އަކްޝޭ ކުމާރްއާއި ޓައިގާ ޝްރޮފް މުހިއްމު ރޯލްކުޅޭ ފިލްމު "ބަޅޭ މިޔާން ޗޯޓޭ މިޔާން"ގެ ކްރޫއާ ބަތަލާ ސޮނާކްޝީ ސިންހާ ގުޅިއްޖެއެވެ. ޢަލީ ޢައްބާސް ޒަފަރު ޑައިރެކްޓްކުރާ މިފިލްމަކީ، އެކްޝަން ޑްރާމާއެކެވެ. ޕޫޖާ އެންޓަޓެއިންމަންޓްއިން ގެނެސްދޭ މިފިލްމަކީ، ޒުވާން ޕްރޮޑިއުސަރު ޖެކީ ބަގްނާނީ ޕްރޮޑިއުސްކުރާ ފިލްމެކެވެ.

މީގެކުރިން އަކްޝޭ ކުމާރްއާއެކު ބައެއް ފިލްމުތަކުން ފެނިފައިވާ ބަތަލާ ސޮނަކްޝީއާއި އަކްޝޭގެ ކެމިސްޓްރީ ގިނަބަޔަކަށްވަނީ ކަމުގޮސްފައެވެ. ދެ ތަރިން އެކީގައި ފެނިގެންދިޔަ ފިލްމުތަކުގެތެރޭގައި، "ރައުޑީ ރާތޯރް"، ޖޯކާ"، "ވަންސް އަޕޯން އަ ޓައިމް އިން މުމްބާއީ ދޮބާރާ"، "ހޮލިޑޭ"، "އަ ސޯލްޖާ އިޒް ނެވާ އޮފް ޑިއުޓީ" އަދި "އޯމައި ގޯޑް" ހިމެނެއެވެ. ފިލްމު "ބަޅޭ މިޔާން ޗޯޓޭ މިޔާން"އަށް ސޮނާކްޝީ ސިންހާ ސޮއިކޮށްފައިވާއިރު ބަތަލާ ޖާންވީ ކަޕޫރު ފިލްމަށް ގެންނަން އުޅޭކަމުގެ ޚަބަރުތައްވެސް ކުރިން ފެތުރުނެވެ. މިފިލްމަށް ސޮއިކުރިކަން ކަށަވަރުކޮށްދެމުން ސޮނާކްޝީ ބުނެފައިވަނީ އެކްޓަރު އަކްޝޭ ކުމާރުއާއެކު މަސައްކަތްކުރުމަކީ އަބަދުވެސް އުފާވާކަމެއްކަމުގައެވެ. އަދި އެކްޓަރު ޓައިގާ ޝްރޮފްއާއެކު މިއީ ބަތަލާގެ ފުރަތަމަ ފިލްމުކަމަށްވުމުން މިއީ ވަރަށް އުފާވި ފުރުޞަތެއްކަމަށް ސޮނާކްޝީވަނީ ބުނެފައެވެ.

މިފިލްމުގެ ފުރަތަމަ ޝެޑިއުލް އިންޑިއާގެ މުމްބާއީގައި ނިންމާފައިވާއިރު ފިލްމުގެ ދެވަނަ ޝެޑިއުލްކުރިޔަށްދަނީ ސްކޮޓްލޭންޑްގައެވެ. ފިލްމުގެ ޕްރޮޑިއުސަރު ޖެކީ ބަގްނާނީ ދާދިފަހުންވަނީ ފިލްމުގެ އެކްޝަން ސީންއެއްވެސް ޢާއްމުންނާ ޙިއްސާކޮށްފައެވެ. މިފިލްމު ރިލީޒްކުރުމަށް ނިންމާފައިވަނީ މިއަންނަ އަހަރުގެ ޑިސެމްބަރުގައެވެ. މިނަމުގައި 1998ވަނަ އަހަރު ރިލީޒްކުރި ފިލްމަކީ، ބެލުންތެރިންގެ ވަރަށް ބޮޑު މަޤުބޫލުކަމެއް ހޯދި ފިލްމެކެވެ. އެފިލްމުގެ ލީޑް ރޯލްއިން ފެނިގެންދިޔައީ، އެކްޓަރު އަމީތާބް ބައްޗަންއާއި ގޯވިންދާއެވެ.