ޔުނިވާސިޓީ ލެކްޗަރާއިންގެ މުސާރައަށް އަންނާނެކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވި ހެޔޮ ބަދަލު ކުރިއަށް އޮތް ދެތިން ދުވަސް ތެރޭ އިއުލާންކުރާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދު ވިދާޅުވެއްޖެއެވެ.

ފާއިތުވި މަހު އިއްވި ރިޔާސީ ބަޔާނުގައި ރައީސް ޞާލިޙުވަނީ މި މަހު ލެކްޗަރާއިންގެ މުސާރައަށް އަންނަ ބަދަލު އިއުލާން ކުރައްވާނެކަމަށް ވިދާޅުވެފައެވެ.

އެކަމާ ގުޅޭ ގޮތުން "ސަން"އިން ސުވާލުކުރުމުން ރައީސްގެ ތަރުޖަމާނު މިއުވާން ވިދާޅުވީ، ރައީސް އެމަނިކުފާނުގެ ވައުދު ފުއްދަވާނެކަމަށެވެ.

އަދި ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ވެސް މޭ މަހު ބޮޑުވާނެކަމަށް މިއުވާން ވިދާޅުވިއެވެ.

ލެކްޗަރާއިން އެ މީހުންގެ މުސާރަތައް ބޮޑުކުރުމަށް ޑިމާންޑުކުރަން ފެށީ ޓީޗަރުންގެ މުސާރަ ބޮޑުކުުރުމާއެކުގައެވެ. އެއީ ހެޔޮ ބަދަލެއްގެ ގޮތުގައި ލެކްޗަރާއިން ފާހަގަކުރާ ކަމެއް ކަމުގައިވީ ނަމަވެސް ޔުނިވާސިޓީ މުވައްޒަފުން ބާކީވުމަކީ ކަންބޮޑުވުމެއްގެ ގޮތުގައި ލެކްޗަރާއިން ފާހަގަކުރެއެވެ.

މިދިޔަ އަހަރުގެ ތެރޭ ގައުމީ ޔުނިވާސިޓީގެ މުވައްޒަފުންވަނީ މުސާރަ ބޮޑުކޮށްދިނުމަށް ގޮވައިލައި ހިމޭން އިހްތިޖާޖެއް ވެސް ކޮށްފައެވެ.