މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ހަތަރު ބައިއިލެކްޝަނުގެ ރަސްމީ ނަތީޖާ މިއަދު އިއުލާން ކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަނުގެ މައި އިދާރާގައި މިއަދު އޮތް ރަސްމިއްޔާތުގައި އިއުލާން ކުރި ރަސްމީ ނަތީޖާގައިވާ ގޮތުން ތިމަރަފަށުށީ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވީ ޕީޕީއެމްގެ ކެންޑިޑޭޓް އަހުމަދު ޝަރީފް އާދަމެވެ. ކާށިދޫ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވީ ޖުމުހޫރީ ޕާޓީގެ ކެނޑިޑޭޓް އަބުދުﷲ ޖާބިރެވެ. އަދި ލޯކަލް ކައުންސިލް، ކުމުންދޫ ރަށު ކައުންސިލްގެ ބައި އިލެކްޝަން ޕީޕީއެމްގެ މުހައްމަދު ޝާފީ ކާމިޔާބުކުރެއްވި އިރު ގާދިއްފުށީ ކައުންސިލްގެ ގޮނޑި ކާމިޔާބުކުރެއްވީ އެމްޑީޕީގެ މުހައްމަދު އިރުޝާދެވެ.

އިލެކްޝަންސް އިން އިއުލާންކުރި ރަސްމީ ނަތީޖާގައިވާ ގޮތުން ޖުމްލަ 3086 މީހުން ވޯޓުދިން ތިމަރަފުށީ ދާއިރާގެ އިންތިހާބު ޝަރީފު ކާމިޔާބު ކުރެއްވީ، ވޯޓުދިން މީހުންގެ 56.9 ޕަސެންޓް، 1756 ވޯޓު ހޯދައިގެންނެވެ. އެ ބައި އިލެކްޝަންގައި ޝަރީފާ އެންމެ ގާތުން ވާދަކުރެއްވި، އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު މުސްތަފާ އަށް ލިބިވަޑައިގެންނެވީ 1327 ވޯޓު، 43 ޕަސެންޓް ވޯޓެވެ.

ކާށިދޫ ދާއިރާގައި 2039 މީހުން ވޯޓު ދިން އިރު އެންމެ ގިނަ ވޯޓު ލިބިވަޑައިގެންނެވީ ޖުމްހޫރީ ޕާޓީގެ އަބްދުﷲ ޖާބިރަށެވެ. އޭނާ އަށް 1107 ވޯޓު، 54.29 ޕަސެންޓް ލިބިވަޑައިގެންނެވި އިރު އެމްޑީޕީން ކުރިމަތިލެއްވި ދޮންބިލެތް އަހުމަދު ހަލީމަށް 919 ވޯޓު،45.07 ޕަސެންޓެވެ.

އިލެކްޝަންސްގެ ރަސްމީ ނަތީޖާ ދައްކާ ގޮތުގައި 257 ވޯޓާ އެކު ކުމުންދޫ ރަށު ކައުންސިލްގެ ބައި އިލެކްޝަން ޕީޕީއެމްގެ މުހައްމަދު ޝާފީ ކާމިޔާބުކުރެއްވި އިރު، ގާދިއްފުށީ ރަށު ކައުންސިލްގެ ބައި އިލެކްޝަން ކާމިޔާބުކުރެއްވީ 223 ވޯޓާއެކު އެމްޑީޕީން އެ ގޮނޑިއަށް ކުރިމަތިލެއްވި މުހައްމަދު އިރުޝާދެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު މިއަދު ވިދާޅުވީ އިންތިހާބާ ގުޅޭ ގޮތުން 29 ޝަކުވާއެއް ހުށައަޅާފައިވީ ނަމަވެސް އެ ޝަކުވާތައް ބެލުމަށް ފަހު ޝަކުވާ ހުށައެޅި ފަރަތްތަކަށް ޖަވާބު އަރުވާފައިވާނެ ކަމަށެވެ.
"ރަސްމީ ނަތީޖާ އިއުލާން މިކުރީ ހުރިހާ ޝަކުވާތައް ބެލުމަށް ފަހު އެ ޝަކުވާ ހުށައެޅި ފަރާތްތަކަށް ޖަވާބު އެރުވުމަށް ފަހު މިއަދު ރަސްމީ ނަތީޖާ މި އިއުލާން ކުރީ،" ފުއާދު ވިދަޅުވި އެވެ.

އިލެކްޝަނުން ބުނީ މިހާތަނަށް ހުށައަޅާފައިވާ އެއްވެސް ޝަކުވާއެއްގެ ސަބަބުން ނަތީޖާއަށް އެއްވެސް ބަދަލެއް ނާންނާނެކަން ކަށަވަރުވާތީ ދާއިމީ ނަތިޖާ އިއުލާން ކުރެއްވީ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ތިމަރަފުށީ ދާއިރާގެ މެންބަރު އަހުމަދު ޝަރީފް މާދާމާ ހުވާކުރައްވާ އިރު ކާށިދޫ ދާއިރާ އިން އިންތިހާބުވި އަބުދުﷲ ޖާބިރު ހުވާކުރައްވާނީ މިއަންނަ ބުރާސްފަތި ދުވަހު ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ބުނީ ޖާބިރު ހުވާކުރެއްވުން ފަސްކޮށްފައި ވަނީ އޭނާ ރާއްޖޭގައި ވަޑައިގެން ނެތުމުން ކަމަށެވެ.