޅޭ ދެ ޓީމު ވެސް ގަދަ 16އަށް ދަތުރުކުރާނެއެވެ.
އެ މުބާރާތުގެ ޒޯން ހަތެއްގައި ހިމެނެނީ ސ. އަތޮޅުގެ ޗެމްޕިއަން ފޭދުއާއި ފުވައްމުލަކުގެ ދަނޑިމަގު އެކަންޏެވެ.
އެ ޒޯނުގައި ދެ ޓީމު ހިމެނޭތީ އެ ޒޯނުގެ މެޗުތައް ކުޅުނީ ހޯމް އެންޑް އަވޭ އުސޫލުން ދެ ލެގުގެ ގޮތުގައެވެ. އެގޮތުން ފުރަތަމަ ލެގުގެ މެޗު ދަނޑިމަގުން ކާމިޔާބުކުރީ 3-1ގެ ނަތީޖާއަކުންނެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖަކީ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ވެސް އެ ރަށަކަށް ނިސްބަތްވާ އެއް ޓީމަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެކެވެ. ނަމަވެސް މާލެއާއި ފުވައްމުލަކުގެ ކޮންމެ އަވަށަކުން ޓީމެއް ބައިވެރިކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފައެވެ. މި އަހަރުގެ ގޯލްޑެން ފުޓްސަލް ޗެލެންޖުގައި 102 ޓީމު ވަނީ ބައިވެރިވެފައެވެ.
ގޯލްޑެން ފުޓްސަލް ޗެލެންޖުގެ މި އަހަރުގެ ބްރޯޑްކާސްޓިން ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ސަން ސިޔާމް މީޑިއާއެވެ. ގޯލްޑެން ފުޓްސަލް ޗެލެންޖު 2023 ގެ ހުރިހާ މެޗެއް "އެސްއެސް ޓީވީ"ގެ ފޭސްބުކް ޕޭޖުންނާއި "އެސްއެސް ޓީވީ"އިން ލައިވް ކުރާނެއެވެ.