01 Mar 2023, 12:12
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ރޯދަމަހާ ދިމާކޮށް ފިޔާ، ބިސް އަދި އަލުވީގެ އަގު ހެޔޮކޮށްފިއެވެ.
އެސްޓީއޯއިން ބުނީ ރޯދަމަހަށް ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ތަކެތި، މެދުކެނޑުމެއް ނެތި ހެޔޮ އަގުގައި ފޯރުކޮށްދިނުމަކީ އެ ކުންފުނީގެ އަމާޒެއް ކަމަށާއި، އެކަމުގެ ތެރެއިން އެންމެ ޒަރޫރީ ތަކެތީގެ އަގު ހެޔޮކޮށްފައިވާނެ ކަމަށެވެ.
އެގޮތުން ބިހެއް އެއް ރުފިޔާ ހަތްދިހަ ފަސް ލާރިއަށް ލިބޭނެ އިރު، ބިސް ކޭހެއް ލިބެނީ 320 ރުފިޔާއަށެވެ. މިއީ އެސްޓީއޯއިން ނިމިދިޔަ އަހަރުގެ ރޯދަމަހާ ދިމާކޮށްވެސް އެ ތަކެތި ވިއްކި އަގެވެ.

އެސްޓީއޯގެ ޕީޕަލްސް ޗޮއިސް ސުޕަމާޓް --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން
މީގެ އިތުރުން ފިޔާ ކިލޯއެއް ނުވަ ރުފިޔާއަށް ލިބޭނެ އިރު، ފިޔާ ބަސްތާއެއް 180 ރުފިޔާއަށް ލިބޭނެއެވެ. އަދި އަލުވި ކިލޯއެއް 11 ރުފިޔާއަށް ލިބޭއިރު، އޭގެ ބަސްތާއެއް ލިބޭނީ 250 ރުފިޔާއަށެވެ. މި އަހަރުގެ ރޯދަމަހާ ދިމާކޮށް މި ތަކެތީގެ އަގު ބޮޑުތަނުން ހެޔޮވިއިރު، ނިމިދިޔަ އަހަރުގެ ރޯދަ މަހު އެސްޓީއޯއިން ފިޔާކިލޯއެއް ވިއްކީ 14 ރުފިޔާއަށެވެ. އަދި އަލުވި ކިލޯއެއް ވިއްކީ 13 ރުފިޔާއަށެވެ.
ރޯދަމަހަކީ ފިޔާ، އަލުވި އަދި ބިހަށް ޑިމާންޑް ބޮޑު މަހަކަށް ވުމުން، އެ ތަކެތި ހުސްވިޔަނުދީ ހިފެހެއްޓުމަށް ވެސް އެސްޓީއޯ އިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ޑިމާންޑް އަދި ސަޕްލައިއަށް ބަލައިގެން، ޖުމްލަ ހަ ޝިޕްމެންޓެއް ގެނައުމަށް އެކުންފުނިން ވަނީ ރާވާފައެވެ. އޭގެ ތެރެއިން ފުރަތަ ޝިޕްމެންޓް ނިމިދިޔަ މަހުގެ 27 ވަނަ ދުވަހު ވަނީ ގެނެސްފައެވެ.
އެހެންކަމުން، އިއްޔެ އިން ފެށިގެން އެސްޓީއޯ އިން ވަނީ އަގުހެޔޮކޮށް މި ތަކެތި ވިއްކަން ފަށާފައެވެ. މިގޮތުން އެސްޓީއޯ ޕީޕަލްސް ޗޮއިސް އަދި ހޯލްސޭލް ސެންޓަރުން މިހާރު އެ ތަކެތި އަގުހެޔޮކޮށް ލިބޭނެ ކަމަށް އެކުންފުނިން ބުނެއެވެ.

