03 Mar 2023, 09:26
ގޯލްޑެން ފުޓްސަލް ޗެލެންޖު 2023 ގެ ޒޯނު އަށެއްގެ ފައިނަލަށް ވިލިމާލެއާއި މާފަންނު ދަތުރުކޮށްފިއެވެ.
ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ކުޅުނު އެ ޒޯނުގެ ފަހު މެޗުގައި ބައްދަލުކުރީ މާފަންނާއި ވިލިމާލެއެވެ.
އެ މެޗު ނިމުނީ 2-2 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. އެ މެޗުގައި މާފަންނުގެ ގޯލުތައް ޖެހީ ހުސައިން ސަހައިލްއާއި މުހައްމަދު ޔަފާއުއެވެ. އަދި ވިލިމާލޭގެ ގޯލުތައް ޖެހީ އަލީ ސިޔާހުއާއި އިސްމާއިލް ވަޖީހުއެވެ.
އަށް ޒޯނަކަށް ބަހާލައިގެން ކުރިއަށް ގެންދާ އެ މުބާރާތުގެ ޒޯން އަށެއްގައި ހިމެނެނީ މާލެ ސިޓީއަށް ނިސްބަތްވާ ޓީމުތަކެވެ. އެގޮތުން އެ ޒޯނުގައި ހިމެނެނީ މާފަންނާއި، މައްޗަންގޯޅިއާއި ވިލިމާލޭގެ އިތުރުން ހުޅުމާލެއެވެ.

މާފަންނާއި ވިލިމާލެ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ/ ގޯލްޑެން ފުޓްސަލް އެސޯސިއޭޝަން
އެ ޒޯނުގެ ފައިނަލަށް މާފަންނާއި ވިލިމާލެ ދަތުރުކުރީ ފަސް ޕޮއިންޓާއެކުއެވެ. އަދި ތިންވަނައިގައި އޮތް މައްޗަންގޯޅިއަށް ލިބުނީ ހަތަރު ޕޮއިންޓެވެ. އަދި ތާވަލުގެ ފުލުގައި އޮތް ހުޅުމާލެއަށް ލިބުނީ އެންމެ ޕޮއިންޓެކެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖަކީ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ވެސް އެ ރަށަކަށް ނިސްބަތްވާ އެއް ޓީމަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެކެވެ. ނަމަވެސް މާލެއާއި ފުވައްމުލަކުގެ ކޮންމެ އަވަށަކުން ޓީމެއް ބައިވެރިކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފައެވެ. މި އަހަރުގެ ގޯލްޑެން ފުޓްސަލް ޗެލެންޖުގައި 102 ޓީމު ވަނީ ބައިވެރިވެފައެވެ.
ގޯލްޑެން ފުޓްސަލް ޗެލެންޖުގެ މި އަހަރުގެ ބްރޯޑްކާސްޓިން ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ސަން ސިޔާމް މީޑިއާއެވެ. ގޯލްޑެން ފުޓްސަލް ޗެލެންޖު 2023 ގެ ހުރިހާ މެޗެއް "އެސްއެސް ޓީވީ"ގެ ފޭސްބުކް ޕޭޖުންނާއި "އެސްއެސް ޓީވީ"އިން ލައިވް ކުރާނެއެވެ.