02 Mar 2023, 22:39
ޑިޖިޓަލް އައިޑީ ކާޑު ތަޢާރަފްކުރުމުން މީހުންގެ ޒާތީ މައުލޫމާތު ގެއްލުމުގެ ފުރުސަތު ކުޑަވާނެ ކަމަށް މިނިސްޓްރީ އޮފް އެންވަރަމެންޓް، ކޮމިއުނިކޭޝަންސް އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
މިއަދު ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) އިން ޑިޖިޓަލް އައިޑީކާޑު ތަޢާރަފްކުރުމަށް ވަމުންދާ ތައްޔާރީތަކާ ގުޅޭ މަޢުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޢުލޫމާތު ދެއްވަމުން މުހައްމަދު ޝަރީފް ވިދާޅުވީ ޑިޖިޓަލް އަައިޑީ ކާޑުގެ ސަބަބުން ޒާތީ މަޢުލޫމާތު ގެއްލުމުގެ ފުރުސަތު ކުޑަވެ، އެހެން މީހަކަށް އެ މަޢުލޫމާތު ތަކުގެ ބޭނުން ހިފުމަށް އޮންނަ ފުރުސަތު ކުޑަވާނެ ކަމަށެވެ.
ޝަރީފް ވިދާޅުވީ މި އައިޑީ ކާޑުގެ ސަބަބުން އަމިއްލަ ޒާތީ މައުލޫމާތުގެ މައްޗަށް އެމީހަކު އަމިއްލައަށް ބާރުވެރި ކުރުވާނެ ކަމަށެވެ. އަދި އެކަންކަމަށް އެހީތެރިވުމުގެ ގޮތުން ޕްރައިވެސީ އެންޑް ޑާޓާ ޕްރޮޓެކްޝަން ގާނޫނެއް ހެދުމުގެ މަސައްކަތް ވެސް މިހާރު ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ޑިޖިޓަލް އައިޑީ ކާޑު
"އެ ގާނޫނު ޕްރައިވެސީ އެންޑް ޑާޓާ ޕްރޮޓެކްޝަން ގެނައުމުގެ ކުރިން މި އައިޑެންޓިޓީ އަކީ ޕްރައިވެޓް ސެކްޓާއަށް، އޭގެ މައުލޫމާތު ނެގޭ ގޮތަށް ދޫކޮށްލާނެ އެއްޗެއް ނޫން. އެ ގާނޫނު އައީމަ އޭގެން މައުލޫމާތު ނެގޭ ގޮތަށް ދޫކޮށްލާނީ،" ޝަރީފު ވިދާޅުވިއެވެ.
ޝަރީފު ވިދާޅުވީ މި ޒަމާނުގެ ގޮތުން ހުރިހާ ކަމަކީ ޑިޖިޓަލް ކަންކަމަށް ވުމަކީ މުހިއްމު ކަމެއް ކަމަށެވެ. އެކަމުގެ ތެރެއިން ޑިޖިޓަލް އައިޑީ ކާޑު ތަޢާރަފްކުރުމުގެ މަސައްކަތް ކުރަމަކީ މުހިއްމު ކަމެއް ކަމަށެވެ. އަދި މިކަން ކުރުމުގައި ސަރުކާރުން ގެންގުޅެނީ ތިން މައިގަނޑު އަސާސެއް ކަމުގައި އޭނާ ވިދާޅުވިއެވެ. އެއީ:
އައިޑެންޓިޓީ އަކީ ހަދަން ފަސޭހަ އައިޑެންޓިޓީ އަކަށް ވުން
- އައިޑެންޓިޓީ އަކީ ބޭނުން ކުރަން ފަސޭހަ އައިޑެންޓިޓީ އަކަށް ވުން އަދި
- މި އައިޑެންޓިޓީ އަކީ މީހެއްގެ ޒާތީ މަޢުލޫމާތު ރައްކާ ކުރާނެ އައިޑެންޓިޓީ އަކަށް ވުމެވެ.
ޝަރީފު ވިދާޅުވީ އެ ޚިދުމަތް ހޯދާ ފަރާތްތަކަކީ އޭގެ އަސްލު ވެރިފަރާތްތޯ ވެރިފައި ކުރެވޭނެ ގޮތްތައް ވެސް ހިމެނޭ ކަމަށެވެ. އޭގެ ތެރޭގައި އީމެއިލް، އޯޓީޕީ، ފޭސް އައިޑީ އަދި ފިންގާ ޕްރިންޓް ހިމެނެއެވެ.
ޝަރީފު އިތުރަށް ވިދާޅުވީ އެ ކާޑުގައި ހުރި މައުލޫމާތުއް ރުހުމާއެކު، އެހެން މީހަކަށް ހިއްސާކުރެވޭނީ ކިއުއާރު ކޯޑަކުން ކަމަށެވެ. މި ކިއުއާރު ކޯޑަކީ 15 ސިކުންތުން ބަދަލުވާ ކޯޑެކެވެ.
އެހެންކަމުން ކިއުއާރު ކޯޑުގެ ފޮޓޯއެއް ނަގައިގެން ގޮސް ފަހުން އެ މައުލޫމާތު ނުހޯދޭނެ ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި އެ ކިއުއާރް ކޯޑުން މައުލޫމާތު ނެގޭނީ ހަމައެކަނި އެކަމުގެ ހުއްދަ އޮންނަ މީހުންނަށް އެކަނި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޑިޖިޓަލް އައިޑީކާޑު ޓެސްޓުކުރުމުގެ މަސައްކަތް މިހާރުދަނީ ކުރިޔަށެވެ. މި މަސައްކަތުގެ ތެރެއިން 500 ޢާންމު މީހަކަށް، އެ މީހެއްގެ އައިޑީ ކާޑު ޓެސްޓު ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ. މި ޚިދުމަތް އައުމަށްފަހު، ފިޒިކަލް އައިޑީ ކާޑު އަތުގައި އޮތުން ލާޒިމެއް ނުވާނެއެވެ.