17 Apr 2012, 20:59
ޅ. ނައިފަރުން ކުޑަ ފިރިހެން ކުއްޖަކު ގެއްލިގެން އެ ކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި ސިފައިން ކުރަމުން ދަނިކޮށް ރަށުގެ ފަޅުތެރޭގައި މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
ފުލުހުން ބުނީ އުމުރުން ފަސް އަހަރުގެ ހަސަން ޖާވިދު ފެނުނީ މިރޭ 1:50 އެހާކަންހާޢިރު ކަމަށާއި ފެނުނީ ނައިފަރުގެ މަސްމާރުކޭޓާއި ދިމާލު ދެކުނު ފަޅުތެރޭގައި އޮށްވާ ކަމަށެވެ.
ނައިފަރު މުލީހާ، ޙަސަން ޖާވިދު 5، ގެއްލުނީ މިއަދު މެންދުރު ފަހު 1:30 އެހާކަންހާއިރުން ފެށިގެނެވެ. ގެއްލިގެން އުޅޭކަމުގެ ރިޕޯޓް، އެ ކުއްޖާގެ އާއިލާ އިން ފުލުހުންނަށް ދިނުމާއެކު ސިފައިންނާ ފުލުހުން އަދި އެ ރަށުގެ ރައްޔިތުން ގުޅިގެން ދިޔައީ ޖާވިދު ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
ޖާވިދު ހޯދުމަށް ރަށުތެރެ އާއި ހޭޅިފަށް ބަލަމުން ދަނިކޮށް އޭނާގެ ފައިވާން ކަމަށް ބެލެވޭ ފައިވާނެއް ނައިފަރު ފަޅުތެރެ އިން ވަނީ ފެނިފަ އެވެ.
މިރޭ ޖާވިދު ފެނުމުން ޑޮކްޓަރުން އޭނާގެ ހަށިގަނޑު ބެއްލެވުމަށް ފަހު މިހާރު ވަނީ އާއިލާއާ ހަވާލުކޮށްފަ އެވެ.