04 Mar 2023, 08:36
މައިކްރޯސޮފްޓްގެ ވިންޑޯޒް 11ގެ ސާޗްބޮކްސްގައި އޭއައި ޗެޓްބޮޓްގެ ފީޗާތައް ބޭނުންކުރެވޭނެ ގޮތް ވަރަށް އަވަހަށް ހަދާނެކަމަށް އެކުންފުނިން ބުނެފިއެވެ.
އޭއައިއަށް އެންމެ ގިނައިން އިންވެސްޓް ކުރާ ކުންފުނިތަކުގެ ތެރޭގައި މައިކްރޯސޮފްޓް ހިމެނޭއިރު، އެ ކުންފުންޏަކީ އޭއައި މަޝްރޫއަކަށް 10 ބިލިއަން ޑޮލަރު އިންވެސްޓުކުރި ފުރަތަމަ ކުންފުންޏެވެ.
އެ ކުންފުނީގެ ބިންގް ސާޗް އިންޖީނުގައި އޭއައި ހިމަނާފައިވާއިރު، މިހާރު އެ ޓެކްނޮލޮޖީ ޑެސްކްޓޮޕަށް ގެނައުމުގެ މަސައްކަތް މައިކްރޯސޮފްޓްއިން ވަނީ ފަށާފައެވެ.
ބިންގް އޭއައި ޕްރިވިއު ޕްރޮގްރާމަށް ސައިންއަޕް ކުރާ މީހުންނަށް ޓާސްކްބާގައި ހުންނަ ސާޗް ބޮކްސްއިން ޗެޓްޖީޕީޓީގެ ފީޗާތަކަށް ވަދެވޭނެއެވެ. އެހެންކަމުން އިތުރު ބްރައުޒާއެއް ނުހުޅުވައި، ސީދާ ސާޗް ބޮކްސްގައި ސުވާލުތައް ލިޔެގެން ޖަވާބު ލިބޭނެއެވެ.
މައިކްރޮސޮފްޓްއިން އުންމީދު ކުރަނީ މި އަޕްޑޭޓްގެ ސަބަބުން ސާޗް އެކްސްޕީރިއަންސް ހަލުވިވެ، މި ޚިދުމަތް ބޭނުންކުރާ މީހުންނަށް އިތުރު ފަސޭހަތައް ލިބޭނެ ކަމަށެވެ.
"ވިންޑޯޒް ސާޗް ބޮކްސް އަކީ ވިންޑޯޒްގައި އެންމެ ގިނައިން ބޭނުންކުރާ އެއް ފީޗާއެވެ. ކޮންމެ މަހަކު 500 މިލިއަނަށް ވުރެ ގިނަ މީހުން އޭގެ ބޭނުންކުރާ އިރު، މިހާރު ޓައިޕެބަލް ވިންޑޯޒް ސާޗް ބޮކްސް އާއި އާ އޭއައި ޕަވާޑް ބިންގް އެކުވުމުން، ކުރިއަށް ވުރެ އަވަހަށް ހޯދަން ބޭނުންވާ ޖަވާބުތައް ހޯދޭނެ،" މައިކްރޮސޮފްޓްގެ ތަރުޖަމާނު ވިދާޅުވިއެވެ.
މިދިޔަ ހަފުތާގައި މައިކްރޯސޮފްޓްއިން ވަނީ މޮބައިލް އެޕްލިކޭޝަންތަކާއި ސްކައިޕްގައި ވެސް ބިންގް އޭއައި ޕްރިވިއުކޮށްފައެވެ. މިކަމުގެ ސަބަބުން ސާޗް އިންޖީނުގެ ބާޒާރަށް ބޮޑުބަދަލެއް އަންނޭނަކަމަށް ބެލެވޭއިރު، މައިކްރޮސޮފްޓްއިން އަންނަނީ އޭއައިގެ ބޮޑު އިންގިލާބެއް ގެނައުމަށް މަސައްކަތްކުރަމުންނެވެ. އެ އާ ފީޗާތަކަށް ޝައުގުވެރިވާ މީހުންނަށް، މައިކްރޮސޮފްޓްގެ ވެއިޓްލިސްޓަށް ވަނުމަށް ސައިންއަޕް ކުރެވޭނެއެވެ.