ކޯލިޝަން ހެދުމާ ދެކޮޅަށް ވަކާލާތު ކުރެއްވި ބައެއް ބޭފުޅުން ވެސް މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ ކޯލިޝަނަކާއެކު ކުރިއަށް ދިއުމަށް މަގުފަހިވާނެ ގޮތެއް ހޯދުމަށް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ނުސީދާ ރައްދެއް ދެއްވައިފިއެވެ.

ހިރިލަންދޫގައި މިރޭ ބޭއްވި އެމްޑީޕީގެ ޖަލްސާގައި ރައްޔިތުންނާ މުޚާތަބު ކުރައްވައި ރައީސް ޞާލިޙް ދެއްކެވި ވާހަކަފުޅުގައި އެ މަނިކުފާނު ވަނީ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވޭނީ ކޯލިޝަނަކާއެކު ކުރިއަށް ގޮސްކަމަށް ވިދާޅުވަމުން އައި ވާހަކަ ތަކުރާރު ކުރައްވާފައެވެ.

އެގޮތުން ރައީސް ވިދާޅުވީ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް އޮތް ހަމައެކަނި ފޯމިއުލާ އަކީ ކޯލިޝަނަކާއެކު ކުރިއަށް ދިއުން ކަމަށާއި، ރާއްޖޭގައި މިހާތަނަށް ބޭއްވި ހުރިހާ އިންތިޚާބެއް ކާމިޔާބު ކޮށްފައިވަނީ ކޯލިޝަނެއްގެ ތެރެއިން ކަމަށެވެ.

އަޅުގަނޑު ހިތުން މިކަމާ ދެކޮޅު ހެއްދެވި ބޭފުޅުންވެސް އެ މަސައްކަތް ކުރަނީ ކޮންމެސް ބަޔަކާ އެކީ ކޯލިޝަން ހަދަން. އޭރަކު އެ މަންޒަރެއް ނުފެނޭ. އަޅުގަނޑު އެދުވަހު އެ ދެންނެވި ގޮތަށް އެ މަސައްކަތް ފަށައިގެން އަޅުގަނޑު ކުރިއަށް މިދަނީ. އަޅުގަނޑުގެ ކޯލިޝަންގައި މިވަގުތު ތިބި ހުރިހާ ޕާޓީތައް، އަދާލަތަށާ، ޖުމްހޫރީ ޕާޓީއަށާއި އަދި އެމްއާރްއެމްއަށް އަޅުގަނޑު ވާނީ ދައުވަތު ދީފަ. އިރާދަ ކުރެއްވިއްޔާ މިކަމުގެ ރަނގަޅު ނަތީޖާއެއް ތިބޭފުޅުންނަށް ވަރަށް އަވަހަށް ފެނިގެންދާނެ.ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް

ބެލެވޭ ގޮތުގައި ރައީސް އެ އިޝާރާތްކުރެއްވީ ރައީސް ނަޝީދު އާއި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމްއާ މިފަހުން ބޭއްވި ބައްދަލުވުމަށެވެ.

ބައެއް ފަރާތްތަކުން ބުނަމުން އަންނަނީ މިއީ ރައީސް ނަޝީދުގެ ފެކްޝަނުން ޖޭޕީއާ ކޯލިޝަން ހަދަން ކުރި މަޝްވަރާތަކެއް ކަަމަށެވެ. އެކަމަކު އެއްވެސް ފަރާތަކުން އަދި މިފަދަ ވާހަކައެއް ރަސްމީ ސިފައެއްގައި ހާމައެއް ނުކުރެއެވެ.

މީގެ އިތުރުން ރައީސް ވަނީ ރިޔާސީ އިންތިޚާބުގައްޔާއި ކުރިއަށް އޮތް ތަނުގައި ވެސް މަސައްކަތް ކުރައްވާނީ މިހާރު ވެސް އެ މަނިކުފާނުގެ އަރިހުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ޓީމާ އެކު ކަން ހާމަކުރައްވާފައެވެ. ރައީސް ވިދާޅުވީ، ސަރުކާރުގެ ސިޔާސަތުތަށް ތަންފީޒް ކުރުމުގައްޔާއި ރައްޔިތުންނަށް ބޭނުންވާ މަޝްރޫއުތައް އެމީހުންނާ ހިސާބަށް ގެނެސްދިނުމަށްޓަކައި އެންމެ ބޮޑު އެހީތެރިކަމެއް ލިބިގެން ދިޔައީ އެ މަނިކުފާނާ އެކު މަސައްކަތް ކުރައްވާ މީހުންގެ ފަރާތުން ކަމަށެވެ.

ރައީސްގެ އަރިހުގައި މިރޭގެ ޖަލްސާގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލާއި، އެޑިއުކޭޝަން މިނިސްޓަރު ޑރ، އައިޝަތު އަލީ އާއި، ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ އިތުރުން، ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒާއި، އައްޑޫ މީދޫ ދާއިރާގެ މްމެބަރު ރޮޒައިނާ އާދަމް އަދި ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ބައިވެރިވެވަޑައިގެންނެވިއެވެ.

އެމްޑީޕީން ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ތައްޔާރުވަމުން އަންނަ އިރު، ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން ވަނީ ރައީސަށް ތާއީދު ކުރުމަށް ނިންމާފައެވެ. އަދި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން ވެސް ވަނީ ރައީސް ސާލިޙްއަށް ތާއީދު ކުރުމަށް ނިންމާފައެވެ.

ރައީސް ދައުވަތު ދެއްވި ނަމަވެސް، މި ސަރުކާރު ހިންގާ ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ) އާއި އެމްއާރްއެމްއިން އަދި ވަކި ގޮތެއް ނުނިންމައެވެ. ނަމަވެސް މިފަހުން ބޭއްވި ޖޭޕީގެ ކޮންގްރެސްގައި އެ ޕާޓީން ވަނީ ރިޔާސީ އިންތިޚާބުގައި އެ ޕާޓީން ކެނޑިޑޭޓަކު ނެރެން ލަފާދިނުމަށް ގަރާރެއް ފާސްކޮށްފައެވެ.

އޭގެ ފަހުން އެ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވަނީ ރައީސް ޞާލިހް އާ ބައްދަލުކުރެއްވާފައެވެ. އެހެން ނަމަވެސް އެ ބައްދަލުވުމުގެ އެއްވެސް ތަފްސީލެއް ހިއްސާކުރައްވަން ގާސިމް ދެކޮޅުހެއްދެވިއެވެ.