ގޯލްޑެން ފުޓްސަލް ޗެލެންޖު 2023 ގެ ޒޯނު ބުރުގައި ނާލާފުށި ބަލިކޮށް ދިއްގަރުން އުންމީދު ހޯދައިފިއެވެ.

ހުޅުމާލެ ރެހެނދި ދަނޑުގައި ރޭ ކުޅުނު އެ މެޗު ދިއްގަރު ކާމިޔާބުކުރީ 4-0 ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ދިއްގަރުގެ ގޯލުތައް ޖެހީ އިބްރާހިމް ރިފްއަތާއި އަހުމަދު މިދުހަތު މުހައްމަދެވެ. ރިފުއަތު ވަނީ މެޗުގައި ހެޓްރިކް ހަދައިފައެވެ.

އަތޮޅު ފައިނަލްގައި ކުޅުނު ޓީމުތައް އަށް ޒޯނަކަށް ބަހާލައިގެން ކުރިއަށް ގެންދާ އެ މުބާރާތުގެ ޒޯން ހަތަރެއްގައި ހިމެނެނީ މ. އަތޮޅުގެ ޗެމްޕިއަން ދިއްގަރާއި އެ އަތޮޅުގެ ރަނަރަޕް ނާލާފުއްޓާއި އދ. އަތޮޅުގެ ޗެމްޕިއަން މާމިގިއްޔާއި އެ އަތޮޅުގެ ރަނަރަޕް މަހިބަދޫއެވެ.

އެ ޒޯނުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ދިއްގަރާއި މާމިގިއްޔެެވެ. އެ މެޗު 3-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ މާމިގިލިންނެވެ. އަދި ނާލާފުށި ޒޯނުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ މަހިބަދޫއާއެވެ. އެ މެޗުން ވެސް 4-0 ގެ ނަތީޖާއަކުން ނާލާފުށި ވަނީ ބަލިވެފައެވެ.

ދިއްގަރާއި ނާލާފުށި ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ/ ގޯލްޑެން ފުޓްސަލް އެސޯސިއޭޝަން

އެހެންކަމުން ނާލާފުއްޓަށް ވަނީ މުބާރާތް ނިމިފައެވެ. ދިއްގަރު ޒޯނު ފައިނަލް ޔަގީން ކުރުމަށް ދެން ކުޅޭ މެޗުގައި މަހިބަދޫ ބަލިކުރަންޖެހެއެވެ. އެ މެޗުން މޮޅުވާ ޓީމެއް ފައިނަލަށް ދަތުރުކުރާނެއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖަކީ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ވެސް އެ ރަށަކަށް ނިސްބަތްވާ އެއް ޓީމަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެކެވެ. ނަމަވެސް މާލެއާއި ފުވައްމުލަކުގެ ކޮންމެ އަވަށަކުން ޓީމެއް ބައިވެރިކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފައެވެ. މި އަހަރުގެ ގޯލްޑެން ފުޓްސަލް ޗެލެންޖުގައި 102 ޓީމު ވަނީ ބައިވެރިވެފައެވެ.

ގޯލްޑެން ފުޓްސަލް ޗެލެންޖުގެ މި އަހަރުގެ ބްރޯޑްކާސްޓިން ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ސަން ސިޔާމް މީޑިއާއެވެ. ގޯލްޑެން ފުޓްސަލް ޗެލެންޖު 2023 ގެ ހުރިހާ މެޗެއް "އެސްއެސް ޓީވީ"ގެ ފޭސްބުކް ޕޭޖުންނާއި "އެސްއެސް ޓީވީ"އިން ލައިވް ކުރާނެއެވެ.