އަންނަ ރަމަޟާން މަހު ވެސް ތަރުކާރީއާއި މޭވާގެ ބާވަތްތައް ފަސޭހަކަމާއެކު ގަންނަން ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ ގޮތުން ހުޅުމާލޭ ހިޔާ ފްލެޓް ސަރަހައްދުގައި ވަގުތީ މާރުކޭޓެއް ހެދުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ނިންމައިފިއެވެ.

އެކޯޕަރޭޝަނުން ބުނީ މި ވަގުތީ މާރުކޭޓުން ޖުމްލަ 18 ގޮޅިއެއް ދޫކުރަން ހަމަޖެހިފައިވާ ކަމަށާއި، އޭގެތެރެއިން ނުވަ ގޮޅިއެއް ޚާއްސަ ކުރާނީ ހިޔާ ފްލެޓްގައި ދިރިއުޅޭ މީހުންނަށް ކަމަށެވެ. އަދި ބާކީ ހުރި ގޮޅިތަކަށް ކުރިމަތިލުމަށް އެޗްޑީސީން އިއުލާން ކުރާނެއެވެ.

މި ވަގުތީ މާރުކޭޓު ހަމަޖެއްސުމުގެ ބޭނުމަކީ ރަމަޟާން މަހާ ދިމާކޮށް ރައްޔިތުންނަށް ފަސޭހައިން ކާބޯތަކެތި ލިބޭނެ ގޮތް ހަމަޖެއްސުން ކަމަށް އެޗްޑީސީން ބުނެއެވެ.

މީގެއިތުރުން، އެ ސަރަހައްދުގައި ވަގުތީ މާރުކޭޓެއް ހެދުމަށް މާލޭ ސިޓީ ކައުންސިލަށްވެސް އެޗްޑީސީން ވަނީ ބިމެއް ދޫކޮށްފައެވެ. އެގޮތުން، ސިޓީ ކައުންސިލުން ހިޔާ ސަރަހައްދުގައި ގާއިމްކުރާ ވަގުތީ މާރުކޭޓުތަކުން 30 ގޮޅި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އެ ގޮޅިތައް ދޫކުރަން ހަމަޖެހިފައިވަނީ ގިނަ ވެގެން 50 ދުވަހުގެ މުއްދަތަށް ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

މީގެ ކުރިންވެސް ރަމަޟާން މަހާ ދިމާކޮށް އެޗްޑީސީން ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ވަގުތީ މާރުކޭޓުތައް ގާއިމްކޮށްފައިވެއެވެ.