ސައުތް ސިނަމާގެ ކާމިޔާބު އެކްޓަރު އައްލޫ އަރުޖުންއަށް ޓީ-ސީރީސް ޕްރޮޑަކްޝަންގެ ފިލްމަކުން ފުރުޞަތު ލިބިއްޖެއެވެ.

ވަކި ނަމެއް ހަމަޖެހިފައިނުވާ މި ފިލްމަކީ، ޓީ-ސީރީސްގެ ވެރިޔާ ބޫޝަން ކުމާރު އަދި ޑައިރެކްޓަރު ސަންދީޕް ރެޑީ ވަންގާ ގުޅިގެން އުފައްދަން ނިންމާފައިވާ ފިލްމެކެވެ. މިފިލްމަށް ސޮއިކޮށް ޓީ-ސީރީސްއާއި ގުޅުނުކަން އެކްޓަރު އައްލޫ އަރުޖުންވެސްވަނީ ކަށަވަރުކޮށްދީފައެވެ.

ޓީ-ސީރީސްގެ ކުރިޔަށްއޮތް މިފިލްމުގެ ނަމާއި އަދި ފިލްމާ ގުޅޭ މާބޮޑު ތަފްސީލެއް ޕްރޮޑަކްޝަން ހައުސްއިން ހާމައެއް ނުކުރެއެވެ. އަދި ފިލްމުގެ ކާސްޓުންގެ މަޢުލޫމާތުވެސް މީޑިއާއާއި ހިއްސާކޮށްފައެއްނުވެއެވެ. މިފިލްމުގެ މަސައްކަތް ފެށުމަށް ނިންމާފައިވަނީ، ޑައިރެކްޓަރު ސަންދީޕް މިހާރު މަސައްކަތް ފަށާފައިވާ ފިލްމު "ސްޕިރިޓް"ގެ މަސައްކަތް އެއްކޮށް ނިންމާލެވުމުންނެވެ. ފިލްމު "ސްޕިރިޓް"އަކީވެސް ޓީ-ސީރީސްއިން އުފައްދާ ފިލްމެކެވެ.

އެކްޓަރު އައްލޫ އަރުޖުންގެ ފިލްމު "ޕުޝްޕާ" 2021ގައި ރިލީޒްވުމާއެކު ތެލުގޫ މިއެކްޓަރު ވެގެންދިޔައީ ހިންދީ ފިލްމުތަކަށް ލޯބިކުރާ ފަރާތްތަކުގެ މެދުގައިވެސް މަޤުބޫލު ނަމަކަށެވެ. އޭގެކުރިންވެސް އައްލޫ އަރުޖުންއަކީ ތެލުގޫ ސިނަމާގެ އެންމެ ވަރުގަދަ އެކްޓަރުންގެތެރޭ ހިމެނޭ އެކްޓަރެކެވެ.

ފިލްމު "ޕުޝްޕާ"ގެ ފުރަތަމަ ބަޔަށް ލިބުނު ތަރުޙީބާއެކު މިފިލްމުގެ ދެވަނަ ބައެއްވެސް އުފައްދަންވަނީ ފަށާފައެވެ. މިހާރު މަސައްކަތް ކުރިޔަށްދާ މިފިލްމުގެ ނަމަކީ " ޕުޝްޕާ2: ދަ ރޫލް"އެވެ. އައްލޫ އަރުޖުންއާއެކު މިބައިންވެސް ފެނިގެންދާނީ ފުރަތަމަ ފިލްމުންވެސް ފެނިގެންދިޔަ ބަތަލާ ރަޝްމިކާ މަންދަންނާއެވެ. ތަމަޅަ އަދި ތެލުގޫ އެކްޓަރުން ފަހަކަށްއައިސް ބޮޑަށް ފެންނަމުންދަނީ ހިންދީ ފިލްމުތަކުންނެވެ.

ކުރިން ތެލުގޫ އަދި ތަމަޅަ ފިލްމުތަކުގައި މަސައްކަތްކުރި ގިނަ ތަރިންނަކީ މިހާރު ބޮލީވުޑްގައި ކާމިޔާބު ތަރިންގެތެރޭ ހިމެނޭ ފަންނާނުންނެވެ. އޭގެތެރޭގައި ބަތަލާ ކިއާރާ އަދްވާނީ، ރަކުލް ޕްރީތް އަދި ފަހުން ހިންދީ ފިލްމުތައް ކުޅެން ފެށި ޕްރަބާސް ހިމެނެއެވެ.

ބަތަލާ ރަޝްމިކާވެސް ދާދިފަހުންވަނީ ހިންދި ސިނަމާއާއި ގުޅި ހިންދީ ފިލްމުތަކުން ފެނިފައެވެ. އައްލޫ އަރުޖުންއާއެކު ޓީ-ސީރީސްއިން ފިލްމެއް ގެނެސްދޭން ތައްޔާރުވެފައިވާއިރު މީގެކުރިން އަރުޖުން ހިންދީ ފިލްމަކުން ފެނިދާނެކަމުގެ ޚަބަރުވެސްވަނީ ފެތުރިފައެވެ.