ރ. ދުވާފަރު ކައުންސިލުގެ ކޮރަޕްޝަން މައްސަލައިގައި އަށް މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން މިއަދު ފޮނުވައިފިއެވެ.

ދުވާފަރު ކައުންސިލުގެ ހިޔާނާތުގެ މައްސަލަ ފެންމަތިވީ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން އެކުލަވާލި ދުވާފަރު ކައުންސިލްގެ ޚާއްޞަ މޮނިޓަރިންގ ރިޕޯޓަކުންނެވެ.

އެ ރިޕޯޓުން ފާހަގަވި ކޮރަޕްޝަންގެ މައްސަލައާ ގުޅިގެން 12 މީހެއްގެ މައްސަލަ ތަޙުޤީގުކޮށް، ޑިއުޓީ ޕްރޮސިކިއުޝަން މަރުހަލާއަށްފަހު، ދަޢުވާކޮށްދިނުމަށް ނިންމާފައިވާ 8 މީހުންގެ ތެރޭގައި އެ ކައުންސިލްގައި އޭރުތިބި މެންބަރުންނާއި ބައެއް މުވައްޒަފުން ހިމެނެއެވެ.

މި މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވި 8 މީހުންގެ ތެރޭގައި ހިމެނެނީ:

  • ދުވާފަރު ކައުންސިލްގެ ރައީސް ޙަސަން ޙަކީމް

  • ކައުންސިލްގެ ނާއިބު ރައީސް ޢިޒްމީލް އަޙުމަދު
  • ކައުންސިލްގެ އޭރުގެ މެންބަރު އަޙްމަދު ސަމޫޙު
  • ކައުންސިލްގެ މެންބަރު މުޙައްމަދު ޝާމް
  • ކައުންސިލްގެ މެންބަރު ޒުހުދާ އާދަމް
  • ކައުންސިލްގެ މެންބަރު އާމިނަތު ޞަލާޙު
  • ސެކްރަޓަރީ ޖެނަރަލް މުޙައްމަދު ނާޞިޙް
  • ކައުންސިލްގެ އިދާރާގެ އޭރުގެ އެސިސްޓެންޓް ޑިރެކްޓަރ، މުޙައްމަދު ޢަލީފުޅު

މި އެންމެންގެ މައްޗަށްވެސް ދަޢުވާކޮށްދިނުމަށް އެދިފައިވަނީ ދިވެހި ރާއްޖޭގެ ޤާނޫނުލްއުޤޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގައިވާ، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށާއި އަދި އެޤާނޫގެ 516 ވަނަ މާއްދާގައިވާ ދައުލަތުގެ މުދަލާއި ފައިސާއަށް ޚިޔާނާތްތެރިވުމުގެ ކުށުގެ އިތުރުން، ހަމަ އެޤާނޫނުގެ 517 ވަނަ މާއްދާގައިވާ ދައުލަތަށް ފައިދާއެއް ލިބެން އޮތްކަމެއްގައި އެނޫންގޮތަކަށް ޢަމަލުކުރުމުގެ ކުށުގެ ދައުވާއެވެ.

އުސޫލުތަކާއި ޚިލާފަށް ގިނަ އަދަދެއްގެ ފައިސާގެ މުޢާމަލާތްތަކެއް، ހިންގާފައިވާކަން ފާހަގަކުރެވުނު މި މައްސަލަ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ކޮމިޝަނަށް ހުށައެޅުމާއެކު، ޚާއްސަ ޓީމަކުން ދުވާފަރަށް ގޮސް ތަޙުޤީގަށް ބޭނުންވާ މަޢުލޫމާތު އެއްކޮށް، 2 މަސްދުވަސްތެރޭގައި މައްސަލައިގެ ތަޙުޤީގު ނިންމައި ޑިއުޓީ ޕްރޮސިކިއުޝަނަށް ވަނީ ފޮނުވާފައެވެ. އަދި މިއަދު ދަޢުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ ޑިއުޓީ ޕްރޮސިކިއުޝަން މަރުހަލާގައި ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހުން އިސްލާހުކުރުމަށް އެންގިކަންކަން އިސްލާހު ކުރުމަށްފަހުގައެވެ.