އޭޕްރީލް 22، 2020: ބާޒާރު މަތީގައި މީހަކު ފިޔާބަސްތާތަކެއް ބާލުވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ
މީގެ އިތުރުން، ހޯލްސޭލްކޮށް މުދާ ދޫކުރާނީ ތިން ސަރަހައްދަކުން ކަމަށް އެސްޓީއޯ އިން ބުންޏެވެ. އެގޮތުން އެއީ އެސްޓީއޯ ހޯލްސޭލް ސެންޓަރާއި އެސްޓީއޯ އިންޑަސްޓްރިއަލް ވިލޭޖްއިންނެވެ. އެހެންނަމަވެސް އިންޑަސްޓްރިއަލް ވިލެޖުން ދޫކުރަން ފަށާނީ އަންނަ އާދިއްތަ ދުވަހުން ފެށިގެންނެވެ. އަދި ހުޅުމާލޭގައި ހުޅުވާ ރޯދަ މާރޓްގެ ޚިދުމަތް ފެށިގެންދާނީ މިމަހުގެ 20 ވަނަ ދުވަހު ކަމަށް އެ ކުންފުނިން ބުންޏެވެ.
އެސްޓީއޯއިން ބުނީ އަތޮޅުތެރޭގެ 11 ސަރަހަދެއްގައި ގާއިމްކުރެވިފައިވާ އެސްޓީއޯގެ 11 ފިހާރައަކަށް ފިޔާ ބިސް އަދި އަލުވި ފޮނުވޭނެ ކަމަށެވެ. އަދި އެ ތަކެތި ސަރަހައްދީ އެހެން ރަށްރަށަށް ފޯރުކޮށްދިނުމުގައި އެސްޓީއޯއިން އެހީތެރިވާނެކަމަށް ވެސް އެކުންފުނިން ވަނީ ބުނެފައެވެ.
މީގެ އިތުރުން ރޯދަމަހަށް ހާއްސަކޮށްގެން، ޒަރޫރީ ބޭނުމަށް ބޭނުންވާ ކާބޯތަކެތީގެ އެހެނިހެން ބާވަތްތައްވެސް ގެނެވޭނެ ކަމަށް އެސްޓީއޯ އިން ބުނެއެވެ.

ލޯކަލް މާރުކޭޓު: ރޯދަމަހަށް ހާއްސަކޮށްގެން ކާބޯތަކެތީގެ ނައިޓު މާކެޓެއް ބޭއްވުމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ނިންމާފައި -- ސަން ފައިލް ފޮޓޯ
އެގޮތުން، ލީސިން ޕާޓްނަރުން ފޯރުކޮށްދޭ މުދާވެސް ހުސްނުވެ އެސްޓީއޯ ޕީޕަލްސް ޗޮއިސްއިންނާއި، ހުޅުމާލެ ރޯދަ މާޓުން ލިބެން ހުންނާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.
އަދި މާކެޓްގައި ޒަރޫރީބޭނުމަށް ބޭނުންވާ ވަކި މުދަލެއްގެ އަގު މަތިވެގެން އަންނަނަމަ އެސްޓީއޯއިން އިންޓަވީން ކުރާނެ ކަމަށާއި އަގު ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރާނެ ކަމަށް ވެސް ބުނެފައިވެއެވެ.
އެސްޓީއޯ އިން ރޯދަމަހަށް ވަރަށް ބޮޑަށް ތައްޔާރުވަމުންދާއިރު، އެކުންފުނީގެ އެގްރި ސެންޓަރުންވެސް ރާއްޖޭގެ ދަނޑުވެރިން ހައްދާ އުފެއްދުންތައް ލިބޭނެއެވެ. މީގެ ތެރޭގައި އެންމެ ޚާއްސަކޮށް މެލަން، ދޮންކެޔޮ، ފަޅޯ، ކަރާ، ކިއުކަންބާ އަދި މިރުސް ލިބޭނެ ކަމަށް އެކުންފުނިން ބުންޏެވެ.
އަދި މި ތަކެތި އެސްޓީއޯގެ ހޯލް ސޭލް ސެންޓަރުން އަދި ރޯދަ މާޓުގެ އިތުރުން، ވިލިމާލެ ފިހާރައިން ވެސް ލިބޭނެއެވެ.