02 Mar 2023, 20:21
ޖަޕާނުގައި ކުރިން އޮތްކަން ނޭނގޭ 7،000 ޖަޒީރާ ރަށް ހޯދައިފިއެވެ.
ޖިއޯސްޕޭޝަލް އިންފޮމޭޝަން އޮތޯރިޓީ އޮފް ޖަޕާން (ޖީއެސްއައި) އިން ދާދި ފަހުން ނެރުނު ރިޕޯޓަކުން ދައްކާ ގޮތުގައި އެ ގައުމުގައި 14،125 ޖަޒީރާ ހުރިކަން ވަނީ ފާހަގަކޮށްފައިއެވެ.
ޖަޕާނުގެ ޖަޒީރާ ރަށްތަކާ ގުޅޭ ރިޕޯޓެއް އެންމެ ފަހުން ނެރެފައިވަނީ 1987 ވަނަ އަހަރު އެ ގައުމުގެ ކޯސްޓްގާޑުގެ ފަރާތުންނެވެ. އެ ފަހަރު ނެރުނު ރިޕޯޓުގައި 6،852 ޖަޒީރާ ރަށް ބޭނުންކުރަމުން އަންނަ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ.
އެހެންނަމަވެސް ޖީއެސްއައިއިން ނެރެފައިވާ މިފަހަރުގެ ރިޕޯޓުގައި އެ ގައުމުގެ ޖަޒީރާ ރަށްތަކުގެ އަދަދު މިވަނީ ދެގުނަ ބޮޑުވެފައެވެ.
ނަމަވެސް ޖީއެސްއައި އިން މި ހަފްތާގެ ރިޕޯޓުގައި ފާހަގަކުރި ގޮތުގައި މި ސާވޭ ކުރުމަށް އެންމެ ފަހުގެ ޓެކްނޮލޮޖީ ވަނީ ބޭނުންކޮށްފައެވެ. އެގޮތުން ރަށްތަކުގެ އަދަދު ގުނިއިރު މެޕްތަކުގެ ތަފްސީލު ދައްކުވައިދޭ ވަސީލަތްތައް ބޭނުން ކުރި ކަމަށް ޖީއެސްއައިން ބުނެފައިވެއެވެ.
ޖީއެސްއައިއިން ބުނި ގޮތުގައި އިތުރު ޖަޒީރާ ރަށްތައް ހޯދާފައިވާއިރު ޖަޕާނުގެ ބިމުގެ ޖުމްލަ ސަރަހައްދަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ.
އެ ގައުމުގެ ޖަޒީރާ ރަށްތައް ގުނާނެ ގޮތަކާ މެދު ބައިނަލްއަގްވާމީ އެއްބަސްވުމެއް މިހާތަނަށް ނެތް ނަމަވެސް، މި ސާވޭ ކޮށްފައިވަނީ މީގެ 35 އަހަރު ކުރިން ކުރި ސާވޭއާ އެއް މިންގަނޑެއްގެ ތެރޭގައެވެ.
އެ މިންގަނޑަކީ މަދުވެގެން 100 މީޓަރު (330 ފޫޓު) ގެ ވަށައިގެންވާ ގުދުރަތީ ގޮތުން އުފެދޭ ހުރިހާ ބިމުގެ ސަރަހައްދުތަކެއް ގުނުމެވެ. މި ސާވޭގައި އެއްވެސް އާޓިފިޝަލް ރަށެއް ހިމަނާފައެއް ނުވާނެކަމަށް ޖީއެސްއައި ވަނީ ބުނެފައެވެ.