ރައްޔިތުން މަޖިލީހުގެ ގުރައިދޫ ދާއިރާގެ ހުސްވެފައިވާ ގޮނޑިއަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)އިން ކެނޑިޑޭޓަކު ނެރުމަށް ހުޅުވާލައިފިއެވެ.

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 15 ވަނަ ދުވަހުއެވެ. އެ އިންތިޚާބުގައި އެމްއެންޕީގެ ފަރާތުން ވާދަކުރަން ބޭނުންވާ ކެނޑިޑޭޓުންނަށް ކުރިމަތިލާން ހުޅުވާލައިފައި ވަނީ އަންނަ އަންގާރަ ދުވަހުގެ ނިޔަލަށެވެ.

އެމްއެންޕީއިން ބުނީ އެ އިންތިޚާބަށް އެ ޕާޓީގެ ފަރާތުން ޕްރައިމެރީއެއް ބާއްވަން ޖެހިއްޖެ ނަމަ އެ އޮންނާނީ އަންނަ ހުކުރު ދުވަހު ކަމަށެވެ.

މި ބައި އިލެކްޝަނަށް އެމްއެންޕީގެ އިތުރުން އެމްޑީޕީން ވެސް ވަނީ ކުރިމަތިލުމަށް އިއުލާނުކޮށްފައެވެ. އެގޮތުން އެމްޑީޕީން ވަނީ މިދިޔަ ހޯމަ ދުވަހު އިންތިޚާބުގައި ވާދަކުރަން އިއުލާނުކޮށްފައެވެ. މިހާތަނަށް ހަތަރު މީހަކު ކުރިމަތިލާފައިވާއިރު، އެ ޕާޓީގެ ޕްރައިމަރީ ބާއްވަން ނިންމާފައި ވަނީ މި މަހުގެ 11 ވަނަ ދުވަހުއެވެ.

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ބާއްވަނީ ފާއިތުވި 14 އަހަރު އެ ދާއިރާގެ މެމްބަރުކަން ކުރެއްވި އިބްރާހިމް ރިޒާ އަވަހާރަވުމާ ގުޅިގެންނެވެ. ކެންސަރުގެ އާލާސްކަންފުޅުގައި ގިނަ ދުވަސް ތަކެއް ވަންދެން އުޅުއްވުމަށްފަހު އޭނާ އަވަހަރާވީ އުމުރުން 55 އަހަރުގައި މިދިޔަ ބުދަ ދުވަހުގެ ރޭ މެލޭޝިއާގައެވެ.