17 Apr 2012, 16:18
ދެހާސް ނުވަ ވަނަ އަހަރުގެ ތެރޭގައި ށ. ބިލެތްފަހީ، ވިނަރެސްގޭގެ، ބަދިގެ ތެރޭގައި ދެ ބިދޭސީއެއްގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގައި އޭގެތެރެ އިން އެކަކު މަރުވި މައްސަލައިގައި ސްރީލަންކާގެ މީހެއްގެ މައްޗަށް ދައުލަތުން ކުރި ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ ސާބިތު ނުވާކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.
ދެހާސް ނުވަ ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ހަވަނަ ދުވަހުގެ ރޭ 8:00 ގައި ބިލެތްފަހީ، ވިނަރެސްގޭގެ ބަދިގެ ތެރޭގައި ހަމަނުޖެހުން ހިނގާފައި ވަނީ ބަންގްލަދޭޝްގެ ރީގަލް ކަރީމާއި ސްރީލަންކާގެ ސަގަރަ ބަންޑަރަ އަޑިކަރަމް ވަލައްވެ އާއި ދެމީހުންގެ މެދުގައެވެ. އެ ހަމަނުޖެހުމުގައި ލިބުނު އަނިޔާތަކަށް ފަރުވާ ދެމުން ދަނިކޮށް އޭގެ ދެ ދުވަސް ފަހުން ކަރީމް ވަނީ މަރުވެފަ އެވެ.
އެ މައްސަލައިގެ ނިޔާ ކަނޑައެޅުމަށް ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ހުކުމް އިއްވަވަމުން ކްރިމިނަލް ކޯޓުގެ ގާޒީ އަބްދުލް ބާރީ ޔޫސުފް ވިދާޅުވީ ސަގަރަ އެމީހާ މަރާލިކަމަށް ދައުލަތުން ހުށަހެޅި އެއްވެސް ހެއްކެއްގެ ހެކި ބަހުން އެނގެން ނެތް ކަމަށެވެ.
ގާޒީ ވިދާޅުވީ ލީގަލް ކަރީމް މަރުވީ އެއްޗަކުން ޖެހުމުން ކަމެއް އަދި ތަނެއްގައި ޖެހިކަމެއް ދައުލަތުން ޝަރީއަތަށް ހުށަހެޅި އޭނާގެ މެޑިކޯ ލީގޯ ރިޕޯޓުން އެނގެން ނެތް ކަމަށެވެ. އަދި ވިދާޅުވީ އެ މީހާ މަރުވެފައި ވަނީ އޭނާ ގަސްތުގައި ދީފައިވާ ހަމަލާއަކުން ކަން އެނގެން ނެތްނަމަވެސް އިސްލާމީ ޝަރީއަތުގައިވާ ގޮތުން މަރުގެ އެހެން ބާވަތަކަށް އެ މައްސަލަ ފިޓްކުރެވިދާނެ ގޮތަށް ބެލެވިދާނެ ކަމަށެވެ. ނަމަވެސް ދުވާގެ ސިފަ ބަދަލު ކުރުމަކީ ފަނޑިޔާރުންނަށް ލިބިގެންވާ ބާރެއް ނޫންކަމަށް ހައިކޯޓުން ކަނޑައެޅުމުން އެހެން ގޮތަކަށް ދައުވާ ބަދަލު ނުކުރެވޭނެ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.
އެ މައްސަލައިގައި ހެކިބަސް ދިން ބަންގްލަދޭޝްގެ ތިން މީހުންގެ ތެރެއިން ދެ މީހަކު ބުނެފައި ވަނީ އެ ރޭ 8:00 އެހާކަންހާއިރު ބަދިގެ ތެރެއިން ޒުވާބުކުރާ އަޑަށް އެ ދެމީހުން ދިޔައިރު ބަދިގެތެރޭގައި ހުރި ކާކޮޓަރި ތެރޭގައި އެ ދެމީހުން ތިބި ކަމަށެވެ. އަދި އެވަގުތު ސަގަރައާއި މަރުވި ރީގަލް ކަރީމާއި ދެމީހުންވެސް ހުރީ ކޮޅަށް ކަމަށާއި ސަގަރަގެ އަތުގައި ކްރިކެޓް ކުޅޭ ބެޓެއް އޮތް ކަމަށެވެ.
ހެކިބަސް ދިން އަނެއް މީހާ ބުނީ އެރޭ ސަގަރައާއި މަރުވި ރީގަލް ކަރީމް ބަދިގެ ތެރޭގައި ފިޔާކޮށަން ތިއްބާ ބަދިގެ ތެރެއިން ހަޅޭލަވާ އަޑަށް ދިޔައިރު އެ ދެމީހުން ވެސް ތިބީ ކޮޅަށް ކަމަށާއި އެވަގުތު ރީގަލް ކަރީމްގެ އަތުގައި ކްރިކެޓް ބެޓެއް އޮތްކަމަށެވެ. އަދި އެވަގުތު ރީގަލް ކަރީމް ރޮމުން ސަގަރަ ޖެހުމުން ތަދުވާކަމަށް ބުނެފައިވާކަމަށެވެ.
އެ ހާސިދިސާ ހިނގި ދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް ސަގަރަ ހުރީ ފުލުހުންގެ ހައްޔަރުގައެވެ.