02 Mar 2023, 09:24
ގޯލްޑެން ފުޓްސަލް ޗެލެންޖު 2023 ގެ ޒޯނު ބުރުގައި ދިއްފުށި ބަލިކޮށް ގާފަރުން ޒޯނު ތިނެއްގެ ފައިނަލަށް ދަތުރުކޮށްފިއެވެ.
ރޭ ހުޅުމާލެ ރެހެންދި ދަނޑުގައި ކުޅުނު އެ މެޗު ގާފަރުން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ.
އެ މެޗުގައި ގާފަރުގެ ނާއިހު މުފީދު ވަނީ ތިން ގޯލު ޖަހައިފައެވެ. އަދި ދިއްފުށިން މެޗުގައި ޖެހި ހަމައެކަނި ގޯލު ޖަހައިފައިވަނީ އަހުމަދު މާާޒިންއެވެ.
އަށް ޒޯނަކަށް ބަހާލައިގެން ކުރިއަށް ގެންދާ އެ މުބާރާތުގެ ޒޯން ތިނެއްގައި ހިމެނެނީ ކ. އަތޮޅުގެ ޗެމްޕިއަން ދިއްފުއްޓާއި، އެ އަތޮޅުގެ ރަނަރަޕް ގާފަރާއި، ޅ. އަތޮޅުގެ ޗެމްޕިއަން ކުރެންދޫގެ އިތުރުން އއ. އަތޮޅުގެ ޗެމްޕިއަން ބޮޑުފޮޅަދޫއެވެ.
އެ ޒޯނުގެ ފުރަތަމަ މެޗުން ގާފަރު ވަނީ 4-2 ނަތީޖާއަކުން ބޮޑުފޮޅަދޫ ބަލިކޮށްފައެވެ. އެހެންކަމުން ދެ މެޗު ކުޅެ ލިބުނު ހަ ޕޮއިންޓާއެކު ގާފަރު ވަނީ ޒޯނު ފައިނަލަށް ދަތުރުކޮށްފައެވެ.
ދިއްފުށި ޒޯނުގެ ފުރަތަމަ މެޗުގައި ކުރެންދޫއާއި ވާދަކޮށް ވަނީ 5-1 ގެ ނަތީޖާއަކުން މޮޅުވެފައެވެ. އެހެން ކަމުން ޒޯނު ބުރުގެ ފަހު މެޗުގައި ބޮޑުފޮޅަދޫއާ ވާދަކޮށް އެ ޓީމު އަތުން ޕޮއިންޓެއް ހޯދައިގެން ވެސް އެ ޓީމަށް ފައިނަލަށް ދެވޭނެއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖަކީ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ވެސް އެ ރަށަކަށް ނިސްބަތްވާ އެއް ޓީމަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެކެވެ. ނަމަވެސް މާލެއާއި ފުވައްމުލަކުގެ ކޮންމެ އަވަށަކުން ޓީމެއް ބައިވެރިކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފައެވެ.
މިއަހަރުގެ ގޯލްޑެން ފުޓްސަލް ޗެލެންޖުގައި 102 ޓީމު ވަނީ ބައިވެރިވެފައެވެ. އެ މުބާރާތުގައި މި އަހަރު 242 މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ.
ގޯލްޑެން ފުޓްސަލް ޗެލެންޖުގެ މި އަހަރުގެ ބްރޯޑްކާސްޓިން ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ސަން ސިޔާމް މީޑިއާއެވެ. ގޯލްޑެން ފުޓްސަލް ޗެލެންޖު 2023 ގެ ހުރިހާ މެޗެއް "އެސްއެސް ޓީވީ"ގެ ފޭސްބުކް ޕޭޖުންނާއި "އެސްއެސް ޓީވީ"އިން ލައިވް ކުރާނެއެވެ.