އިންޑިއަން އައިޑަލްއިން ވިދާލި މަޝްހޫރު ތަރިންކަމަށްވާ ޕަވަންދީޕް ރަޖަން އާއި އަރުނީތާ ކަންޖީލާލް ޝޯއެއް ދިނުމަށް މިއަދު ރާއްޖެ އަތުވެއްޖެއެވެ.

ޕަވަންދީޕް އާއި އަރުނީތާ ރާއްޖެ އައީ މިއަދުގެ މެންދުރުގެ ވަގުތެއްގައެވެ. އެމީހުން ރާއްޖެ އައީ އިންޑިއާ އާއި ރާއްޖޭގެ ފަންނާނުން ބައިވެރިވާ ޓުއަނިވަލް ހަރަކާތުގެ ތެރެއިން އަންނަ ހުކުރު ދުވަހު އޮންނަ މިއުޒިކަލް އައިޑަލް ޝޯގައި ބައިވެރިވުމަށެވެ.

މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި "ސަން"އިން ކުރި ސުވާލަކަށް ޖަވާބުދެމުން ޕަވަންދީޕް އާއި އަރުނީތާ ބުނީ ދިވެހިންނާ ބައްދަލުކޮށް، ޝޯ ދިނުމަށް ކެތްމަދުވެފައިވާ ކަމަށެވެ. އެ ޝޯގައި ވަރަށް ފުރިހަމަ ހުށަހެޅުންތައް ހުށަހަޅައިދިނުމަށް ދިނުމަށް ގިނަ މަސައްކަތްތަކެއް ކުރާނެ ކަމަށް އެ ދެ މީހުން ބުންޏެވެ.

ޕަވަންދީޕާއި އަރުނީތާ --- ސަން ފޮޓޯ/ ނާއިލް ހުސެއިން

"ރާއްޖެއަކީ ވަރަށް ވެސް ރީތި ތަނެއް. މިއީ އަހަރުމެންގެ ފުރަތަމަ ފަހަރު ރާއްޖެއައި. ފްލައިޓުން އައި އިރު ފެނުނު ރާއްޖޭގެ ރީތިކަން،" އަރުނީތާ ބުންޏެވެ.

ޕަވަންދީޕް އާއި އަރުނީތާ ރާއްޖޭގައި މަޑުކުރަނީ މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު)ގެ ކުރެއްދޫ އައިލެންޑް ރިސޯޓުގައެވެ.

މި ޓުއަނިވަލާ ބެހޭގޮތުން ޓުއަނިވަލްގެ ކޯފައުންޑަރު މުހައްމަދު ޒާކިރު މީގެ ކުރިން ވިދާޅުވީ މިއުޒިކަލް އައިޑަލްގެ ނަމުގައި އޮންނަ މި ހަރަކާތަކީ މީގެ ކުރިން ވެސް ބޭއްވި ވަރަށް ކާމިޔާބު ހަރަކާތެއްކަމަށެވެ.

ޕަވަންދީޕް ރަޖަން --- ސަން ފޮޓޯ/ ނާއިލް ހުސެއިން

މިއުޒިކަލް އައިޑަލްގެ ނަމުގައި އޮންނަ މި ޝޯއަކީ ދިވެހިންނަށް ޚާއްސަ ކުރާ ހަރަކާތެއްކަމަށް ޒާކިރު ވިދާޅުވިއެވެ.

މި ޝޯގައި ދިވެހި ދެ ފަންނާނުންކަމަށްވާ ޝަލަބީ އިބްރާހީމާއި، ރާފިޔަތު ރަމީޒާ ވެސް ލަވަ ހުށަހަޅާނެއެވެ.

މި ޝޯއަަށް ވަދެވޭނީ ޓިކެޓު ނަގައިގެންނެވެ. އެގޮތުން އެންމެ އާދައިގެ ޓިކެޓެއްގެ އަގަކީ 80 ރުފިޔާއެވެ. ވިޔަފާރިއަކަށް ނުވަތަ މަތީ ފެންވަރުގެ ޓިކެޓެއްގެ އަގަކީ 150 ރުފިޔާއެވެ. އޭގެ އިތުރުން ވީއައިޕީ ޕެކޭޖެއް ވެސް ހިމެނެއެވެ. އެ ޕެކޭޖު ނެގުމުން ތަރިންނާއެކު ފޮޓޯ ނެގުމުގެ ފުރުސަތު ލިބޭނެއެވެ.

ޓިކެޓު މިހާރު މޫލީ މެދުވެރިކޮށް ގަނެވެން ހުންނާނެއެވެ. ހަމައެއާއެކު ސޮލައިޓް ރެސްޓޯރަންޓުންނާއި މަންހަންޓަން ރެސްޓޯރެންޓުން ވެސް ޓިކެޓު ގަންނަން ލިބޭނެއެވެ.

މި ހަރަކާތް އިންތިޒާމުކުރުމުގައި ޔޫތު މިނިސްޓްރީއާއި ޓޫރިޒަމް މިނިސްޓްރީން ވެސް ބައިވެރިވެއެވެ. އަދި މި ހަރަކާތް އޮންނަނީ ހުޅުމާލެ ސިންތެޓިކް ސްޓޭޑިއަމްގައެވެ.