02 Mar 2023, 14:46
ޔުނިވާސިޓީ ލެކްޗަރާއިންނާއި ޔުނިވާސިޓީތަކުގެ އިސްވެރިންގެ މުސާރަ، އިއްޔެއިން ފެށިގެން ވަރަށް ބޮޑަށް އިތުރުކޮށްފައިވާ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް ތ. ހިރިލަންދުއަށް މިހާރު ކުރައްވާ ދަތުރުފުޅުގައި ހިރިލަންދޫ ސްކޫލަށް 71 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވިދާޅުވީ ޔުނިވާސިޓީތަކުގެ ލެކްޗަރާއިންގެ މުސާރަ 59 އިންސައްތަ އިތުރުކޮށްފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ، ޔުނިވާސިޓީތަކުގެ ލެކްޗަރާއިންނަށް ކުރިން ލިބެމުން އައީ 18،680 ރުފިޔާ ކަމަށްވީ ނަމަވެސް މިހާރު އިތުރު ވަގުތާ ނުލައި 29،900 ރުފިޔާ ލިބޭނެ ކަމަށެވެ. އަދި ސީނިއާ ލެކްޗަރާއަކަށް ކުރިން ލިބެނީ 20،830 ރުފިޔާ ނަމަވެސް މިހާރު 34،000 ރުފިޔާ ލިބޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ހަމައެއާއެކު، އެސިސްޓެންޓް ޕްރޮފެސާއެއްގެ މުސާރަ 23،500 ރުފިޔާއިން 39،400 ރުފިޔާއަށް ބޮޑުކޮށްފައިވާނެ ކަމަށާއި އެސޯސިއޭޓް ޕްރޮފެސާއެއްގެ މުސާރަ 26،000 ރުފިޔާއިން 45،000 ރުފިޔާއަށް ބޮޑުކޮށްފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ގެނައި ބަދަލުތަކުގެ ތެރޭގައި:
ޑީން: 30،000 ރުފިޔާއިން 38،000 ރުފިޔާއަށް
ރަޖިސްޓްރާ: 23000 ރުފިޔާއިން 42000 ރުފިޔާއަށް
ޑެޕިއުޓީ ވައިސް ޗާންސެލަރު: 39،000 ރުފިޔާއިން 48،000 ރުފިޔާއަށް
ވޮކޭޝަނަލް އެސޯސިއޭޓް ލެކްޗަރާ: 14،000 ރުފިޔާއިން 26،000 ރުފިޔާއަށް
ވޮކޭޝަނަލް ލެކްޗަރާ: 17،000 ރުފިޔާއިން 29،000 ރުފިޔާއަށް
ވޮކޭޝަނަލް ސީނިއާ ލެކްޗަރާ: 17،000 ރުފިޔާއިން 34،000 ރުފިޔާއަށް
ރައީސް ވިދާޅުވީ އެ ބަދަލާއެކު ޖުމްލަ 767 މީހުންގެ މުސާރައަށް ބަދަލު އަންނާނެ ކަމަށެވެ. އެކަމަށް، އަހަރެއްގެ މައްޗަށް 63 މިލިޔަން ރުފިޔާ ޚަރަދު ވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ލެކްލެކްޗަރާއިންނަށް ދޭ އާ މުސާރަ ރައީސް އިއުލާނުކުރެއްވިއިރު، ފާއިތުވި މަހު އިއްވި ރިޔާސީ ބަޔާނުގައި އެމަނިކުފާނު ވަނީ މި މަހު ލެކްޗަރާއިންގެ މުސާރައަށް އަންނަ ބަދަލު އިއުލާން ކުރައްވާނެކަމަށް ވިދާޅުވެފައެވެ.
ލެކްޗަރާއިން އެ މީހުންގެ މުސާރަތައް ބޮޑުކުރުމަށް ޑިމާންޑުކުރަން ފެށީ ޓީޗަރުންގެ މުސާރަ ބޮޑުކުުރުމާއެކުގައެވެ. އެއީ ހެޔޮ ބަދަލެއްގެ ގޮތުގައި ލެކްޗަރާއިން ފާހަގަކުރާ ކަމެއް ކަމުގައިވީ ނަމަވެސް ޔުނިވާސިޓީ މުވައްޒަފުން ބާކީވުމަކީ ކަންބޮޑުވުމެއްގެ ގޮތުގައި ލެކްޗަރާއިން ފާހަގަކުރެއެވެ.
އެގޮތުން، މިދިޔަ އަހަރުގެ ތެރޭ ގައުމީ ޔުނިވާސިޓީގެ މުވައްޒަފުންވަނީ މުސާރަ ބޮޑުކޮށްދިނުމަށް ގޮވައިލައި ހިމޭން އިހްތިޖާޖެއް ވެސް ކޮށްފައެވެ.
ލެކްޗަރާއިންގެ މުސާރަ ބޮޑު ކުރުމަށް ނިންމާފައިވާއިރު ފާއިތުވި އަހަރު ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންގެ މުސާރަ ވެސް ވަނީ ބޮޑުކޮށްފައެވެ. އޭގެ އިތުރުން، ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ވެސް މޭ މަހު ބޮޑު ކުރަށް ނިންމާފައިވެއެވެ.