03 Mar 2023, 09:33
ޗައިނާ ސަރުކާރުގެ ގްލޯބަލް ސެކިއުރިޓީ އިނީޝިއޭޓިވް (ޖީއެސްއައި) ތަންފީޒުކުރުމަށް ޓަކައި ރާއްޖެއާއެކު މަސައްކަތްކުރުމަށް ބޭނުންވާކަމަށާއި އެ ކަމުގެ އެއްބާރުލުން ޗައިނާގެ ފަރާތުން ލިބޭނެކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު ވަންގް ލިޒިން ވިދާޅުވެއްޖެއެވެ.
ލިޒިން ވިދާޅުވީ، މިއަދު މުޅި ދުނިޔެ ވެސް ބަދަލުވަމުން އަންނަނީ މީގެ ކުރިން ކަން ހިނގަމުން އަންނަ ގޮތާ މުޅިން ތަފާތުކޮށް ކަމަށެވެ. މިއަދުގެ ދުނިޔޭގައި ސުލްހައާއި ސަލާމަތާއި ރައްކާތެރިކަމަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވަމުން އަންނައިރު އޭގެ ތެރެއިން ގިނަ ކަންކަމަކީ މީގެ ކުރިން ކުރިމަތިނުވާ ކަންކަންކަމަށް ލިޒިން ވިދާޅުވިއެވެ.
އެ ގޮންޖެހުންތަކާ ކުރިމަތިލައި ދުނިޔޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ޓަކައި ޗައިނާގެ ރައީސް ޝީ ޖިންޕިން އިފްތިތާހުކޮށްދެއްވި ގްލޯބަލް ސެކިއުރިޓީ އިނީޝިއޭޓިވް (ޖީއެސްއައި) އަކީ ދެކޮޅުވެރިކަމުގެ ބަދަލުގައި ގައުމުތައް އެކުވެ، ރަނގަޅު ނަތީޖާއެއް ނެރެ މައްސަލަތައް ހައްލުކުރުމަށް ބާރު އަޅައި ކަމެއް ކަމަށް ވެސް ވަންގް ލިޒިން ވިދާޅުވިއެވެ.
އެގޮތުން ރާއްޖެއާއި ޗައިނާއާ ދެމެދު ހާސިލްކުރަން ބޭނުންވާ އެއްގޮތް ކަންކަން ދެނެގަނެ ސިއްހީ ދާއިރާއާއި، މޫސުމީ ބަދަލުތަކާއި، ކާބޯތަކެތީގެ ޔަގީންކަން ކަށަވަރުކުރުމުގެ އިތުރުން ޓެރަރިޒަމާއި ދެކޮޅަށް މަސައްްކަތްކުރުމާއި، ކާރިސާތަކުން އަރައިގަތުމަަށް މަސައްކަތްކޮށްދިނުމަށް ޗައިނާއިން ތައްޔާރުކަމަށް ލިޒިން ވިދާޅުވިއެވެ.
"މީގެ ތެރެއިން މި ލިބެނީ ބައިނަލްއަގްވާމީ ގޮތުން ހުރި ބޮޑެތި މައްސަލަތަކާއި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ޓަކައި ބޭނުންވަނީ ކޮން ކަންތައްތަކެއްތޯއާއި، ދާނީ ކޮން މަގަކުންތޯ އަންގައިދޭ މުޅިން އާ މަގު ޗާޓެއް،" އޭނާ ވިދާޅުވިއެވެ.
ލިޒިން އިތުރަށް ވިދާޅުވީ ޗައިނާއިން ޖީއެސްއައި އިފްތިތާހުކުރުމާއެކު ދުނިޔޭގެ ގިނަ ގައުމުތަކެއްގެ ފަރާތުން އެ ކަމަށް ފަހި ޖަވާބެއް ލިބިފައިވާކަމަަށެވެ. އެގޮތުން މިހާތަނަށް 80 ގައުމަކާއި ސަރަހައްދީ ޖަމިއްޔާތަކުން ވެސް ޖީއެސްއައިއަށް ތާއީދުކޮށް އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ދީފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
ހަމައެއާއެކު ޗައިނާއިން ވެސް ޖީއެސްއައި ތަންފީޒުކުރުމުގައި އެއްބާރުލުން ދޭން ބޭނުންވާ ގައުމުތަކާއެކު ފުރިހަމައަށް މަސައްކަތްކުރާނެކަމަށާއި ދުނިޔޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ތަރައްގީ ހާސިލްކުރުމަށް މަސައްކަތްކުރުމަކީ ޗައިނާގެ ސަރުކާރު ހިންގާ ކޮމިއުނިސްޓް ޕާޓީގެ އެންމެ ބޮޑު މަގްސަދުކަމަށް ވެސް ލިޒިން ފާހަގަކުރެއްވިއެވެ.
ޖީއެސްއައިގެ މައިގަނޑު އަސާސްތަކަށް ނަންދެވިފައިވަނީ "ސިކްސް ކޮމިޓްމަންޓްސް"ގެ ގޮތުގައެވެ. އެ ކަންކަމަކީ:
ހުރިހާ އެންމެން ވެސް ހާސިލްކުރަން ބޭނުންވާ އެއްގޮތް ކަންކަން ހާސިލްކުރުމަށް މަސައްކަތްކުރުން.
- މައްސަލަތައް ދެނެގަނެ އެއްބާރުލުން ދިނުމާއެކު ދެމެހެއްޓެނިވި ގޮތެއްގައި ސަލާމަތް ޔަގީންކުރުން
- އެހެން ގައުމުތަކުގެ މިނިވަންކަމާއި އިސްތިގުލާލާއި ސަރަހައްދީ އިމަށް އިހްތިރާމްކުރުން.
- އދ.ގެ ޗާޓަރުގައިވާ އެންމެހައި އުސޫލުތަކަށް ތަބާވުން
- އެހެން ގައުމުތަކަށް ވެސް ސަލާމަތީ ގޮތުން ކުރިމަތިވާ ނުރައްކާތަކަށް ޚާއްސަ ސަމާލުކަމެއް ދިނުން.
- ދޭދޭ ގައުމުތަކުގައި އޮތް ދެބަސްވުންތަކާއި މައްސަލަތަކަށް ސުލްހަވެރި ގޮތެއްގައި ހައްލު ހޯދައިދިނުމަށް މަސައްކަތްކުރުން.
އެއާއެކު ލިޒިން ވިދާޅުވީ ޖީއެސްއައި އިން ހާމަވާ އެންމެ މުހިންމު ކަމަކީ ޗައިނާއަކީ އަބަދުވެސް އެ ގައުމުގެ ޚާރިޖީ ސިޔާސަތުތައް ތަންފީޒުކުރުމުގައި ދުނިޔޭގެ ހަމަޖެހުމާއި ތަރައްގީއަށް އިސްކަން ދޭ ގައުމެއްކަމަށެވެ.