މާލޭ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުގައި ހުރި ދަރުބާރުގޭގެ މުވައްޒަފުން ހައުސިން މިނިސްޓްރީގެ ދަށަށް ބަދަލުކުރުމުން ކައުންސިލުން މިއަދު ބަންދުކޮށްފައި ހުރި ދަރުބާރުގޭގެ ތަޅުތައް ބަދަލުކޮށް އެތަނަށް މިނިސްޓްރީން ވަންނަން އުޅުމުން މައްސަލަ އިތުރަށް ހޫނުވެއްޖެ އެވެ.

ސިޓީ ކައުންސިލްގެ ޑީއާރުޕީ މެންބަރު އިބްރާހިމް ސުޖާއު ދަރުބާރުގޭ ގޯތިތެރޭގައި ހުންނަވައިގެން މިއަދު ވިދާޅުވީ ހައުސިން މިނިސްޓްރީން ބުނެގެން ކަމަށް ބުނެ ބަޔަކު ދަރުބާރުގެ އަށް ވަދެވެން ހުރި ބައެއް ދޮރުތަކުގެ ތަޅުތައް ބަދަލުކޮށްފައިވާ ކަމަށާއި އެ ގޮތަށް އެކަން ނުކުރެވޭނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ބެލުމުގެ ދަށުގައި ހުރި ތަނެއް އެއީ އެ ގޮތަށް މިނިސްޓްރީން ބުނެގެންނޭ ކިޔާފައި އައިސް ތަޅުތައް ބަދަލެއް ނުކުރެވޭނެ. އެހެންވެ އަޅުގަނޑަށް ބުނެވޭނީ މި ތަން [ދަރުބާރު]ގެ ހަމަފަޅާލީ އޭ،" ސުޖާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދަރުބާރުގެ ތަޅުތައް ބަދަލުކުރަން މަސައްކަތް ކޮށްފައި ވަނީ އެ މައްސަލައިގައި މިނިސްޓްރީ އާއި ސިވިލް ސާވިސް ކޮމިޝަނާ މަޝްވަރާ ކުރަމުން ދަނިކޮށް ކަމަށާއި އެ ޕްރޮސެސް ނުނިމެނީސް އެކަން ކުރަން މަސައްކަތް ކުރުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

"އަޅުގަނޑުމެން ނުބުނަން އެއްފަހަރަކު ވެސް ނުދޭނަމެކޭ. އެކަމަކު އެބޭފުޅުންނަށް އަޅުގަނޑުމެންނާ ވާހަކަ ދެއްކުމުގެ ފުރުސަތު އޮއްވާ މި ގޮތަށް މިކަމެއް ނުކުރެވޭނެ. ހަމަ އެ މަގު ހުޅުވިފައި އޮތީ،" ސުޖާ ވިދާޅުވި އެވެ.

ސަންގެ ނޫސްވެރިން ދަރުބާރުގެއަށް ދިޔައިރު ވެސް އެ ސަރަހައްދުގައި ފުލުހުންނާއި ސިޓީ ކައުންސިލްގެ މެންބަރުން ވެސް ތިއްބެވި އެވެ. ސިޓީ ކައުންސިލްގެ މެންބަރުން އޭރުވެސް ފުލުހުންގެ ކިބައިން އެދެމުން ގެންދިޔައީ ގާނޫނާއި ގަވާއިދުގެ ތެރެއިން ދަރުބާރުގެ ސިޓީ ކައުންސިލަށް ބަދަލުކުރުމުގެ މަސައްކަތް ކުރިޔަށް ގެންދަވާ ނަމަ އެކަމަށް ހުރަސް ނާޅުއްވާނެ ކަމަށެވެ. ނަމަވެސް ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ތަނަކަށް އެ ކައުންސިލުގެ ހުއްދައެއް ނެތި ނުވަދެވޭނެ ކަމަށް އެބޭފުޅުން ތަކުރާރުކޮށް ދަންނަވަމުން ގެންދިޔަ އެވެ.

އެ ސަރަހައްދުގައި ތިބި ފުލުހުން ކައުންސިލް މެންބަރުންނަށް ވިދާޅުވީ ދެ ފަރާތުން ވާހަކަ ދައްކައިގެން ސުލްހަވެރިކަމާ އެކު އެ މައްސަލަ ކުރިއަށް ގެންދިޔުމަށެވެ.

ސިޓީ ކައުންސިލުން ދަރުބާރުގެ ބަންދުކޮށް އޮޕަރޭޝަންތައް މެދުކަނޑާލީ އެތަނުގެ މުވައްޒަފުން ހައުންސިން މިނިސްޓްރީގެ ދަށަށް ބަދަލުކުރުމާ އެކު އެކަމާ ހިތްހަމަނުޖެހިގެންނެވެ. ހައުސިން މިނިސްޓަރު ޑރ. މުހަންމަދު މުއިއްޒު ވިދާޅުވެފައި ވަނީ ދަރުބާރުގެ ހައުސިން މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައި ވަނީ ފިނޭންސް މިނިސްޓްރީ އަށް ވެސް އެނގިގެން އޮންނަ އުސޫލުގެ ދަށުން ކަމަށެވެ.