02 Mar 2023, 08:59
ޓީ-ސީރީސްގެ މަޤުބޫލު ކޮމެޑީ ފިލްމު "ބޫލް ބުލައްޔާ"ގެ ތިންވަނަ ބައި ރިލީޒްކުރާނެ ތާރީޚާއެކު ފިލްމުގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފިއެވެ.
އެކްޓަރު ކާތިކް އާރްޔަން ލީޑް ރޯލްއިން ފެނިގެންދާ މިފިލްމު ސީރީސްގެ ތިންވަނަ ބައިވެސް ޕްރޮޑިއުސްކުރާނީ ބޫޝަން ކުމާރެވެ. އަދި ފިލްމު ޑައިރެކްޓްކުރާނީ އަނީސް ބަޒްމީއެވެ. ފަހުގެ ފިލްމުގެ ޕޯސްޓަރުގައި ކާތިކް ފެނިގެންދަނީ މިފިލްމުގެ ފުރަތަމަ ބައިން އަކްޝޭ ކުމާރު ފެނިގެންދިޔަ ކަހަލަ ގޮތަށެވެ.
އަކްޝޭ ކުމާރް މުހިއްމު ރޯލެއް ފެނިގެންދިޔަ މިފްރެންޗައިސްގެ ފުރަތަމަ ބަޔަކީވެސް ބެލުންތެރިންގެ މެދުގައި ވަރަށް ބޮޑު މަޤުބޫލުކަމެއް ހޯދި ފިލްމެކެވެ. މިފިލްމުގެ ދެވަނަ ބައެއް ރިލީޒްކުރެވުނީ މިދިޔަ އަހަރުއެވެ. ހެއްވާ މަޖާ ބިރުވެރި ޙާދިސާތަކެއް ފެނިގެންދިޔަ މިފިލްމުން ފެނިގެންދިޔަ މުހިއްމު ތަރިންގެތެރޭގައި، ބަތަލާ ކިއާރާ އަދްވާނީ، ތައްބޫ އަދި ލީޑް ރޯލްއިން ފެނިގެންދިޔަ ކާތިކް އާރްޔަން ހިމެނެއެވެ.
މީގެކުރިންވެސް ޓީ-ސީރިސްއިންވަނީ ފިލްމުގެ ތިންވަނަ ބަޔަކަށް ތައްޔާރުވަމުން އަންނަކަމަށް ބުނެފައެވެ. އަދި ތިންވަނަ ބައިންވެސް ފެނިގެންދާނީ އެކްޓަރު ކާތިކް އާރްޔަންކަމަށްވަނީ ބުނެފައެވެ. ތިންވަނަ ބައިން ކުރީގެ ދެ ފިލްމުން ނުފެންނަ ފެންވަރުގެ ބިރުން ފިއްކަނޑައިގެން ދާނެ މަންޒަރުތައް ފެންނާނެކަމަށް ޕްރޮޑަކްޝަން ޓީމުންވަނީ ބުނެފައެވެ. "ބޫލް ބުލައްޔާ 3" ރިލީޒްކުރުމަށް ނިންމާފައިވަނީ އަންނަ އަހަރުގެ ދިވާލީ ފެސްޓިވަލްއާއި ދިމާކޮށެވެ. ފިލްމު ރިލީޒްކުރާނެ ވަކި ތާރީޚެއް ޓީ-ސީރީސްއިން އަދި ހާމައެއް ނުކުރެއެވެ.
ފިލްމު "ބޫލް ބުލައްޔާ2" ވެގެން ގޮސްފައިވަނީ ކާތިކް އާރްޔަންގެ ފިލްމީ ޙަޔާތުގެ އެންމެ ކާމިޔާބު އެއް ފިލްމަށެވެ. ޚާއްޞަކޮށް މިފިލްމަކީ، ކޮވިޑްގެ ބަލިމަޑުކަމުން އަރައިނުގަނެވިގެން އުޅެނިކޮށް އިންޑިއާގައި ރިލީޒްކުރި ފިލްމެކެވެ. ނަމަވެސް ހީކުރިގޮތާއި ޚިލާފަށް ގިނަ ބަޔަކުވަނީ ފިލްމު ބަލާ މިފިލްމުން ކާތިކް ބަލައިގަނެފައެވެ. ކާތިކްގެ އެންމެ ފަހުން ރިލީޒްވި ފިލްމަކީ، މިނިމުނު ފެބްރުއަރީ 17ވަނަ ދުވަހު ރިލީޒްވި ފިލްމު "ޝެހެޒާދާ"އެވެ. ފިލްމަށް ކްރިޓިކުން ފާޑުކިޔާފައިވާއިރު ބެލުންތެރިންނަށް ފިލްމު އެހާ ގަޔާވާ ފިލްމަކަށްވަނީ ނުވެފައެވެ.