އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައާ ގުޅިގެން، ލެފްޓިނަންޓް ކާނަލް އިބްރާހީމް ނަވީން ޒުބައިރަށް އެޅި ފިޔަވަޅު ހާމަކުރަން އެމްއެންޑީއެފްއިން ދެކޮޅުހަދައިފިއެވެ.

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައާ ގުޅިގެން ނަވީންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ވަނީ މިދިޔަ މަހު، ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހަށް ފޮނުވާފައެވެ.

އެކަމާ ގުޅިގެން ނަވީންއަށް މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައިވޭތޯ 'ސަން' އިން އެހެމުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ވަނީ އެ ސުވާލަށް ޖަވާބުދެއްވުމަށް ދެކޮޅުހައްދަވާފައެވެ. އަދި ވިދާޅުވީ އެކަން ސާފު ކުރަން ބޭނުންނަމަ ޖެހޭނީ ޑިފެންސް މިނިސްޓްރީއަށް ސިޓީއެއް ލާން ނުވަތަ މެއިލް ކުރަން ކަމަށެވެ.

އޭސީސީންއިން ވަނީ ނަވީންގެ މައްޗަށް ހަ ދައުވާއެއް ކޮށްދޭން އެދިފައިވެއެވެ.އެއީ:

  • ރިޝްވަތު ހިފުން

  • ރިޝްވަތު ލިބިގަތުމަށް އެދުން
  • ރިޝްވަތު ލިބިގަތުމަށް އެއްބަސްވުން
  • މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި މީހަކަށް ނުވަތަ ފަރާތަކަށް ނާޖައިޒު ފައިދާ ހޯދައިދިނުން
  • ރިޝްވަތުގެ ކުށުން ހޯދާފައިވާ ފައިސާ އަތުގައި ބަހައްޓައި ބޭނުންކުރުން
  • މަނީ ލޯންޑަރިން

އެމްއެމްޕީއާރުސީ ޚިޔާނާތުގެ މައްސަލައާ ގުޅިގެން 2019 ވަނަ އަހަރު ނަވީން ސަސްޕެންޑުކުރިއެވެ. އޭރު އޭނާ ހުންނެވީ މޭޖާއެއްގެ މަގާމުގައެވެ. އޭގެ ފަހުން އޭނާއަށް ޕްރޮމޯޝަނެއް ލިބިފައިވާއިރު، ނަވީން މިހާރު ހުންނެވީ އެމްއެންޑީއެފް މެރިން ކޯގެ ޑައިރެކްޓަރު، ލެފްޓިނެންޓް ކާނަލްގެ މަގާމުގައެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ސަބަބުން ދައުލަތަށް ގެއްލުނު ފައިސާގެ އަދަދު 3.4 ބިލިއަން ރުފިޔާއަށް އަރާ ކަމަށް އެ މައްސަލަ ތަހުގީގު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު އެކުލަވާލެއްވި އެސެޓް ރިކަވަރީ ކޮމިޝަނުން ކުރިން ބުނެފައިވެއެވެ.

މި ސަރުކާރުގެ ދައުރު ހަމަވާން ކައިރިވާއިރު ވެސް ޚިޔާނާތުގެ ފައިސާ ހޯދިފައިނުވާތީ ގިނަ ބައެއްގެ ފާޑުކިޔުން އަންނަނީ ސަރުކާރަށް އަމާޒުވަމުންނެވެ. އެ ފާޑުކިޔުންތައް އެންމެ ބޮޑުވީ ޚިޔާނާތް ތަހުގީގުކުރަން އެކުލަވާލީ އެސެޓް ރިކަވަރީ ކޮމިޝަން އުވާލުމުންނެވެ.

އޭގެފަހުން ސަރުކާރުން ބުނީ ކޮމިޝަން އުވާލި ނަމަވެސް ޚިޔާނާތާ ގުޅޭ ތަހުގީގުތަކާއި ދައުވާކުރުމާ ގުޅޭ ކަންކަން އޭސީސީން ކުރިޔަށް ގެންދާނެ ކަމަށެވެ.