އިޒްރޭލަށް ރައްކާތެރިކަން އޮތީ ފަލަސްތީނުގެ ރަނގަޅު ވަރުގަދަ ދައުލަތެއް ގާއިމްކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މިއަދު ވިދާޅުވެއްޖެ އެވެ.

ރަސްމީ ދަތުރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގެން އުޅުއްވާ ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސްއާ އެކު ބޭއްވެވި ރަސްމީ ވާހަކަތަކަށް ފަހު ދެއްވި ގުޅިފައިވާ ބަޔާނުގައި ރައީސް ޑރ. ވަހީދު ވިދާޅުވީ އދ. ގެ ގަރާރުތަކާ އެއް ގޮތްވާ ގޮތުގެ މަތިން ޖެހިޖެހިގެން އޮތް ދެގައުމުގެ ގޮތުގައި ސުލްހަވެރިކަމާ އެކު ފަލަސްތީނާއި އިޒްރޭލު އޮންނަ ގޮތަށް ފަލަސްތީނުގެ ދައުލަތެއް އުފެއްދުމުގެ ޕްލޭނަށް ތާއީދު ކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ އިޒްރޭލުގެ ރައްކާތެރިކަމަކީ ވެސް މުހިއްމު ކަމެއް ކަމަށެވެ.

"އިޒްރޭލުގެ ރައްކާތެރި ކަމަކީ ވެސް ހަމަ ( ފަލަސްތީނުގެ ދައުލަތް އުފެއްދުމެކޭ) އެއްވަރަށް މުހިއްމު ކަމެއް، ވަރުގަދަ ރަނގަޅު ފަލަސްތީނުގެ ދައުލަތެއް އުފެއްދުމަކީ އިޒްރޭލަށް ވެސް އެންމެ މަސްލަހަތު ހުރި ގޮތް، އިޒްރޭލަށް އެގައުމުގެ އަމިއްލަ ރައްކާތެރިކަން ހާސިލް ކުރެވޭނެ ހަމަ އެކަނި ގޮތަކީ ރަނގަޅު ވަރުގަދަ ފަލަސްތީނުގެ ދައުލަތެއް އުފެއްދުން،" ރައީސް ވަހީދު ވިދާޅު ވިއެވެ.

އެމަނިކުފާނު ވިދާޅުވީ ރައީސް މަހުމޫދު އައްބާސް ރާއްޖެ ވަޑައިގަތުމަކީ އިރުމަތީ ގުދުސް ވެރިރަށެއްގެ ގޮތުގައި އޮންނަ ގޮތަށް ފަލަސްތީނުގެ ދައުލަތެއް އުފެއްދުމަށް ކުރާ މަސައްކަތަށް ރާއްޖޭން ތާއީދުކުރާކަން ފަލަސްތީނު މީހުންނަށް އަލުން ކަށަވަރު ކޮށްދިނުމަށް ލިބުނު ފުރުސަތެއް ކަމަށެވެ.

އދގެ މެމްބަރުކަން ފަލަސްތީނަށް ދިނުމަށް ރާއްޖޭން ތާއީދުކުރާނެ ކަމަށާއި ބައިނަލް އަގުވާމީ އެހެން ޖަމާއަތްތަކުގެ މެމްބަރުކަން ފަލަސްތީނަށް ދިނުމަށްވެސް ތާއީދުކުރާނެ ކަމުގެ ޔަގީންކަން ރައީސް އައްބާސްއަށް އަރުވާފައި ވާނެކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ރައީސް އަދި ވިދާޅުވީ އދ.ގެ ހިއުމަން ރައިޓްސް ކައުންސިލްގައި ރާއްޖެއިން އައީ ފަލަސްތީނަށް ތާއީދުކުރަމުން ކަމަށާއި އެކައުންސިލްގައި ރާއްޖެއަށް ލިބުނު ކޮންމެ ފުރުސަތެއް ބޭނުންކޮށްފައި ވަނީ ފަލަސްތީނު މީހުންގެ ހައްގުތަކަށް ވަކާލާތު ކުރުމަށް ކަމަށެވެ.

ފަލަސްތީނުގެ ދައުލަތެއް ނެތި ފަލަސްތީނު މީހުންގެ ހައްގުތައް ނުލިބޭނެކަން ދުނިޔެއިން ދަންނަން ޖެހޭނެ ކަމަށް އދ.ގެ ހިއުމަންރައިޓްސް ކައުންސިލްގައި ރާއްޖޭން ގޮވާލާފައިވާ ގޮވާލުމަށް ބޮޑު ތާއީދެއް ލިބެމުން އަންނަ ކަމަށް ވެސް ޑރ. ވަހީދު ވިދާޅު ވިއެވެ.

" ފަލަސްތީނުގެ ދައުލަތް ބައިނަލް އަގުވާމީ ގޮތުން ބަލައިގަތުމަކީ ސުލްހައިގެ ވާހަކަތަކަށް އޮތް ހުރަހެއް ނޫން، އެކަމަކު އެއީ ވާހަކަތަކުގައި ދެފަރާތަށް ހަމަހަމަކަން އޮތްކަން އިހުސާސްކޮށްދޭނެ ކަމެއް، " ރައީސް ވަހީދު ވިދާޅު ވިއެވެ.

ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް ވިދާޅުވީ އިޒްރޭލުން ބައިނަލް އަގުވާމީ ގާނޫނުތަކަށް ބޯ ނުލަބާތީ މެދުއިރުމަތީގެ ސުލްހައަށް ގިނަ ހުރަސްތަކެއް އެޅިފައިވާ ކަމަށެވެ.

މިއަދު ދެއްވި ބަޔާނުގައި ރައީސް އައްބާސް ވަނީ ފަސޭހަފުޅު ވަގުތެއްގައި ފަލަސްތީނަށް ވަޑައިގެންނެވުމަށް ރައީސް ވަހީދަށް ދައުވަތު ދެއްވާފަ އެވެ. އަދި ރާއްޖޭން ފަލަސްތީނަށް ކުރާ ތާއީދަށް ޓަކައި ދިވެހި ސަރުކާރާއި ރައްޔިތުންނަށް އޭނާ ޝުކުރު އަދާކުރެއް ވިއެވެ.