މިދިޔަ މަހުގެ 17 ވަނަ ދުވަހުގެ ރޭ ހުޅުމާލޭގައި ހުންނަ ޖޫސް ޓައިމަށް ދެ މީހަކު ވަދެ އެތަން ސުންނާފަތި ކޮށްލި މައްސަލައާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އެޕާޓްމެންޓެއް ބަލާ ފާސްކޮށް ހައްޔަރުކުރި ހަތް މީހުންގެ ތެރެއިން ފަސް މީހުންގެ ބަންދުގެ މުއްދަތު އިތުރު ކޮށްފިއެވެ.

ހެލްމެޓް އަޅައި މޫނު ނިވާކޮށްގެން ތިބި ދެ މީހުން ވަނީ އެތަނުގެ ބިއްލޫރިތައް ތަޅާލައި އެތެރެއަށް ވަދެ އެތެރޭގައި ހުރި ތަކެއްޗަށް ވެސް ވަރަށް ބޮޑަށް ގެއްލުން ދީފައެވެ. އެވަގުތު އެތަނުގައި އިން ސޭޓު މީހާ ވަނީ ވަގުތުން އެތަނުން ނުކުމެފައެވެ.

އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ މިދިޔަ އަންގާރަ ދުވަހު ހުޅުމާލޭގެ އެޕާޓްމެންޓެއް ބަލާ ފާސްކޮށްފައެވެ. އެ އޮޕަރޭޝަނުގައި އެޕާޓްމެންޓު ތެރެއިން މާރާމާރީ ހިންގުމަށް ބޭނުންކުރާ ތަކެތީގެ އިތުރުން މަސްތުވާތަކެތި ވެސް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެ މައްސަލައާ ގުޅިގެން ހަތް މީހަކު ހައްޔަރު ކޮށްފައިވާއިރު އެ މީހުންގެ ތެރޭގައި އަންހެނަކު ވެސް ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.

އަންހެން މީހާ ދޫކޮށްލުމަށްފަހު އަނެއް ހަ މީހުންގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް އިއްޔެ ވަނީ ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައެވެ. ނަމަވެސް ކްރިމިނަލް ކޯޓުން ބަންދުގެ މުއްދަތު އިތުރު ކޮށްދިނީ ފަސް މީހުންގެއެވެ. އެ ފަސް މީހުންގެ ބަންދަށް ހަތަރު ދުވަސް އިތުރު ކޮށްދީފައިވާއިރު އެކަކު ވަނީ ކޯޓުން ދޫކޮށްލާފައެވެ.

އެނގިފައިވާ ގޮތުގައި އެ ފަސް މީހުންގެ މައްޗަށް ވެސް ކުރަނީ މަސްތުވާތަކެތި ބޭނުންކޮށް ވިޔަފާރިކުރި ކަމުގެ ތުހުމަތެވެ. އަދި ޖޫސްޓައިމް ކެފޭ ސުންނާފަތި ކޮށްލި މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރު ކޮށްފައިވާކަން ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ޖޫސް ޓައިމް ސުންނާފަތިކޮށްލަން ދިޔަ މީހުން ދުއްވިކަމަށް ބެލެވޭ ސައިކަލު ފުލުހުންގެ ބެލުމުގެ ދަށަށް މީގެ ކުރިން ވަނީ ގެނެސްފައެވެ.

މާލޭގައި ސިލްސިލާ މާރާމާރީތަކެއް ފެށިފައިވާއިރު ހުކުރު ދުވަހުގެ ރޭ މާލޭގައި ވަޅިން ހަމަލަދީ ޒަހަމްކޮށްލި މީހަކަށް ފަރުވާ ދެމުންދަނިކޮށް ވަނީ މަރުވެފައެވެ. އެ މައްސަލައިގެ ތުހުމަތުގައި އެކަކު ހައްޔަރުކޮށްފައިވާއިރު މާރާމާރީ ހިންގަން ރާވަމުންދާ ކަމުގެ ތުހުމަތުގައި ވެސް ބަޔަކު ވަނީ ހައްޔަރު ކޮށްފައެވެ.