04 Mar 2023, 08:42
މިމަހުގެ 12ވަނަ ދުވަހު ބާއްވާ 25ވަނަ އޮސްކާ އެވޯޑް ހަފްލާ ހުށަހަޅައިދޭ ޕްރެޒެންޓަރުންގެތެރޭ އިންޑިއާގެ ކާމިޔާބު ބަތަލާ ދިޕިކާ ޕަޑުކޯން ހިމެނިއްޖެއެވެ. ދިޕިކާގެ އިތުރުން ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ޑްވެއިން ޖޯންސަން، ބަތަލާ އެމިލީ ބްލަންޓް އަދި މައިކަލް ބީ.ޖޯޑަންވެސް މިހަފްލާގެ ޕްރެޒެންޓަރުންގެތެރޭގައި ހިމެނެއެވެ.
މިއަހަރުގެ އޮސްކާ އެވޯޑް ހަފްލާގެ ޕްރެޒެންޓަރުންގެތެރޭގައި ދިޕިކާ ހިމެނިފައިވާކަން ބަތަލާވަނީ އަމިއްލަ އިންސްޓަގްރާމް ޕޯސްޓެއް މެދުވެރިކޮށް ފޭނުންނާ ޙިއްސާކޮށްފައެވެ.
ބަތަލާ ދިޕިކާ ޕްރެޒެންޓަރެއްގެ ގޮތުގައި މިއަހަރުގެ އޮސްކާ އެވޯޑް ޙަފްލާގައި ބައިވެރިވަނީ އަމިއްލަ ޤައުމު ރަމްޒުކޮށްދޭ ފަންނާނުގެގޮތުގައިވެސްމެއެވެ.
މީގެކުރިންވެސް ބަތަލާވަނީ ބައިނަލް އަޤްވާމީގޮތުން ބޭއްވިފައިވާ މިފަދަ ތަފާތު އެކި ޕްލެޓްފޯމްތަކުގައި އަމިއްލަ ޤައުމު ރަމްޒުކޮށްދީފައެވެ. އޭގެތެރޭގައި، ކާންސް ޖޫރީ މެމްބަރެއްގެގޮތުގައި އިންޑިއާ ރަމްޒުކޮށްދިނުމާއެކު އެންމެ ފަހުން ބޭއްވުނު ފީފާ ވޯލްޑް ކަޕްގެ ޓްރޮފީ ދުނިޔޭގެ އެތައް ބަޔަކަށް ދައްކާލުމުގެ ޙަފްލާ ހިމެނެއެވެ.
މީގެއިތުރުންވެސް ދިޕިކާއަކީ ދުނިޔޭގެ މަޝްހޫރު ލަކްޒަރީ ބްރޭންޑްތަކުގައި އެމްބެސެޑަރެއްގެގޮތުގައިވެސް ހޮވިފައިވާ އިންޑިއާއަށް ނިސްބަތްވާ ހަމައެކަނި ބަތަލާވެސްމެއެވެ. އޭގެތެރޭގައި ޔޫރަޕްގެ އެންމެ އަގުބޮޑު އެއް ބްރޭންޑް ލުއީ ވުޓޮން ހިމެނެއެވެ. އަދި ދާދިފަހުން ދިޕިކާވަނީ ދުނިޔޭގެ މަޤުބޫލު އެއާވޭސްކަމަށް ޤަތަރު އެއާވޭސްގެ ބްރޭންޑް އެމްބެސެޑަރުކަމަށްވެސް ހަމަޖައްސާފައެވެ.
އެކްޓަރު ރަންވީރް ސިންގްގެ އަންހެނުން ދިޕިކާ ޕަޑުކޯންއަކީ، މިވަގުތު ބޮލީވުޑްގައި ތިބި ބަތަލާއިންގެތެރެއިން އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ބަތަލާއެވެ.
ދިޕިކާގެ ފިލްމީ ޙަޔާތުގައި މިހާތަނަށް ކުޅުނު ގިނަ ފިލްމުތަކަކީ ބޮކްސް އޮފީހުގައިވެސް ބޮޑު އާމްދަނީއެއް ހޯދާފައިވާ ފިލްމުތަކެކެވެ. އޭގެތެރޭގައި، އެންމެ ފަހުން ރިލީޒްވި ބަތަލާގެ ފިލްމު "ޕަތާން"ވެގެން ގޮސްފައިވަނީ މިފަހަކަށްއައިސް ރިލީޒްވި ބޮލީވުޑް ފިލްމުތަކުގެތެރެއިން އެންމެ ބޮޑު ކާމިޔާބީއެއް ހޯދި އެއްފިލްމަށެވެ. ބަތަލާގެ ކުރިޔަށްހުރި ފިލްމުތަކުގެތެރޭގައި، އެކްޓަރު ރިތިކް ރޯޝަންއާއެކު ކުޅޭ ފިލްމު "ފައިޓާ" އަދި އަންނަ އަހަރު ރިލީޒްކުރުމަށް ތައްޔާރުވަމުން އަންނަ ނާގް އަޝްވިންގެ ފިލްމު "ޕްރޮޖެކްޓް ކޭ" ހިމެނެއެވެ.