02 Mar 2023, 12:38
ހުޅުމާލޭގައި ހުންނަ ރަށު މާރުކޭޓުން 23 ގޮޅި ކުއްޔަށް ދިނުމަށް އެޗްޑީސީން ހުޅުވާލައިފިއެވެ.
އެޗްޑީސީން ބުނީ ހުޅުމާލޭ ފެރީ ޓާމިނަލް ކައިރީގައި ހުންނަ ރަަށު މާރުކޭޓުން 23 ގޮޅި ބީލަމުގެ އުސޫލުން ކުއްޔަށް ދޭން ނިންމާފައިވާ ކަމަށެވެ. އަދި ގޮޅިތައް ހިންގުމަށް ކުއްޔަށް ހިފާނެ ފަރާތެއް ކަނޑައަޅާނީ ބީލަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެ މަތީ އަގު ހުށަހަޅާ ފަރާތްތަކަށް ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.
ގޮޅިތައް ކުއްޔަށް ދޭނީ ދެ އަހަރަށް ކަމަށްވާއިރު، ދޫކުރާ ގޮޅިތަކުގެ ބޮޑު މިނަކީ 73.33 އަކަފޫޓެވެ. އަދި ބީލަން ފެށޭ އަގަކީ މަހަކު 3،500 ރުފިޔާއެވެ.
ރަށު މާރުކޭޓުން ދޫކުރާ ގޮޅިތަކަށް ހުށަހަޅާ ފަރާތްތަކަށް މާ ގިނަ ޝަރުތުތަކެއް ނުވާއިރު، އެ ގޮޅިތައް ކުއްޔަށް ދޭނީ 18 އަހަރު ފުރިފައިވާ ދިވެހީންނަށް އެކަންޏެވެ. އަދި ގޮޅިއަށް އެދޭ މީހަކީ ހުޅުމާލެ ރަށު މާރުކޭޓް މިހާރު ވެސް ގޮޅި ކުއްޔަށް ނަގާފައި ހުރި މީހަކަށް ވެގެން ނުވާނެއެވެ.
ގޮޅިތައް ކުއްޔަށް ހިފަން ބޭނުންވާ މީހުން މި މަހުގެ އަށް ވަނަ ދުވަހުގެ ކުރިން ފޯމު ހުށަހަޅަން ޖެހޭއިރު، ބީލަން ހުޅުވުން ވެސް އޮންނަނީ ހަމަ އެ ދުވަހުއެވެ.
ބީލަމުގެ މަރުހަލާއަށް ފަހު ގޮޅި ލިބޭ ފަރާތްތަކުން ކުއްޔަށް ދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެވި ގޮޅި ހަވާލުކުރާ ދުވަހުން ފެށިގެން ބަންދު ދުވަސް ހިމެނޭ ގޮތަށް ހަތް ދުވަސް ތެރޭގައި
ޚިދުމަތްދޭން ފަށަން ޖެހޭނެއެވެ. އަދި މި މުއްދަތުގެ ތެރޭގައި ޚިދުމަތްދޭން ނުފަށައިފިނަމަ، ގޮޅި ކުއްޔަށް ދިނުމަށް ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުން އެއްވެސް ބަދަލަކާ ނުލައި ބާތިލުކުރުމުގެ އިޚްތިޔާރު އެޗްޑީސީ އަށް ލިބިގެންވެއެވެ.
ކުއްޔަށް ދެވޭ ގޮޅިން ފެނާއި ކަރަންޓުގެ ވަސީލަތްތައް ލިބެން ހުންނައިރު، ރަށުމާރުކޭޓުން ކުއްޔަށް ދޫކުރާ ގޮޅި ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ވެސް ނަމާދު ވަގުތުތައް ފިޔަވައި ހެނދުނު 08:00 އިން ރޭގަނޑު 22:00 އަށް ވިޔަފާރިއަށް ހުޅުވާފައި ހުރުން ލާޒިމްވާނެއެވެ. އަދި ކުއްޔަށް ނަގާ ފަރާތުން ބޭނުންވާ ނަމަ ހެނދުނު 06:00 އިން ރޭނގަނޑު 23:00 އަށް
ގޮޅިން ހިދުމަތް ދެވޭނެއެވެ. މިނޫން ވަގުތުތަކުގައި ރަށުމާރުކޭޓުގައި ވިޔަފާރިކުރުމަކީ މަނާކަމެކެވެ.
އެގަޑިތަކަށް ބަދަލު އަންނާނީ ފިހާރަތައް ހުޅުވިފައި ހުންނަ ގަޑިތަކުގެ ގަވާއިދަށް ސަރުކާރުގެ އެއްވެސް އިދަރާއަކުން ބަދަލެއް ގެނެސްފި ހާލަތެއްގައި އެކަންޏެވެ.
ހުޅުމާލޭ ރަށު މާރުކޭޓުން ކުއްޔަށް ދޫކުރަން ހުޅުވާލާފައިވާ 23 ގޮޅީގެ އިތުރުން މި އަހަރުގެ ރޯދަމަހާ ދިމާކޮށް، ހިޔާ ފްލެޓް ސަރަހައްދުގައި ހަދާ ވަގުތީ މާރުކޭޓްގެ ގޮޅިތައް ކުއްޔަށް ހިފަން ބޭނުންވާ މީހުންނަށް ވެސް ފޯމު ހުށަހެޅުމުގެ ފުރުސަތު އެޗްޑީސީން ވަނީ ހުޅުވާލައިފައެވެ.