މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގެ މައި މަރުކަޒެއްގެ ގޮތުގައި ދަރުބާރުގެ ބޭނުންކުރަން ހަމަޖައްސައިފިއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނައިބު ރައީސް އިސްމާއިލް ހަބީބް "ސަން"އަށް ވިދާޅުވީ އިންތިޚާބުގެ މައި މަރުކަޒެއްގެ ގޮތުގައި ދަރުބާރުގެ ބޭނުންކުރަން ސަރުކާރުން އެތަން އީސީއަށް ހަމަޖައްސައިދީފައިވާ ކަމަށެވެ.

އިންތިޚާބުގެ މައި މަރުކަޒެއްގެ ގޮތުގައި އެންމެ ފުރަތަމަ ބޭނުންކުރަން ހަމަޖެއްސީ ދިވެހިރާއްޖޭގެ އަޑު ހިންގާ އިމާރާތުގެ ބައެކެވެ. ނަމަވެސް އެއިމާރާތުން މީހުން ހުސްކުރެވިފައި ނުވާތީ އާއި، އިމާރާތް ލިބުން ލަސްވެއްޖެ ނަމަ މަރާމާތަށް ހޭދަވާނެ މުއްދަތު ދިގުލައިގެން ގޮސް އިންތިޚާބުގެ މަސައްކަތްތައް ލަސްވެދާނެތީ އިތުރު ތަނެއް ހޯދައިދިނުމަށް އެދުނީ ކަމަށް ހަބީބު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިމަހުގެ 28 ވަނަ ދުވަހުން ފެށިގެން އީސީގެ މަސައްކަތްތައް ދަރުބާރުގޭގައި ފަށަން ހަމަޖެހިފައިވާ ކަމަށާއި، ތަނަށް ގެންނަން ހުރި މަރާމާތެއް ވާނަމަ އެމަސައްކަތްތައް ވެސް ކުރާނެ ކަމަށެވެ. އެމަސައްކަތްތައް ނިންމުމަށްފަހު އަންނަ އޭޕްރިލް މަހުގެ 25 ވަނަ ދުވަހު އިންތިޚާބާ ގުޅޭ މަސައްކަތްތައް ދަރުބާރުގޭގައި ފެށުމަށް ކޮމިޝަނުން މިހާރު ވަނީ ނިންމާފައެވެ.

މީގެއިތުރުން، އިންތިޚާބަށް އީސީން ވަމުން އަންނަ އެންމެ ފަހުގެ ތައްޔާރީތަކުގެ މައުލޫމާތު ހިއްސާކުރައްވަމުން ހަބީބު ވިދާޅުވީ، އަތޮޅުތެރެއާއި މާލޭގެ ބައެއް ވޯޓުލާ މަރުކަޒުތަކުގެ ސާވޭ މިހާރު ކުރަން ފަށާފައިވާ ކަމަށެވެ. އަދި އެފަދަ މަސައްކަތަށް ބޭނުންވާ މުވައްޒަފުން ހޯދުމުގެ ކަންކަން ކުރަމުން އަންނަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ބާއްވަން ނިންމާފައިވާއިރު، ދެވަނަ ބުރެއް ބާއްވަން ޖެހޭނަމަ އެ ވޯޓްލުން އޮންނާނީ އެމަހުގެ 30 ވަނަ ދުވަހުއެވެ.

މި އަހަރުގެ ރިޔާސީ އިންތިޚާބު ބޭއްވުމަށް 90 މިލިއަން ރުފިޔާ ބަޖެޓުގައި ކަނޑައަޅާފައިވެއެވެ.