ކާޑެއްދޫ އެއާޕޯޓުގައި ގްރައުންޑް ހޭންޑްލިންއަށް ނަގާ ފީ ބޮޑުކުރުމާއެކު މޯލްޑިވިއަނުން ދަތުރުކުރުކުރާ ހުރިހާ މަންޒިލެއްގެ ޓިކެޓުގެ އަގުތައް އައިލޭންޑް އޭވިއޭޝަނުން ބޮޑުކޮށްފިއެވެ.

އައިލޭންޑް އޭވިއޭޝަނުން ވަނީ ޓިކެޓުގެ އަގުތަކަށް ގެނައި ބަދަލު މިހާރު މޯލްޑިވިއަންގެ ވެބްސައިޓުގައި ވެސް އާންމުކޮށްފައެވެ.

އެންމެ އަގު ބޮޑުވީ ކާޑެއްދޫ އެއާޕޯޓަށް ކުރާ ދަތުރުގެ ޓިކެޓު އަގެވެ. ކުރިން އެ ދަތުރުތަކަށް 1،498 ރުފިޔާ ނެގި ނަމަވެސް މިހާރު 1،693 ރުފިޔާ ނަގާނެއެވެ. އެއީ 195 ރުފިޔާ އިތުރު ވުމެކެވެ.

ޖުމްލަ ގޮތެއްގައި އެހެން ސަރަހައްދުތަކުގެ ޓިކެޓް އަގުތަކަށް އިތުރުވީ 100 ރުފިޔާއެވެ.

އެ ކަމާ ގުޅިގެން "ސަން"އާ ވާހަކަދައްކަވަމުން އައިލޭންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިިރެކްޓަރު އައިޝަތު ޖެނިފާ ވިދާޅުވީ މީގެ ކުރިން ޖީއެސްޓީ ބޮޑުވުމުން ވެސް އަގުތައް ބޮޑުނުކުރި ނަމަވެސް، މިފަހަރު އަގުތައް ބޮޑުކުރަން މަޖުބޫރުވީ ގްރައުންޑް ހޭންޑްލިންގެ އަގުތައް ވަރަށް ބޮޑަށް މަތިވުމުން ކަމަށެވެ.

"އަޅުގަނޑުމެން ގްރައުންޑް ހޭންޑްލިންއަށް ކުރަންޖެހޭ ޚަރަދު މިއޮތީ ވަރަށް ބޮޑުތަނުން ކާޑެއްދޫ އެއާޕޯޓުން ވެސް ބޮޑުކޮށްފައި. ދެން ރީޖަނަލް އެއާޕޯޓުން ހިންގާ އެއާޕޯޓުތަކުގައި ވެސް ހޭންޑްލިންގެ އަގުތައް ވަނީ ބޮޑުވެފައި. އެހެންވީމާ އަޅުގަނޑުމެންނަށް ވެސް ދެމެހެއްޓެނިވި ގޮތުގައި މި ވިޔަފާރިކުރަން ވެއްޖެޔާ އެކަނި މި ޚަރަދު ބެއާ ނުކުރެވޭނެ ދެއްތޯ،" ޖެނިފާ ވިދާޅުވިއެވެ.

ޖެނިފާ ވިދާޅުވީ މީގެ ކުރިން ގްރައުންޑް ހޭންޑްލިންއަށް ގާތްގަނޑަކަށް 200 ޑޮލަރު ނެގި ނަމަވެސް މިހާރު ފްލައިޓަކަށް 600 ޑޮލަރަށްވުރެ އިތުރަށް ނަގަން ފަށައިފައިވާ ކަމަށެވެ. އެއީ ވަަރަށް ބޮޑު މަތިވުމެއްކަމަށް ޖެނީފާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އަގުތައް ބޮޑުނުކޮށް ޚިދުމަތް ދޭން މަސައްކަތްކުރި ނަމަވެސް އެއީ ދެމެހެއްޓެނިވި ގޮތެއްގައި ކުންފުންޏަށް ކުރެވޭނެ ކަމެއް ނޫންކަމަށެވެ.

ޓިކެޓުގެ އަގު ބޮޑުވުމާއެކު އާންމުންގެ ނުރުހުމާއި ހިތްހަމަނުޖެހުން އަނެއްކާ ވެސް އަންނަނީ ފާޅުކުރަމުންނެވެ.