01 Mar 2023, 13:58
މަސްތުވާތަކެތި ބޭނުންކޮށްގެން ޕާޓީކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ފުލުހުންގެ، ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓް (ޑީއީޑީ)ގެ އޮފިސަރު ވަޒީފާއިން ވަކި ކުރުމަށް ޕޮލިސް ޑިސިޕްލިނަރީ ބޯޑުން ނިންމައިފިއެވެ.
މަސްތުވާތަކެތި ބޭނުން ކޮށްގެން ޕާޓީކުރި މައްސަލާގައި އިތުރު ބަޔަކާއެކު ޑީއީޑީ އޮފިސަރު ހަސަން ޝުޖާއު ހައްޔަރު ކުރީ މިދިޔަ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ރެއެވެ.
ހައްޔަރުކުރި މީހުންގެ ތެރެއިން ޑީއީޑީ އޮފިސަރުގެ މައްސަލަ ބެލުމަށް އޭނާސަސްޕެންޑްކޮށްފައިވާ ކަމަށް މީގެ ކުރިން ފުލުހުން ވަނީ ބުނެފައެވެ. އަދި އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ޖިނާއީ މައްސަލައާއި އިދާރީ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ވެސް އޭރު ފުލުހުން ވަނީ ބުނެފައެވެ.
އެކަމާ ގުޅިގެން ފުލުހުންގެ ތަރުޖަމާނު ޔޫނުސް ސޮބާހު މިއަދު "ސަން"އަށް ވިދާޅުވީ އެ މައްސަލާގައި ހައްޔަރުކުރި ޑީއީޑީ އޮފިސަރުގެ މައްސަލަ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑްއިން ތަހުގީގުކޮށް، ޕޮލިސް ޑިސިޕްލިނަރީ ބޯޑަށް މައްސަލަ ހުށަހެޅުމުން އޭނާ ވަޒީފާއިން ވަކި ކުރުމަށް ނިންމާފައިވާ ކަމަށެވެ.
"އެކަމަކު ފުލުހުންގެ ގާނޫނުން ކަނޑައަޅާފައިވާ އަދި އިސްތިއުނާފު ކޮމިޓީއަށް އިސްތިއުނާފު ކުރުމުގެ މުއްދަތު ހަމަނުވުމުގެ އިތުރުން ސަސްޕެންޝަންގައި ބެހެއްޓޭނެ އެންމެ ދިގު މުއްދަތު ދީފައިވާތީ އަދި ހުރީ ވަޒީފާގަ،" އޭނާ ވިދާޅުވިއެވެ.
މީގެ ކުރިން ވެސް ފުލުހުން ވަނީ، އެ އިދާރާއިން ހިންގާ އޮޕަރޭޝަންތަކުގައި ހައްޔަރު ކުރާ މީހަކީ ޑްރަގް އެންފޯސްމެންޓްގައި އުޅޭ ފުލުހެއް ނަމަވެސް އެއްވެސް އިސްތިސްނާއެއް ނެތި އެމީހަކާ ދޭތެރޭގައި ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން ދީފައެވެ.
ހަމައެއާއެކު، އޭނާއަކީ ޑްރަގް އެންފޯސްމެންޓްގެ ބެލުމުގެ ދަށަށް ގެނެވޭ މަސްތުވާތަކެތި ބަލަހައްޓާ ޓީމުގައި ހިމެނޭ ފުލުހެއް ނަމަވެސް އެ ޑިޕާޓްމެންޓްގެ ބެލުމުގެ ދަށަށް ގެނެވޭ މަސްތުވާތަކެތި ބެލެހެއްޓުމުގައި އަމަލުކުރާ އުސޫލު ހަމަޖެހިފައި އޮންނަ ގޮތުން އެތަކެތި ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ އެއްވެސް ފުރުސަތެއް އެ ފުލުހަށް ނުވަތަ އެހެންވެސް ފުލުހަކަށް ނޯންނާނެ ކަމަށް ވެސް ފުލުހުން ވަނީ ކުރިން ބުނެފައެވެ.
އެނގިފައިވާ ގޮތުގައި ޝުޖާއުއާއި އިތުރު ބަޔަކު ހައްޔަރުކޮށްފައި ވަނީ ހ. ސޯސަންމަންޒިލް ގެއިންނެވެ. އަދި އެ މީހުން ތިބި ތަނުން އެރޭ ގާތްގަނޑަކަށް އެއް ކިލޯގެ ޕާޓީ ޑްރަގްސް ފެނިފައިވާ ކަމަށް ވެސް "ސަން"އަށް މައުލޫމާތު ލިބިފައިވެއެވެ.
އެ މައްސަލައިގައި ހަތަރު އަންހެނަކާއި އަށް ފިރިހެނަކު ހައްޔަރުކުރިއެވެ. އޭގެ ތެރޭގައި ފިލްމީ ތަރިން ކަމަށްވާ އައިމިނަތު ރިޝްފާއާއި ހުނޭސާ އާދަމް ނަސީރު (ހުނޫ) ހިމެނެއެވެ.
އެ ދެ މީހުންގެ މައްޗަށް ވެސް ކޮށްފައި ވަނީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ، ވިޔަފާރި ކުރުމުގެ ތުހުމަތެވެ. ނަމަވެސް ފަހުން އެ ދެ މީހުން ވަނީ ދޫކޮށްލާފައެވެ.