02 Mar 2023, 08:57
ގޭމް އޮފް ތުރޯންސް އިން ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ ތަރި ނެޓަލީ ޑޯމާ، ދެކުނު އެފްރިކާގެ ސީރީޒްއެއްގެ ލީޑަށް ހަމަޖައްސައިފިއެވެ.
ހޮލީވުޑްގެ ބޮޑެތި ޕްރޮޖެކްޓުތަކުގައި ވެސް މަސައްކަތް ކުރަމުން އަންނަ ނެޓަލީ ބޮޑު މަގުބޫލުކަމެއް ހޯދާފައިވަނީ ގޭމް އޮފް ތުރޯންސް އިން އޭނާ ކުޅެފައިވާ ރޯލު "މާޖެރީ" އިންނެވެ.
މިފަހަރު އޭނާ ތައްޔާރު ވަމުން އަންނަނީ ދެކުނު އެފްރިކާ ސީރީޒްއެއް ކުޅުމަށެވެ. މައުލޫމާތު ލިބޭ ގޮތުގައި އޭނާ ފެންނާނީ ދެކުނު އެފްރިކާގެ ތުރިލާ އަދި އެކްޝަން ސީރީޒް އަކުންނެވެ.
ދެކުނު އެފްރިކާގެ ކާމިޔާބު ޑައިރެކްޓަރެއް ކަމަށްވާ ބްރެންޑަން ޑޭނިއަލްސްގެ އުފައްދާ މި ސީރީޒް މަސައްކަތް ފެށުމަށް ވަނީ މިހާރު ތައްޔާރުވެފައެވެ. އެގޮތުން ނެޓަލީ ވަނީ ދާދި ފަހުން އެފްރިކާގެ ކޭޕް ޓައުން އަށް ގޮސްފައެވެ. އަދި މި އަންނަ ހަފުތާގެ ތެރޭގައި ސީރީޒްގެ ޝޫޓިން ފެށުމަށް ވަނީ ހަމަޖެހިފައެވެ.
"ވައިޓް ލައިސް" ނަމަކަށް ކިޔާ މި ސީރީޒްގެ މައިގަނޑު ޕްލޮޓުގެ މައުލޫމާތު ވަނީ ހިއްސާކޮށްފައެވެ. އެގޮތުން ވައިޓް ލައިސްގައި އަލިއަޅުުވާލާނީ އެޑީ ނަމަކަށް ކިޔާ އިންވެސްޓިގޭޓިވް ނޫސްވެރިއެއްގެ ދިރިއުޅުމަށެވެ. ނެޓަލީ އެ ރޯލު ކުޅުމަށް ހަމަޖެހިފައިވާއިރު ޝޯއިން ފެންނާނީ އޭނާގެ ގާތް އެކުވެރިއެއްގެ ބޮލުގައި ދޮގު ތުހުމަތު ތަކެއް އެޅުވުމުން ކަންތައް ވެގެންދާ ތަނެވެ. އެޑީ އެކަންތައްތަކުގެ ހަގީގަތް ހޯދަން އުޅުމުގެ ތެރޭގައި ފެނިގެން ދަނީ އޭނާ ދިރިއުޅޭ އަވަށް ތެރެއިން ވެސް ނުފެންނަ ބިރުވެރި ކަންތައްތަކެވެ.