މިއަދުގެ ރީތި ތާރީޚު (02.03.23)ގައި މާލޭ ސަރަހައްދުގައި 36 ކައިވެނި ކުރަން ހަމަޖެހިފައި ވާކަމަށް ފެމިލީ ކޯޓުން ބުނެފިއެވެ.

އެގޮތުން ފެމިލީ ކޯޓުން މިއަދު ރަސްމީ ގަޑިތަކުގައި ކޮށްދޭން ހަމަޖެހިފައި ވަނީ 18 ކައިވެންޏެވެ. އަދި ނުރަސްމީ ގަޑިތަކުގައި ވެސް ކޮށްދޭން ހަމަޖެހިފައި ވަނީ 18 ކައިވެންޏެވެ. މީގެ އިތުރުން އަތޮޅުތެރޭގައި ވެސް ގިނަ ކައިވެނިތަކެއް ކުރާނެއެވެ.

ރީތި ތާރީޚުތަކުގައި ކައިވެނި ކުރުމުގެ ސަގާފަތުގެ ތެރެއިން މިދިޔަ މަހުގެ 23ވަނަ ދުވަހު، (23.02.23)ގައި ވެސް މާލޭ ސަރަހައްދުގައި 38 ކައިވެނި ކޮށްފައި ވެއެވެ.

އެގޮތުން ފެމިލީ ކޯޓުގައި މިހާރު ދުވާލެއްގެ މައްޗަށް ކައިވެނިކުރާ އެވަރެޖް އަދަދަކީ ނުވަ ކައިވެންޏާ 10ކައިވެންޏާ ދެމެދު ކަމަށް ވެސް ފެމިލީ ކޯޓުން ބުންޏެވެ.

މިއަހަރު ދެން އަންނަ އެންމެ ރީތި ތާރީޚަކީ މިމަހުގެ 23 ވަނަ ދުވަހެވެ. އެއީ 23.03.2023އެވެ. އެ ދުވަހު ވެސް މާލޭ ސަރަހައްދުންނާއި އަތޮޅުތެރެއިން ގިނަ އަދަދަކަށް މީހުން ކައިވެނި ކުރާނެކަމަށް ލަފާކުރެވެއެވެ.

މިދިޔަ އަހަރުގެ ރީތި ތާރީޚު ތަކުގައި ވެސް ފެމިލީ ކޯޓުގައި ގިނަ ކައިވެނި ތަކެއް ކޮށްފައި ވެއެވެ. އެގޮތުން މިދިޔަ އަހަރު އެންމެ ގިނަ ކައިވެނި ކުރީ، އެއަހަރުގެ އެންމެ ރީތި ތާރީޚު ކަމަށްވާ 22.02.22ގައެވެ. އެ ދުވަހު ފެމެލީ ކޯޓުގައި ރަޖިސްްޓްރީކޮށްގެން 85 ކައިވެނި ވަނީ ކޮށްފައެވެ.

މިދިޔަ އަހަރު ދެން އައި އެންމެ ރީތި ތާރީޚަކީ 02.02.22 އެވެ. އެ ދުވަހު މާލޭގައި ވަނީ 39 ކައިވެނި ކޮށްފައެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 11ވަނަ ދުވަހާއި 12ވަނަ ދުވަހު ވެސް ފެމިލީ ކޯޓުގައި ރަޖިސްޓްރީކޮށްގެން ގިނަ ކައިވެނިތަކެއް ވަނީ ކޮށްފައެވެ.