ސައްހަ ނޫން ޓެލެގްރެފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައި، މަކަރާއި ހީލަތުން އޮޅުވާލައިގެން މުދާ އެތެރެ ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ ތިން މިލިއަނަށްވުރެ ގިނަ ރުފިޔާގެ މުއާމަލާތްކުރިކަން ހާމަވެއްޖެއެވެ.

އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ފުލުހުން އިއްޔެ ހައްޔަރު ކުރީ 37 އަހަރުގެ ފިރިހެނެކެވެ. އޭނާ ހައްޔަރުކުރީ ރާއްޖެއިން ބޭރުގެ އެކި ގައުމުތަކުގެ ކުންފުނިތަކުން މަކަރާއި ހީލަތުން މުދާ އެތެރެކޮށް، އެ މުދާ ވިއްކައި އޭގެއިން މަންފާ ހޯދަމުންދާކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ބަންދަށް ވަނީ 15 ދުވަސް އިތުރު ކޮށްދީފައެވެ.

އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރި ކޯޓު އަމުރުން އެނގޭ ގޮތުގައި އެ މައްސަލައިގައި ހިމެނޭ ފައިސާގެ އަދަދު ތިން މިލިއަން ރުފިޔާއަށްވުރެ މަތިވާނެއެވެ.

ބައެއް ޓީޓީތަކުގައި ބޭނުންކޮށްފައިވަނީ އޭނާގެ އަމިއްލަ ނަމާއި ފޯނު ނަންބަރު ކަމަށާއި މައިގަނޑު ގޮތެއްގައި އޮޅުވާލައިގެން އޭނާ އެތެރެކޮށްފައިވަނީ މޭވާ އާއި ތަރުކާރީ ކަމަށް ވެސް އެ ކޯޓު އަމުރުގައި ވަނީ ބުނެފައެވެ.

"ހުރިހާ ޓީޓީ އަކީ ވެސް ސައްހަނޫން ޑޮކިއުމަންޓްތަކެއްކަން ބޭންކުން ކަށަވަރު ކޮށްދޭ," ކޯޓު އަމުރުގައި ބުނެފައިވެއެވެ.

ފުލުހުން ބުނީ އޭނާގެ މައްސަލަ މިހާރު ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމެންޓުން ތަހުގީގު ކުރަމުންދާ ކަމަށެވެ.

މަކަރާއި ހީލަތުން އޮޅުވާލައިގެން މުދާ އެތެރެކޮށް ވިއްކާ ކަމުގެ ތުހުމަތުގައި ދޭތެރެ ދޭތެރެއިން ފުލުހުން އެކި މީހުން ހައްޔަރުކުރެއެވެ. ވަކިން ޚާއްސަކޮށް، މި ފަހަކަށް އައިސް މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާ ހޯދުމުގެ މައްސަލަ ބޮޑުވެ، އެފަދަ މައްސަލަތައް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.