ޑައިރެކްޓަރު އަބީޝެކް ކަޕޫރުގެ ފިލްމު "ކެދަރްނާތް"އިން 2018ވަނަ އަހަރު ބޮލީވުޑަށް ތަޢާރަފްވި ބަތަލާ ސާރާ ޢަލީ ޚާންގެ ފިލްމުތައް ފްލޮޕްވުމާއި ގުޅޭގޮތުން ފުރަތަމަ ފަހަރަށް ވާހަކަދައްކައިފިއެވެ.

އިންޑިއާގެ މީޑިއާތަކަށް ދިން އިންޓަވިއުއެއްގައި 27 އަހަރުގެ ބަތަލާ ބުނެފައިވަނީ، ފިލްމީ ތަރިންނަކީ، ދިރިއުޅުމުގެ ކޮންމެ ދުވަހަކުވެސް ވަރަށް ގިނަ ފިލާވަޅުތަކެއް ދަސްކުރާ ބައެއްކަމުގައެވެ. އަދި ގިނަ ފިލްމީތަރިން އަމިއްލަ ޙަޔާތާއިގެން ކުރިޔަށްދަނީ އެލިބޭ ފިލާވަޅުތަކާއެކުކަމަށްވެސް ބަތަލާވަނީ ބުނެފައެވެ. އެހެންނަމަވެސް ލިބިގަންނަ ފިލާވަޅާއެކު ބައެއްފަހަރު ގޯސް ހެދޭކަމަށް ޤަބޫލުކުރެވޭކަމުގައި ޒުވާން ބަތަލާވަނީ ބުނެފައެވެ.

ފިލްމީ ކެރިއަރުގައި މިހާތަނަށް ކުޅެވުނު ބައެއް ފިލްމުތަކަކީ ބެލުންތެރިންގެ ލޯބި ހޯދަން އެހާ ފަސޭހަ ފިލްމުތަކަކަށް ނުވުމުގެ ޒިންމާ އަމިއްލައަށް ނަގާކަމަށްވެސް ސާރާވަނީ ބުނެފައެވެ. މިފިލްމުތައް ކުޅުނުއިރު ސާރާގެ ޢުމުރު ހަގުކަމަށާއި އެޢުމުރުގައި ގޯސް ނިންމުންތައް ނިންމިފައިވާކަމަށް އަމިއްލައަށް ޤަބޫލުކުރެވޭކަމަށް ބަތަލާވަނީ ބުނެފައެވެ. އަދި މިޢުމުރުގައި ގޯސް ނިންމުންތައް ނިންމިފައިވުމަކީ، އާދައިގެ ކަމެއްކަމަށް ޤަބޫލުކުރާކަމުގައިވެސް ސާރާވަނީ ބުނެފައެވެ. ކޮންމެ އަޑިގަނޑަކަށްފަހު އުސްގަނޑެއް އަންނާނެކަމަށާއި އަމިއްލައަށް ތެދުވެ ކުރިޔަށްވުރެ ބޮޑަށް މަސައްކަތްކުރުމަށް އެއީ ލިބޭ ވަރަށްބޮޑު ހިތްވަރެއްކަމަށް ސާރާވަނީ ބުނެފައެވެ.

އެކްޓަރު ސައިފް ޢަލީ ޚާންއާއި ކުރީގެ އަންހެނުން އަމްރިތާ ސިންގްގެ ދަރިފުޅު ސާރާ މިހާތަނަށް ކުޅެފައިވާ ގިނަ ފިލްމުތަކަކީ ބެލުންތެރިންގެ ތަރުޙީބު މާބޮޑަށް ލިބިފައިނުވާ ފިލްމުތަކެކެވެ. އޭގެތެރޭގައި، ފިލްމު "ލަވް އާޖްކަލް"، "ކޫލީ ނަމްބަރު1" އަދި އެންމެފަހުން ރިލީޒްވި ފިލްމު "އަތްރަންގީރޭ" ހިމެނެއެވެ.

ސާރާގެ ފުރަތަމަ ފިލްމު "ކެދަރްނާތް"އަށް ލިބުނު ތަރުޙީބާއެކު ސާރާއަކީ ބޮލީވުޑްގައި ވިދާލާނެ ފިލްމީ ތަރިއެއްކަމަށް ގިނަބަޔަކު ޤަބޫލުކުރިއެވެ. އެހެންނަމަވެސް ކެރިއަރުގައި ހޮވި ގިނަ ފިލްމުތައްވަނީ ބޮކްސް އޮފީހުގައި ފްލޮޕްވެފައެވެ. ސާރާގެ ތަރި ނުއޮއްސެނީވެސް ބަތަލާ ދާދިފަހުންވަނީ ކާމިޔާބު ފިލްމު ކުންފުނި ދަރްމާ ކުންފުންނީގައި މަސައްކަތްކުރުމަށް ނިންމާފައެވެ.

ދަރްމާ ކުންފުނީގެ އެއްބަސްވުމާއެކު ބަތަލާގެ ފިލްމީ ކެރިއަރު އުޖާލާވެގެންދާނެކަމަށް ސާރާގެ ފޭނުން އުއްމީދުކުރެއެވެ. ސާރާގެ ކުރިޔަށްހުރި ފިލްމީ މަސައްކަތަށް ބަލާއިރު ބަތަލާވަނީ ފަސް ފިލްމީ ޕްރޮޖެކްޓެއްގައި ސޮއިކޮށްފައެވެ.