ހެންވޭރު ކިނާރާގޭގެ ދެވަނަ ބުރީގައި މިދިޔަ އާދީއްތަ ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި ލިބުނު ގެއްލުންތަކާ ގުޅިގެން އެގެއަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން އެހީތެރިކަން ފޯރުކޮށްދީފި އެވެ.

އެ ސެންޓަރުގެ އޮފިޝަލަކު މިއަދު ވިދާޅުވީ ކިނާރާގޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެގޭގައި ހިފާގެންގުޅޭ ބައެއް ތަކެއްޗާއި އެގޭ އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ އެސެންޓަރުގެ ފަރާތުން އެ އާއިލާއަށް އެހީގެ ގޮތުގައި އެނދުގައި އާޅާ ޑުއެޓާއި، ބާލިހާއި ބާލީސް އުރައާ ބެޑްޝީޓާއި ގޭހާއި އުނދުނުގެ އިތުރުން ބަދިގޭގައި ބޭނުންކުރާ ބައެއް ސާމާނުތައް ދީފައިވާ ކަމަށެވެ.

ކިނާރާގޭގެ އަލިފާނުގެ ހާދިސާގައި އެގެއަށް ލިބިފައިވާ ގެއްލުން މިއަދު އެގެއަށް ޒިޔާރަތްކުރި އެސެންޓަރުގެ ޓީމުންނާއި ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު މުހައްމަދު ވަނީ ބައްލަވާލައްވާ، އޭގޭ މީހުންނާ ބައްދަލުކުރައްވާފަ އެވެ.

ޑިޒާސްޓާ ސެންޓަރުން ބުނީ ކިނާރާގެއަށް ލިބިފައިވާ ގެއްލުންތައް ބެލުމަށްފަހު ފައިސާގެ އެހީއެއް ދެވެން އޮތްތޯ އެސެންޓަރުން ބަލަމުން އަންނަ ކަމަށެވެ.

ކިނާރާގޭގައި ހިނގި އެއަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވި ނަމަވެސް އެގެއަށް ވަނީ ބޮޑު ގެއްލުމެއް ލިބިފަ އެވެ. މިއަލިފާނުގެ ހާދިސާއަކީ ކަރަންޓް ޝޯޓެއްގެ ސަބަބުން ހިންގަން މެދުވެރިވި ހާދިސާއެއް ކަމަށް ބެލެވޭ ކަމަށް އެގޭ ބައެއް މީހުން ވަނީ ބުނެފަ އެވެ.