03 Mar 2023, 18:58
އިސްލާމިކް އިކޮނޮމިކްސްއާ ގުޅޭ ބައިނަލްއަގްވާމީ ބޮޑު ކޮންފަރެންސްއެއް އަންނަ ބުދަ ދުވަހާއި ބުރާސްފަތި ދުވަހު އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)ގައި ބާއްވަން ނިންމައިފިއެވެ.
އައިޔޫއެމްއިން "އައިކޮނީ 2023"ގެ ނަމުގައި ބާއްވާ އެ ކޮންފަރެންސަކީ އައިޔޫއެމްގެ ކުއްލިއްޔާ އޮފް އިކޮނޮމިކްސް އެންޑް މެނޭޖްމަންޓް ސްޓަޑީސް (ކެމްސް) އާއި މެލޭޝިއާގެ ޔުނިވާސިޓީ އިސްލާމް އަންޓަރަބަންގްސާ ސެލަންގޯގެ އިންޓަނޭޝަނަލް ރިސާޗް ސެންޓާ އޮފް އިސްލާމިކް އިކޮނޮމިކްސް އެންޑް ފައިނޭސްސް ގުޅިގެން އިންތިޒާމުކުރާ އިލްމީ މަހާސިންތާއެކެވެ.
އައިޔޫއެމްއިން ބުނީ އެ ކޮންފަރެންސް ބާއްވަނީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީގެ ސެންޓާ ފޯ އިސްލާމިކް އިކޮނޮމިކްސްގެ ބައިވެރިވުމާ ވެސް އެކުގައި ކަމަށެވެ. އަދި އެ ކޮންފަރެންސަކީ އިޖްތިމާއީ ކަންކަމާއި އިގްތިސާދީ ކަންކަން ގުޅިލާމެހިގެން ގެންނަ ތަރައްގީގައި އިސްލާމީ އިގުތިސާދުގެ ބައިވެރިވުން އޮތުމުގެ މުހިންމުކަމާ ބެހޭގޮތުން، ސިނާއަތުގައި މަސައްކަތްކުރައްވާ ބޭފުޅުން މަޝްވަރާކުރަން ލިބޭ މުހިއްމު ފުރުސަތެއް ކަމަށް އެ ޔުނިވާސިޓީއިން ބުންޏެވެ.
އެ ކޮންފަރެންސްގެ ޝިއާރަކީ "އެޗީވިން އަދްލު އެންޑް އިހްސާން ވިއާ އިސްލާމިކް އިކޮމިކްސް" ނުވަތަ އިސްލާމީ އިގްތިސާދުގެ ތެރެއިން އިޖްތިމާއީ އަދާލަތު ގާއިމްކުރުން ކަމަށް އައިޔޫއެމްއިން ބުންޏެވެ. އަދި އެ ކޮންފަރެންސްގެ މަގުސަދަކީ އަދުލާއި އިހުސާންތެރިކަމުގެ މައްޗަށް ބިނާވެފައިވާ ތަރައްގީއަށް އިސްލާމީ އިގްތިސާދުގެ މުހިންމުކަން އަންގައިދިނުން ކަމަށް ވެސް އެ ޔުނިވާސިޓީއިން ބުންޏެވެ.
އައިޔޫއެމްއިން ބުނީ އެ ކޮންފަރެންސްގައި ކީނޯޓު ތަގުރީރު ދޭނީ އެ ދާއިރާގެ އިލްމީ ބޭފުޅުންނާއި ތަޖުރިބާކާރުން ކަމަށެވެ.
އޭގެ ތެރޭގައި ރާއްޖެއަށް ނިސްބަތްވެވަޑައިގަންނަވާ އަދި އިސްލާމީ މާލީ ނިޒާމަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ގާއިމްކުރަން މެލޭޝިއާގައި ހިންގާ އިންސެއިފް ޔުނިވާސިޓީގެ ޕްރޮފެސަރު، ޑރ. އާއިޝަތު މުނީޒާ ހިމެނިވަޑައިގަންނަވާކަން އައިޔޫއެމްއިން ފާހަގަކުރެއެވެ. އޭގެ އިތުރުުން އެ ޔުނިވާސިޓީގެ ޕްރޮފެސަރު ދާތޯ އިގްބާލް ސަލާމް އާއި ޕްރޮފެސަރު ދާތޯ ޑރ. މުޙައްމަދު އަޒްމީ އުމަރު ވެސް ތަގުރީރުކުރައްވާނެ ކަމަށް އެ ޔުނިވާސިޓީއިން ބުންޏެވެ. ހަމަ އެހެންމެ، ޔުނިވާސިޓީ އޮފް ނިއު އޯލިއަންސްގެ ޕްރޮފެސަރު ޑރ. މުޙައްމަދު ކަބީރު ޙަސަން އާއި އެ ނޫން ވެސް އެ ސިނާއަތުގެ ތަޖުރިބާކާރުންނާއި އިލްމީ ބޭފުޅުން އެ ކޮންފަރެންސްގައި ތަގުރީރު ދިނުމަށް ހަމަޖެހިފައިވެއެވެ.
އައިޔޫއެމްއިން ބުނީ އެ ކޮންފަރެންސްގެ ޝިއާރުގެ މައްޗަށް ބިނާކޮށް ތިން ޕެނަލް ޑިސްކަޝަންއެއް ކުރިއަށް ގެންދާނެ ކަމަށެވެ. އެ ޕެނަލްތަކުގައި ރާއްޖެ އާއި ރާއްޖޭން ބޭރުގެ ތަޖުރިބާކާރު ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވެސް އެ ޔުނިވާސިޓީއިން ބުނެއެވެ. އަދި އެ ކޮންފަރެންސްގައި ކަމާގުޅޭ ދާއިރާއާ ގުޅޭ ދިރާސީ ކަރުދާސްތައް ރާއްޖެ އާއި ރާއްޖޭން ބޭރުގެ އިލްމީ ބޭފުޅުން ހުށަހަޅުއްވާނެ ކަމަށް ވެސް އައިޔޫއެމްއިން ބުންޏެވެ.
އެ ކޮންފަރެންސްގައި، ރާއްޖޭގެ ސްކޫލްތަކާއި ޔުނިވާސިޓީތަކާއި ކޮލެޖުތަކުގައި ކިޔަވާ ދަރިވަރުންނަށް، ހިލޭ ބައިވެރިވެވޭނެއެވެ. އެ ފަރާތްތަކުގެ ރަޖިސްޓްރޭޝަން ފީ ކަވަރު ކުރާނީ އައިޔޫއެމް އިންނެވެ.
ރަޖިސްޓްރީވާ ހުރިހާ އެންމެންނަށް ވެސް ހުރިހާ ކީނޯޓް ތަގުރީރުތަކާއި ޕެނަލް ޑިސްކަޝަން ސެޝަންތަކާއި ކަރުދާސް ޕްރެޒެންޓޭޝަންތަކުގައި ބައިވެރިވެވޭނެ ކަމަށް އައިޔޫއެމްއިން ބުންޏެވެ.