04 Mar 2023, 08:44
މީގެ ދުވަސްކޮޅެއްކުރިން ބަތަލާ ޝުޝްމިތާ ސެންއަށް ހާޓް އެޓޭކެއް ޖެހުނުކަން ބަތަލާ ފޭނުންނާ ޙިއްސާކޮށްފިއެވެ. ހާޓް އެޓޭކެއް ޖެހި ޙާލު ދެރަވި ނަމަވެސް ޑޮކްޓަރުންގެ ލަފައާއި އިރުޝާދުގެ މަތިން ފަރުވާ ހޯދުމަށްފަހު މިހާރު ބަތަލާގެ ޙާލު ރަނގަޅުކަމަށް ސުޝްމިތާވަނީ ބުނެފައެވެ.
ސުޝްމިތާ ސެން އިންސްޓަގްރާމް މެދުވެރިކޮށް މިޚަބަރު ޙިއްސާކުރުމާއެކު ބަތަލާގެ ފޭނުންވަނީ ހެޔޮއެދޭ މެސެޖުތަކުން ބަތަލާއަށް ރައްދުދީފައެވެ.
ސުޝްމިތާއަށް ހާޓް އެޓޭކް ޖެހުނީއްސުރެން ޢާއިލާގެ ފަރާތުންނާއި ގާތް ރަޙްމަތްތެރިންގެ ފަރާތުން ލިބުނު އޯގާތެރިކަމާއި ލޯތްބަށް ބަތަލާވަނީ ޝުކުރު އަދާކޮށްފައެވެ.
ޚާއްޞަކޮށް ބަތަލާގެ ބައްޕަގެ ފަރާތުން ލިބުނު ހިތްވަރުގެ ބަސްތައް ހަނދާންކުރަމުން ބަތަލާބުނީ، ފަރުވާއަށްފަހު ޑޮކްޓަރު ބުނިގޮތުގައި ސުޝްމިތާއަކީ ވަރަށް ބޮޑު ހިތެއްގެ ވެރިއެއްކަމުގައެވެ. އަދި މިކަމާގުޅޭގޮތުން އިތުރު ތަފްޞީލު ފޭނުންނާ ވަރަށް އަވަހަށް ޙިއްސާކުރާނެކަމަށް 48އަހަރުގެ ބަތަލާވަނީ ބުނެފައެވެ. ހާޓް އެޓޭކް ޖެހި ފަރުވާއަށްފަހު ޙާލު ރަނގަޅުވެފައިވާކަމުގެ ޚަބަރާއެކު ސުޝްމިތާ އެދިފައިވަނީ އަމިއްލަ ހިތާމެދު ފަރުވާތެރިވުމަށާއި ހިތް އަބަދުވެސް އުފަލުގައި ބޭއްވުމަށެވެ. ސުޝްމިތާ އިންސްޓަގްރާމްގައި ޙިއްސާކުރި މިޚަބަރާއެކު ފޭނުންގެ އިތުރުން ބޮލީވުޑްގެ ގިނަ ފަންނާނުންތަކެއްވަނީ ބަތަލާއަށް ހެޔޮ ދުޢާގެ މެސެޖުތައް ފޮނުވާފައެވެ.
ފިލްމީ ދާއިރާއާއި ދުރުގައި ހުރުމަށްފަހު ބަތަލާ ޢާއްމުންނަށް އެންމެފަހުން ފެނިގެންދިޔައީ، 2020ވަނަ އަހަރު ޑިޒްނީ ހޮޓް ސްޓާއިން ޕްރިމިއަކުރި ވެބް ސީރީސް "އާރްޔާ"އިންނެވެ. މިވެބް ސީރީސްގެ ދެ ސީޒަން ރިލީޒްވެފައިވާއިރު ތިންވަނަ ސީޒަންގެ މަސައްކަތް ދާދިފަހުންވަނީ ފެށިފައެވެ. މިވެބް ސީރީސްގެ އިތުރުން ބަތަލާވަނީ "ތާލީ" ނަމަކަށްކިޔާ ވެބް ސީރީސްއަކަށްވެސް ސޮއިކޮށްފައެވެ.