01 Mar 2023, 22:47
ރަސްމީ ދަތުރުފުޅެއްގައި ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު މިއަދު އިންޑިއާއަށް ވަޑައިގެންފިއެވެ.
ފޮރިން މިނިސްޓްރީން ބުނީ، މާދަމާއިން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި އޮންނަ އަށް ވަނަ ރައިސީނާ ޑައިލޮގް ކޮންފަރެންސްގައި މިނިސްޓަރު މިދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.
ރައިސީނާ ޑައިލޮގްއަކީ އޮބްޒާވާ ރިސާޗް ފައުންޑޭޝަނާއި އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒް ގުޅިގެން ކޮންމެ އަހަރަކު ބާއްވާ ކޮންފަރެންސެކެވެ. މިއަހަރުގެ ކޮންފަރެންސްގައި "ހާޓް އޮފް ދަ މެޓާ: ލައިފް (ލައިފްސްޓައިލް ފޯ އެންވަޔަރަމަންޓް) ފޯ އަވާ ކޮމަން ފިއުޗާ" ޕެނަލް ޑިސްކަޝަންގައި މިނިސްޓަރު ޝާހިދު ބައިވެރިވެވަޑައިގަންނަވާނެއެވެ.
މިނިސްޓަރު ޝާހިދު މިއަދު އިންޑިއާއަށް ވަޑައިގެންނެވުމާއެކު އިންދިރާ ގާންދީ އިންޓަނޭޝަނަލް އެއާޕޯޓުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ ދިވެހިރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިބްރާހީމް ޝަހީބާއި އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒްގެ އިސް ވެރިންނެވެ.
މިދަތުރުފުޅުގެ ތެރެއިން އެކި ގައުމުތަކުގެ ފޮރިން މިނިސްޓަރުންނާއި އިންޑިއާ ސަރުކާރުގެ އިސްވެރިންނާ ވެސް ޝާހިދު ބައްދަލު ކުރައްވާނެ ކަމަށްވެސް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ.