03 Mar 2023, 11:52
ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މައުލޫމާތު ބަދަލުވެގެން އާ ކާޑެއް ހައްދައިދޭ އަގު ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް)އިން ބޮޑު ކޮށްފިއެވެ.
މީގެ ކުރިން މައުލޫމާތު ބަދަލުކުރުމަށް ނަގަނީ 50 ރުފިޔާއެވެ. ނަމަވެސް އިއްޔެއިން ފެށިގެން އެ އަގުވަނީ 150 ރުފިޔާއަށް ބޮޑުކޮށްފައެވެ.
މައުލޫމާތު ބަދަލުވެގެން އައިޑީކާޑް ހެއްދުމަކީ އާއްމުކޮށް މީހުން ހޯދާ ހިދުމަތެކެވެ.
އެގޮތުން އެޑްރެސް ބަދަލުވުމާއި، ނަން ބަދަލުވެގެން ވެސް ގިނަ ބަޔަކު އާ އައިޑީ ކާޑެއް ހައްދައެވެ. މީގެ އިތުރުން ރިޔާސީ އިންތިޚާބު ގާތްވާ ވަރަކަށް ވެސް މައުލޫމާތު ބަދަލުވެގެން އާ ކާޑު ހައްދަން ހުށަހަޅައެވެ.
މިހާރު ކާޑު ހައްދައިދޭ އަގުތައް:
އަލަށް: ހިލޭ
- ކާޑުގެ މުއްދަތު ހަމަވުމުގެ ކުރިން ފޮޓޯ ނުވަތަ ސޮއިބަދަލުކުރާ ނަމަ: 150 ރުފިޔާ
- އާ ކާޑެއް ހައްދާނަމަ: 150 ރުފިޔާ
- މައުލޫމާތު އާކުރަން: 150 ރުފިޔާ
- ކާޑު ގެއްލިގެން: 250 ރުފިޔާ
އައިޑީކާޑް ހެއްދުމަށް މިހާރު ހުށަހަޅަން ޖެހެނީ އޮންލައިން ކޮށެވެ.